ރާއްޖޭގައި އުފެދުނު މޮޅު ޅެންވެރިއެއް ކަމަށްވާ އާމިނަތު އައްބާސް: އޭނާ ވަނީ އިއްޔެ އަވަހާރަވެފައި

ދިވެހި ބަސް

12 ޖުލައިގައި ދިވެހި އަދަބިއްޔާތުން އެ ގެއްލުނީ، 'ބަރާބަރު ބާރަ'

އާމިނަތު އައްބާސް އަވަހާރަވުމަކީ ދިވެހި ޅެންވެރިކަމަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ނޫނީ ބެލެވޭކަށް ނެތް

އެޑިމްބަރާގެ 'މޮރޭހައުސް ކޮލެޖް އޮފް އެޑިއުކޭޝަންގައި ތައުލީމީ ދާއިރާއިން ކިޔަވާވިދާޅުވި މަރުހޫމާ އާމިނަތު އައްބާސް (އައިންތު)، ވިލާ ކޮލެޖްގެ މިއަދުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރާ އެކު 1981 ގައި، ނ ވެލިދޫ ތައުލީމީ މަރުކަޒު ހިންގަވަން ހުންނެވި އެވެ. އޭގެ ފަހުން ގއ. ވިލިގިނލީ ތަޢުލީމީ މަރުކަޒު 1982ގައި ހިންގެވުމާ ވެސް ހަވާލުވެވަޑައިގަތެވެ. ނަމަވެސް އޭނާކީ ޚިދުމަތްތެރި ހެޑްމިސްޓްރެސްއެއް ކަން، މިއަދު ހަނދާން ހުންނާނީ ދާދި މަދު މީހެކެވެ. ސަބަބަކީ 80ގެ އަހަރުތަކުގެ ފަހުން އޭނާ ބޮޑަށް މަޝްހޫރުވެވަޑައިގަތީ އަދަބީ ދާއިރާއިން ކަމަށް ވީތީ އެވެ.

އައިންތުއަކީ މަންމާފުޅު ޑޭޒީމާގޭ ފާއިޒާ ފަދައިން، މަޝްހޫރު އަދީބު ބޮޑުފެންވަޅުގޭ ސީދީގެ ހަށިކޮޅުގައި ހިނގި އަދަބީ ރޫހުން، ޅެންވެރިކަމުގެ ފުރާނަ އެޅުނު ބޭފުޅެކެވެ.

"އަޅުގަނޑަށް ދެންނެވޭނީ، ދައްތަ [އާމިނަތު އައްބާސް]ގެ އަދަބީ އަސަރަކީ، މަންމާފުޅަށް ތިއްތިބޭ [ބޮޑުފެންވަޅުގޭ ސީދީ]ގެ ފަރާތްޕުޅުން ލިބިފައިވި، އަދަބީ އަސަރުގެ ބައެކޭ،" މި ވަގުތު ސިއްހީ ފަރުވާއަކަށް އިންޑިއާގައި ހުންނެވި، އައިންތުގެ ކޮއްކޮ މުހައްމަދު ހިލްމީ، ވިދާޅުވި އެވެ.

"މަންމަގެ މަންމަ ބޮޑުފެންވަޅުގޭ ދޮންދީދީއަކީ، އަޅުގަނޑުމެންގެ ދޮންބޭބެ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ކޮއްކޯފުޅެއް."

އަދަބަކީ އާޓްގެ ބައެކެވެ. އެއީ ސައިންސެއް ނޫންކަން އެންމެން ވެސް ދަނެ އެވެ. އައިންތު އާއި އޭނާގެ ބޭބެ އަހުމަދު އައްބާސް އަދި ކޮއްކޮ ހިލްމީއަށް ބަލާއިރު، ބޮޑުފެންވަޅުގޭ ސީދީގެ އަދަބީ ޑީއެންއޭގެ އާޓްގެ އަސަރު، ފާއިޒާ ފަދައިން، މި ބޭފުޅުންނަށް ވެސް ވަނީ ކޮށްފަ އެވެ.

އަހުމަދު އައްބާސްއަކީ މޮޅު ކުރެހުންތެރިއެކެވެ. ހިލްމީއަކީ ޅެންވެރިއެއްގެ އިތުރުން ލިޔުންތެރިއެކެވެ. އައިންތުއަކީ ފާއިޒާ ފަދައިން ކުޅަދާނަ ޅެންވެރިއެކެވެ. ވާހަކަ ލިއުންތެރިއެކެވެ. އަދީބެކެވެ. ދިވެހި ބަހަށް ހާއްސަ ގަދަރެއް ކުރެއްވި ބަސްވާރެކެވެ. ފާއިޒާއަކީ، ރާއްޖޭގެ މޮޅު ޅެންވެރިންގެ ބަގީޗާގެ ޑޭޒީ މަލަށް ވެވަޑައިގަތީ، ދިވެހި އަދަބިއްޔާތުގައި އެންމެ ވިދާ ތަރި ބޮޑުފެންވަޅުގޭ ސީދީ (ހިމާރުލް ގައުމު)ގެ ފަރާތްޕުޅުންނެވެ.

އައިންތުއަކީ އެކަނި ދިރިއުޅުއްވުމަށް ލޯބިކުރެއްވި ބޭފުޅެއް

"އަޅުގަނޑު ކުޑައިރު އަހައިއުޅޭ އެއް ވާހަކައަކީ، މަންމަގެ އުމުރުން ހަ އަހަރުގައި، ތިއްތިބޭ [ބޮޑުފެންވަޅުގޭ ސީދީ] ހައްދަވާ ޅެން ކިޔުއްވަން ބައިންދަވާ ވާހަކަ. އެގޮތަށް ތިއްތިބޭގެ ޅެންތައް ވިދާޅުވަމުން ގޮސް އުމުރުން 16 އަހަރުގައޭ، އެންމެ ފުރަތަމަ މަންމަ ޅެމެއް ހެއްދެވީ،" ހިލްމީ ވިދާޅުވި އެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި އައިންތު ވެސް، ވަރަށް ތުއްޕުޅު އިރު ޅެން ހައްދަވަން ފެއްޓެވި އެވެ. އަދި ދައްތަ އެ ހައްދަވާ ޅެން، މަންމައަށް ދައްކަވައިގެން، އިސްލާހުކުރެއްވުމުގެ މަސައްކަތް ކުރައްވަ އެވެ.

"އެކަމަކު މަންމަ އެއިން އެއްވެސް ޅެމެއް އަތްޕުޅުން ރަނގަޅެއް ނުކުރައްވާނެ. ދެއްވާނީ ޚިޔާލު. އެ ކުއްޖަކު އެ ޚިޔާލު ހޯދައިގެން އަމިއްލައަށް ޅެން ރަނގަޅު ކުރަން ޖެހޭނީ،" ހިލްމީއަށް ވުރެން، ގާތް ގަނޑަކަށް ދެ އަހަރު ދޮށީ ދައްތަގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވި އެވެ.

ކެންސަރުގެ އާލާސްކަންފުޅުގައި އައިންތު އިއްޔެ ވަނީ، 69 އަހަރުގައި، އަވަހާރަވެފަ އެވެ. އޭނާގެ ރައްޓެހިންނާއި މިތުރުން، އިޖުތިމާއީ ވިއުގައިގެ ތެރެއަށް ހަނދާންތައް އޮއްސާލި އެވެ. މިފަދަ އެއް ލިޔުމެއްގައި އައިންތުގެ ރައްޓެއްސަކު އޭނާ ސިފަކުރީ އެއީ، ހީސަމާސާކޮށް އުޅުއްވި ނަމަވެސް، ވަކި ސިޔާސަތެއް ގެންގުޅުއްވި، ތަފާތު މިޒާޖެއްގެ ވެރިއެއްގެ ގޮތުގަ އެވެ. މި މޭރުމުން އައިންތު ސިފަކުރި ރަހުމަތްތެރިޔާ އެ ބުނީ އެންމެ ތުއްޕުޅު އިރުއްސުރެން، ބައެއް މީހުންނަށް، އޭނާ ސިފަކުރެވުނު ގޮތެވެ. އެއީ އޭނާގެ މިޒާޖުގައި ހުންނަ ތަފާތެކެވެ. މަންމަގެ ފަރާތްޕުޅުން ވެސް ޚާއްސަ ކަމެއް އޭނާއަށް ލިބިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ މަންމައަކީ ފައްސަވާ އުޅުއްވި ބޭފުޅެއް. އަޅުގަނޑުމެން ތިން ބެއިންގެ ހެދުންތައް މަންމަ ފައްސަވާއިރު، ދައްތަގެ ހެދުން އަބަދުވެސް އިސްކުރައްވާކަން، އަޅުގަނޑަށް ފާހަގަކުރެވޭ،" ތުއްޕުޅު އިރުގެ ހަނދާންތައް ހިއްސާކުރައްވަމުން ހިލްމީ ވިދާޅުވި އެވެ.

"އެނގޭ ދައްތަގެ ހެދުން ނިންމަވާފައިކަން، އަޅުގަނޑުމެންގެ ހެދުން ފައްސަވާނީ. އެއީ، ދައްތަގެ މިޒާޖު ދެނެވަޑައިގެން، ދައްތައަށް މަންމަ އިސްކަން ދެއްވާކަން ހާމަވާ ކަމެއް."

އައިންތުއަކީ އެކަނި ދިރިއުޅުއްވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ފޭސްބުކް ޕޭޖަށް ބަލައިލުމުން ވެސް އާންމުކޮށް ފެންނާނީ ގިނިކަންޏާ ހުންނަވާ ފޮޓޯތަކެވެ. 

ކެންސަރު ބަލީގައި އުޅުއްވި ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި ވެސް ފެނުނީ ހިތްވަރުފުޅެވެ. އަޒުމް ވަރުގަދަ ކަމެވެ. ހަޔާތުގެ ދުވަސްތައް، އެހެން މީހަކަށް ބަރޯސާވުމަކާ ނުލައި، ގިނިކަންޏާ މެނޭޖުކުރެއްވި ތަނެވެ.

މި އަހަރުގެ 16 އެޕްރީލްގައި، އައިންތު އެންމެ ފަހުން ފާހަގަކުރެއްވީ 69 ވަނަ އުފަން ދުވަހުގެ ފޮޓޯ އެވެ. އެއީ ކޭކެއް ފަޅުއްވަން ގިނިކަންޏާ ހުންނެވި ފޮޓޯއެކެވެ. މި ފޮޓޯގެ ކެޕްޝަނުގައި ވިދާޅުވެފައިވަނީ، ހަޔާތުގެ މިހާތަނަށް އޭނާއަށް އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ހިކި ގަސްގަނޑެއްގެ މަތީގައި އިށީނދެވަޑައިގެން އިންނަވައި، ފޭސްބުކް ޕޭޖަށް ލެއްވި ފޮޓޯއަކީ ވެސް ކިޔައިދޭ، މާނަވީ ވާހަކައެކެވެ. އެހެންމެ ސިޑިއެއްގެ މަތީގައި އިށީނދެ އިންނަވަނިކޮށް ނެގި ފޮޓޯއަކާއި، އެކަނި ބައިސްކަލްގައި ދުއްވާލައިފައި ދާތީ ފެންނަ ފޮޓޯ ފަދަ، ކިތަންމެ ފޮޓޯއެއް، އެފްބީ ޕޭޖުގައި، އެދުވަހުގެ ތާރީޚާ އެކު، ލެއްވި އެވެ.

އައިންތު ލިއުއްވި ފޮތެއް ދައްކާލައްވަނީ: އޭނާގެ ޅެންވެރިކަން އައީ މަންމަ ޑޭޒީމާގޭ ފާއިޒާގެ ފަރާތްޕުޅުން

މިއިން ކޮންމެ ފޮޓޯއަކީ ވެސް ކިޔައިދިނުމެކެވެ. ނަމަވެސް މިފަދަ ގިނަ ފޮޓޯތަކުގެ ކެޕްޝަން، އައިންތު، ލިޔުއްވާފައެއް ނުވެ އެވެ. އެކަމަކު މަންމާފުޅާއި މާމާފުޅުގެ ފޮޓޯގައި މާނަވީ ކެޕްޝަނެއް ލިޔުއްވި އެވެ. އެ ބޭފުޅުންގެ ހަނދާންތައް އާކުރައްވައިފަ އެވެ. އެ ފަޅުކަން އިހުސާސް ކުރެއްވޭ ކަމެވެ. ހަމަ އެހެންމެ، މަންމަގެ ޅެންވެރިކަމަށް ފަޚުރުވެރިވާ މޭރުމުން، މަންމާފުޅުގެ ހުނަރަށް ތައުރީފް ކުރައްވައި، ލިޔުއްވައިފައި ވާތީ ވެސް ފެނެ އެވެ.

ދެން އެންމެ އަޅައިގަތް އަނެއް ފޮޓޯއަކީ، މަންމާފުޅުގެ ގެ 'ޑޭޒީމާގެ' ބަހައިގެން، އައިންތުއަށް ލިބިވަޑައިގެންނެވި ބައިގެ ދޮރުމަތީގައި، އެކަނި ހުންނަވައި ނެންގެވި ފޮޓޯ އެވެ. އެއީ އައިންތުގެ 'އައްބާސާ' އެވެ.

ގައުމީ ބައެއް ޚިދުމަތްތެރިންގެ ނަމުގައި މާލޭގެ ބައެއް މަގުތައް ހާއްސަވެފައި އޮތް ފަދައިން، މާލޭގައި ތިއްބެވި ފުންނާބު އުސް ޅެންވެރިންގެ ގަލަމީ ނަންތަކަށް ވެސް، ބައެއް މަގުތަކާއި، އެ ގޭގޭގެ ނަންތައް ޚާއްސަވެފައި ވާތީ ފެނެ އެވެ. ސަބަބަކީ މިދެންނެވި ބައެއް ޅެންވެރިން ޅެންވެރިކަމުގައި މަޝްހޫރުވީ މާމަލުގެ ނަންނަމުން ކަމަށް ވީތީ އެވެ.

މިފަދަ ބައެއް ބޭބޭފުޅުންގެ ގޭގެ ނަން ނިސްބަތްވަނީ އެ މާތަކުގެ ނަންނަމަށެވެ. މިސާލަކަށް ޅެންވެރިކަމުގައި މަޝްހޫރުވި ބޭފުޅެއްގެ ގެކޮޅަކީ ސޯސަންގެއަށް ވީތީ، އެ މަގަށް ސޯސަންމަގުގެ ނަމުން ނަން ދިނެވެ. އޯކިޑްމާގޭގެ ނަމުން އޯކިޑްމަގަށް ނަން ދެވިފައިވެ އެވެ. އެއީ ޅެންވެރިއެއްގެ ގެކޮޅެކެވެ. ޑޭޒީމަލުގެ ނަމުން ޑޭޒީމަގަށް ނަން ދިނެވެ. އޭރު ފާއިޒާގެ މަންމާފުޅުގެ ގެއަށް ކިޔަނީ ޑޭޒީމާގެއެއް ނޫނެވެ. ނަމަވެސް ފާއިޒާއަކީ ޅެންވެރިކަމުގެ ޑޭޒީ މަލެވެ. އެ މަގަކީ ޑޭޒީމަގު ކަމަށްވެ އެވެ. އެންމެ ފަހުން އެ ގޭގެ ނަން ޑޭޒީމާގެއަށް ބަދަލުކުރެއްވީ ކަމަށް، ހިލްމީ ވިދާޅުވި އެވެ.

މި ދަންނަވާ ޑޭޒީމާގެ ފާއިޒާގެ ދުނިޔޭގައި އޭނާގެ ތިން ބޭފުޅުންނަށް ވަނީ ގެ ބައްސަވާފައި ދެއްވައިފަ އެވެ. ފޮޓޯއިން އައިންތު އެ ފެންނަ 'އައްބާސާ' އަކީ، އައިންތު އައްބާސްގެ ބަޔަށް ދެއްވި ނަމެވެ. އާމިނަތު އައްބާސްގެ ގެ އެވެ.

އެކަނި ދިރިއުޅުއްވުމާއި، އެކަނިވެރިކަމުގައި އުޅުއްވުމަކީ، އެއްބައެއްގެ ނަޒަރުގައި އައިންތު ލޯބިކުރެއްވި އާދައެކެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ އައިންތުގެ  ތަބީއަތެވެ. އެއީ އުޅުއްވަން ބޭނުންފުޅުވި ގޮތެވެ. އައްބާސާގައި އައިންތު ދިރިއުޅުއްވަމުން ގެންދެވިއިރު، ފާއިޒާ ހުންނެވީ ހަގު ދަރިފުޅު ހިލްމީގެ އަރިހުގައި ހިލްމީގެ ބައިގަ އެވެ. ނަމަވެސް އެހެން ބޭފުޅުންގެ ބައިތަކަށް ޒިޔާރަތްކޮށް އުޅުއްވި އެވެ.

ސްޓްރޯކެއްގެ ކުއްލި އާލާސްކަންފުޅެއްގައި، ފާއިޒާ އަވަހާރަވީ 86 އަހަރުފުޅުގަ އެވެ. އެކަން ދިމާވީ އެކްޓިވް ހަޔާތްޕުޅެއްގައި އުޅުއްވަމުން ގެންދަވަނިކޮށް، ހަމަ ކުއްލިއަކަށެވެ. އެހެންކަމުން ބޭފުޅުންނާއި އެކަމަނާއާ ދެމެދު އޮތް ހަރުދަނާ ގުޅުން، ޑޭޒީމާގެ ބެއްސެވި ނަމަވެސް، ހީނަރުވެގެންނެއް ނުދެ އެވެ. މިދެންނެވި އާއިލީ ގުޅުން ދިވެހި ޅެންވެރިކަމުގައި ފަރިވި ޑޭޒީމަލުގެ ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަރުދަނާކޮށް އޮތެވެ.

އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ، ފާއިޒާގެ ޅެންވެރި ބަގީޗާގެ ދެވަނަ މަލެވެ. އައިންތު އަކީ ކުރިން ވެސް ދެންނެވި ފަދައިން، ފަހުގެ އަދީބުންގެ ލިސްޓުން ފާހަގަކޮށްލެވޭ މޮޅު ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ގިނަ ޅެން ކޯސްތަކެއް ހިންގެވި ވިލަރެސްވެރިއެކެވެ.

މަރުހޫމް ޔޫސުފު މުހައްމަދުފުޅުގެ ޅެންތައް، އެތައް މިތަނުން ހޯއްދަވައިގެން، ފޮތެއްގެ ސިފައިގައި އެއްކުރެއްވީ ވެސް އައިންތު އެވެ. އޭނާ ލިޔުއްވި އެއް ފޮތަކީ ؛ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއް' މި ފޮތެވެ. މި ފޮތް ނެރުނީ 'މަލަސް' މަޖައްލާގެ 36 ވަނަ އަދަދުގަ އެވެ.

ދެން އޭނާ ފާހަގަވީ މަލަސް މަޖައްލާގައި ނުކުތް ޔޫސުފް މުހައްމަދުފުޅުގެ ޅެން ފޮތުންނެވެ. ފޮތެއްގެ ސިފައިގައި އެ ފޮތް ނެރެދެއް ވީތީ އެވެ. އެއަށް ފަހު، އޮތީ 'ބަރާބަރު ބާރަ' މި ނަމުގައި އައިންތު ނެރުއްވި އަމިއްލަ ޅެން ފޮތެވެ. ނަމަވެސް މި ފޮތް ޗާޕުވެގެން ނުކުތީ، ދިވެހިބަހާއި ތާރީހަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނުވަ ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި، ކުޑަކުދިންގެ ޅެން ފޮތް އެކުލަވާލުމުގެ މުބާރާތަށް މި ފޮތާ އެކު ހުށަހެޅި އަނެއް ދެ ފޮތުގައި، އެހެން ދެ ބޭފުޅަކު ހައްދަވާފައިވާ ޅެންތަކާ އެކު، އެއް ފޮތެއްގެ ގޮތުގަ އެވެ. 'ބަރާބަރު ބާރަ' މި ޅެންފޮތަކީ އެފަހަރު އެއް ވަނައަށް ދިޔަ ޅެން ފޮތެވެ.

އައިންތުއަށް ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން، ޅެން ހެދުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި އޭނާއަކީ 1996ގައި ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުގެ ވެސް އެއްވަނަ އެވެ.

ދިވެހި އަދަބިއްޔާތުގައި ހިމެނޭ ވަޒަން ބަހުރުވައިގެ ތެރެއިން، އައިންތު އެންމެ ފިޔަޖެހި ފޮތް، 'ބަރާބަރު ބާރަ' ދިވެހި އަދަބިއްޔާތަށް ދޫކުރައްވައި، ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް، 12 ވަނަ ދުވަހެއްގަ އެވެ. އާދެ، 12 ޖުލައިގަ އެވެ. އިއްޔެ ހެނދުނު ދުނިޔެއަށް ދޮންވި އިރާ އެކު އެވެ.

އައިންތުގެ ފަނޑުވުމެއް ނެތް ޅެންވެރި ހިދުމަތްތަކުގެ އެއް ހަނދާނަކީ، އޭނާއަށް އެންމެ ބޮޑަށް ލޯތްބާއި އަޅާލުން ދެއްވި މަންމާފުޅުގެ ޙަޔާތްޕުޅުގެ ހަނދާންތައް، ޅެންތަކެއްގެ ސިފައިގައި ދުނިޔެއަށް ދޫކުރެއްވި ދޫކުރެއްވުމެވެ. މިސާލަކަށް 'މަންމަ ކޮށްދޭ ކަންތައްތައް' މި މައުލޫއުއަށް ހެއްދެވި ޅެން ފަދަ، ކިތަންމެ ޅެންތަކަކުން ފާއިޒާގެ ހަނދާންތައް ވަނީ، އައިންތުގެ ޅެން ބަހުރުވައިން ދުނިޔެއާ ހިއްސާކުރައްވައިފަ އެވެ.

އައިންތު ވިދާޅުވަނީ "ބުނާ އެއްޗެއް އެދޭ ވަގުތަކު، މަގޭ މަންމާ އަތުން ދޭނޭ، ގުނާ ނުލިޔަސް މަގޭ ހެދުމާ، އެހެން އެއްޗެހި ފަހައިދޭނޭ" އެވެ. އެއީ ތެދެކެވެ. އައިންތުގެ އެއްޗެއް ފައްސަވަން ވެފައި އޮތްވައި، އެހެން ކުއްޖެއްގެ އެއްޗެއް، ފާއިޒާ ފައްސަވާފައެއް ނުވެ އެވެ.

އެއް އާއިލާއެއްގެ މޮޅު ދެ ޅެންވެރިންނެވެ. ދިވެހި ބަހަށް އެހާމެ ބޮޑު ދެ ޚިދުމަތްތެރިންނެވެ.

އެޑިޓަރުގެ ނޯޓު:

ހޯރަފުށީ މުހައްމަދު ސަލީމަކީ ރާއްޖޭގައި އުފެދުނު މޮޅު ނޫސްވެރިންގެ ތެރެއިން އެއް ބޭފުޅެވެ. ނޫސްވެރިކަމުގެ އިތުރުން އޭނާއަކީ އެހާމެ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ތަފާތު އެތައް ފޮތެއް ލިއުއްވި ލިއުންތެރިއެއް ވެސް މެ އެވެ. މިހާރު ސަލީމްގެ ރަސްމީ މަސައްކަތަކީ ދިވެހި ބަސް ކިޔަވައިދެއްވުމެވެ. އޭނާ ވަޒީފާ އަދާކުރައްވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގަ އެވެ. މިއީ އާމިނަތު އައްބާސްގެ އަގުވަޒަންކުރުމުގެ ގޮތުން 'ދައުރު'ގެ އެދުމަކަށް ސަލީމް ލިއެދެއްވި މަޒުމޫނެވެ. މި އެހީތެރިކަމަށް ސަލީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ކޮމެންޓް (3)

ބާރަ

14 ޖުލައި 2023
ޝައުގުވެރިކަމާއެކު ކިޔާލެވުނު ލިޔުމެއް.
0 0

ޢިބުރާހިމް އިސްމާއިލް

13 ޖުލައި 2023
ބަރާބަރު ލިއުމެއް. ޝުކުރިއްޔާ ސަލީމު.
1 0

ހަސަން

13 ޖުލައި 2023
ހާދަ މައުލޫމާތެކޭ މި ލިބުނީ . ތޭންކްސް ސަލީމް
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް