
ލަވަކިޔުންތެރިޔާ އައްމަޑޭ ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ އަކީ ހުނަރުގައި އަދި ސްޓައިލްގައި ވެސް ތަފާތު އާޓިސްޓެއް.
އައްމަޑޭގެ މޭކަޕްގައި ވީ ކުލަ އާއި ސްޓައިލް އިރައި ކުދިކުރި ސަބަބު
އަހުމަދު އިބްރާހީމު ނުވަތަ ލަވަކިޔުންތެރިޔާ އައްމަޑޭ ނުފެނިގެން އުޅޭކަށް ނުޖެހޭނެ އެވެ. އެއްވެފައި އޮތް ބައިގަނޑެއްގެ ތެރެއިން ނުވަތަ މި މާލޭގެ ހަލަބޮލިކަމުގެ ތެރެއިން ވެސް 36 އަހަރުގެ މި ހުނަރުވެރިޔާ ނުފެނި ނުދާނެ އެވެ. ސަބަބަކީ އަހުމަދު އިބްރާހީމު، އޭނާގެ ހުރިހާ ކުލައަކާ އެކުގައި އަބަދުވެސް، ފެންދުންޏެއްހެން އަހަރެމެންގެ ތެރެއަށް ފާޅުވެގެން އުޅޭތީ އެވެ. އޭނާގެ މޭކަޕްގައި ވީ ކުލަ އާއި އިސްޓައިލުގައި ވީ ކުލަ އެހެން އެންމެނަށް ވުރެން އަބަދުވެސް ތަފާތުވީމަ އެވެ.
ރަނގަޅު ވާހަކައެކެވެ. މިއީ 'މޯލްޑިވިއަން އައިޑޮލް' ގެ ޒަމާނެއް ނޫނެވެ. އެކަމަކު އޭގެ ކުލަ ފަނޑުވެ ނިމުނުއިރު ވެސް ފަނޑުނުވި ކުލައަކީ އައްމަޑޭގެ އިސްޓައިލުގައި ވީ ތަފާތެވެ. އޭނާ ހުންނަނީ އިސްޓައިލު އިރައި، ކުދިކޮށް، ގިރައި ބޯލައިގެންނެވެ. – އަހުމަދު އިބްރާހީމުގެ ތައާރަފެއް އެންމެ ރަނގަޅުވާނީ މިހެން ދިނިއްޔާ އެވެ.
އެހެންވީމަ އައްމަޑޭގެ 'އާޓިކަލްއެއް' ހަމަ ކުއްލިއަކަށް މިއަދު ފައުޅު މިވީ ކީއްވެގެންތޯ އެވެ؟

މި އާޓިކަލް ލިޔަން ޝައުގުވެރިވީ އެއްގޮތަކަށް ވެސް އައްމަޑޭގެ މުޅިން އައު ލަވަތަކެއް ނެރެން ތައްޔާރުވަމުންދާތީކީއެއް ނޫނެވެ. އިއްޔެ މެންދުރު މާލޭގެ މަޖީދީ މަގުން ދަނިކޮށް، ވަރަށް ކުލަގަދަ، ފެންދުނީގައި ވީ ހުރިހާ ކުލަތައް ހުސްކޮށް ހެދުން އަޅައި ސަޅިވެލައިގެން އައި 'ގޮލައަކު' ލޮލުގައި އަޅައިގެންފި އެވެ. ރަނގަޅަށް އޭނާއަށް ފޯކަސް ނުވަނީސް އެއީ ކާކުކަން އެނގި ޔަގީންވެއްޖެ އެވެ.
ސަބަބަކީ ހަމަ އޭގެ ކުރީ ދުވަހު ވެސް މި 'ކުލަ ގަދަ ކެރެކްޓާ' އަދި އެއަށް ވުރެ ކުލަގަދަކޮށް ހެދުން އަޅައިގެން އުޅެނިކޮށް ފެނުނީމަ އެވެ. އަދި އޭގެ ކުރީ ދުވަހު ވެސް ހަމަ އެވަރަށް ކުލަގަދަކޮށް، ކުލަ ހުސްކޮށްލައިގެން، އިސްޓައިލް ވެސް ހުސްކޮށްލައިގެން އުޅެނިކޮށް މަގުމަތިން ލޮލުގައި އަޅައިގަތީމަ އެވެ.
އެހެންވީމަ، ޖެހިޖެހިގެން ތިން ދުވަހު އައްމަޑޭގެ މި 'ކުލަގަދަ ކެރެކްޓާ' މިގޮތަށް ފެނުމުން ހިތަށްއެރީ އޭގައި ފޮރުވިފައި ކޮންމެވެސް މާނައެއް އޮންނާނެ ކަމަށެވެ. ފޯނު ނަގައި ގުޅާލުމުން، ވީ ވެސް ހަމަ އެހެންނެވެ. – މިހައި ކުލަގަދަކޮށް އައްމަޑޭ ފައުޅުވާން ފެށީ ވަރަށް މުހިންމު ސަބަބެއް އޭގައި އޮވެގެންނެވެ.
އެކަމަކު އެ ސަބަބު އަދި ބާއްވަމާ ހިނގާށެވެ. ފޯނުން ތެޅި އަނގައިން އޭނާ ކިޔައިދިން މާ ޝައުގުވެރިކުރުވަނިވި އެހެން ވާހަކަތަކަކަށް މިހައި ހިސާބުން ރެޑް ކާޕެޓް ދަމައި 'އިރާލަން' ޖެހޭތީ އެވެ.


އަންހެން ޖީންސެއް ލައިގެން ފެށި ދަތުރު
'މޯލްޑިވިއަން އައިޑޮލް' ގެ މަޝްހޫރުކަމާ އެކު އައްމަޑޭ ދިވެހި މިއުޒިކްގެ ސްޓޭޖު 'އިރައި ކުދިކޮށްލި' ވާހަކަ އައި ގޮތް އެންމެނަށް ވެސް އެނގެ އެވެ. ގައުމީ ޓީވީއަށް އަރައި މީގެ ކުރިން ދުވަހަކު ވެސް މީހަކު ވާހަކަ ނުދައްކާ 'ބަހުރުވައަކާއި ސްޓައިލެއް' ވެސް އޭނާ ތައާރަފްކޮށް ރާއްޖެއަށް މަޝްހޫރުކުރި ގޮތް މޯލްޑިވިއަން އައިޑޮލްގެ ނަތީޖާތަކަށް ވުރެން ވެސް ސާފެވެ. – 'އިރައި ކުދިކޮށްލުން' މިވަރަކަށް މި އާޓިކަލް ތެރޭގައި ވެސް ގިނަވެގެން، ނޭވާ ނުލެވިގެން އުޅޭ ސަބަބަކީ ހަމަ އަހުމަދު އިބްރާހީމުގެ މި ނުފޫޒައި ލާނެތްކަމާއި ސަމާސަކަ މިޒާޖެވެ.
ދެން މިހައި ހިސާބުން 'އިސްޓައިލް' ގެ ސުމަކަށެވެ.
ވަރަށް ކުޑައިރުއްސުރެން 'ރޮކްސްޓާރުން' ނާއި 'ރޮކް ސްޓައިލް' ދެކެ އައްމަޑޭއަށް ލޯބިވެވިއްޖެ އެވެ. އެމެރިކާގެ ހާޑް ރޮކް ބޭންޑް، ގަންސް އެންޑް ރޯސަސްގެ ވޯކަލިސްޓް އެކްސެލް ރޯސްއަކީ އައްމަޑޭ އެ މީހަކު ދެކެ އަދިވެސް އެންމެ ލޯބިވާ ރޮކްސްޓާރެވެ. އޭނާގެ 'ޓްރޫ އައިޑޮލް' އެވެ.
"އެކްސެލް ރޯސްމެން އަބަދުވެސް ތިބޭނީ ސްކިނީ (ޖީންސް) ވައްޓާލައިގެން. މެޓާލިކާގެ ފްރޮންޓް މޭން، ޖޭމްސް ހެޓްފީލްޑަކީ ވެސް ސްޓޭޖު މަތީގައި އަދި ސްޓޭޖުން ބޭރުގައި ވެސް އޭނާގެ ހެދުން އެޅުމުގެ ސްޓައިލުގައި އެފަދަ ދެ ވަނައެއް ނެތް ޝަހުސިއްޔަތެއް،" އައްމަޑޭ، ގޭގައި ޖައްސާލައިގެން އޮވެ، ފޯނުން ކިޔައި ދެމުން ދިޔަ އެވެ.
"އެހެންވީމަ އައްމަޑޭ ވެސް ބޭނުންވީ އެންމެ ކަމުދިޔަ ރޮކްސްޓާރުން ތިބޭ ގޮތަށް ހުންނަން."
މި ހުވަފެނުގެ ތެރެއިން ދެން މި އަންނަނީ އޭނާ އެ ހުވަފެން ހަގީގަތަކަށް ހެދި ގޮތެވެ. އިރައި ކުދިކޮށްލި 'އިސްޓައިލު' ގެ ފުރަތަމަ ސަފުހާ އެވެ. ހަގީގީ ރޮކްސްޓާރަކަށް ވުމަށް އަތުކުރި އޮޅައި 'ސްކިނީ' ލީ ގޮތެވެ.

"އަޅުގަނޑު ވަރަށް ކުޑައިރު ރިސޯޓް މިއުޒިކަށް ދާން ފަށައިފިން. އޭރު ރިސޯޓް މިއުޒިކް ކުޅެން ދާއިރު މިއުޒިޝަނުން ތިބޭނީ ވަރަށް ކަލަފުލްކޮށް، ތަފާތު އެކި ސްޓައިލްތަކަށް ހެދުން އަޅައިގެން. އަޅުގަނޑު އައިޑޮލުންގެ ގޮތުގައި ބަލާ ރޮކް އާޓިސްޓުން ވެސް ތިބެނީ ވަރަށް ސަޅިކޮށް ހެދުން އަޅައިގެން،" ރޮކް ސްޓާރެއްގެ ސްޓައިލަށް ބަންޑުންވި ހިތް ނަގައި ދައްކާލަމުން އައްމަޑޭ ކިޔައިދިނެވެ.
"ދެން ރިސޯޓް މިއުޒިކްގެ ތެރޭގައި އުޅެނިކޮށް ފުރުސަތު ލިބުނީ އެ ހަނދާނުގައި ޝޯއިން. އެހިސާބުން ބޭނުންވީ އެ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން."
ޒުވާން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުއާ އެކު އައްމަޑޭ 'އެހަނދާނުގައި' ޝޯގައި ހުށަހަޅައިދިން 'އަތުމިހާލާތު' ލަވައާ އެކު އޭނާ އާންމުންގެ ތެރޭގައި ވަގުތުން ހިޓަކަށް ބަދަލުކޮށްލީ އެވެ. އެ ލަވަ، ލަވަ ޗާޓުން ނުވެއްޓެނީސް އައްމަޑޭ ބޭނުންވީ އޭނާގެ ހުނަރު އެހެން ހަރުފަތަށް ގެންދާނެ ގޮތެއް ހޯދާށެވެ.
"ދެން އައްމަޑޭ ވިސްނިއިރު އައްމަޑޭ އަކީ މާ ބޮޑު ލުކެއް ހުންނަ މީހެއް ނޫން. ދެން ހިތަށްއެރީ ކިހިނެއްތޯއޭ އައްމަޑޭއަށް އިތުރު ތަފާތެއް ދެއްކޭނީ. ލަވަކިޔުމުގެ ހުނަރުގެ އިތުރުން ދެން ކޮން ގޮތަކަށް ހެއްޔޭ މީހުންގެ ސަމާލުކަން ލިބޭނީ،" އައްމަޑޭ ކިޔައިދިނެވެ.
"ދެން ހިތަށްއެރީ އެންމެން ވެސް ސްޓައިލްވެގެން ސްޓޭޖަށް އަރާއިރު އައްމަޑޭ ވެސް ޖެހޭނީ ސްޓައިލްވެގެންނޭ ސްޓޭޖަށް އަރަން. އެކަމަކު ބަޔަކަށް ރީތިވާ އެއްޗެއް ނޫނޭ އައްމަޑޭ ލާނީ، ވަކި މީހަކަށް ކަމުދާ ގޮތަކަށް ނޫނޭ ސްޓައިލްކުރާނީ ވެސް. އަމިއްލަ މީހާއަށް ކަމުދާ، ރީތި ގޮތަކަށޭ ހުންނާނީ."

އެ ތަފާތު ދައްކަން އޭނާ ގޮސް ވަނީ މާލޭގައި އެ ދުވަސްވަރު ވަރަށް މަޝްހޫރު ފިހާރައެއް ކަމުގައިވީ 'ޕްރިންސަސް' އަށެވެ. އެއީ އަންހެނުންގެ ހެދުން ވިއްކާ ފިހާރައެކެވެ.
"ދެން ވަރަށް ލަދުން ހުރެ އެތެރެއަށް ވަދެގެން ގޮސް، ސައިޒް 32 ލިބޭނެ ހެއްޔޭ އަހާލީމަ އެތަނުގައި އިން މީހަކު ބުނެފި މިއީ އަންހެން އެއްޗެހި ވިއްކާ ތަނެކޭ. ދެން މަ ބުނެފިން އޯކޭއޭ އަންހެން އެއްޗެއްސަށް ވިޔަސް،" ހީގެންފައި އައްމަޑޭ، އޭނާގެ ތަފާތު ސްޓައިލްގެ ފެށުން ކިޔައިދިނެވެ.
"އޭރު ފިރިހެން ކުދިންނަށް ހާއްސަ ސްކިނީ ޖީންސެއް ވެސް ނުލިބޭނެ މާލޭގެ ފިހާރައަކުން ގަންނާކަށް އަސްލު. ދެން އެތަނުން ގަތީ އެފަހަރު ލީ ސްކިނީ ޖީންސު. އެއީ އަންހެން ޖީންސެއް އަސްލު. ރޮކް ސްޓާރުން އާންމުކޮށް ބޭރުގައި އުޅޭނީ ސްކިނީ ލައިގެން އުޅޭތީ އަހަރެން ވެސް ބޭނުންވީ ސްކިނީއެއްގައި ފެނިލަން."
ކޮންމެއަކަސް އައްމަޑޭގެ އެ ހުވަފެން އޭނާ ބޭނުންވި ގޮތަށް ހަގީގަތަށް ހެދިއިރު އޭނާ ސްޓޭޖުގައި ދައްކާލި ސްޓައިލަށް ފިނިފެންމަލުގެ ތައުރީފު ނުއެއްލާ ހަމަ އެކަކު ވެސް ނެތެވެ. އައްމަޑޭގެ ޓެލެންޓާ އެއްވަރަކަށް އޭނާގެ ސްޓައިލް ވެސްވީ 'އިންސްޓެންޓް' ހިޓަކަށެވެ.
އެކަމަކު އައްމަޑޭގެ އޮތީ ހަމައެކަނި ސްޓައިލްގެ ވާހަކައެއް ނޫނެވެ. އޭނާ މޭކަޕްކޮށް ބުމަހަދައި ރީތިވާ ވާހަކައިގެ ޗާލޫކަން އަދި ވަކިން ބޮޑެވެ. – އެ ވާހަކަ އައު ފެށުމަކުންނެވެ.

ފުރާވަރުގެ އަންހެން ކުއްޖަކަށް ވުރެން އައްމަޑޭގެ މޭކަޕް ބޮޑު
މިއީ އައްމަޑޭ ހަމަ ކިޔައިދިން ގޮތެވެ. އޭނާގެ ތަފާތު އަދި ކުލަގަދަ ސްޓައިލްތަކުގެ ވާހަކަ އަޑުއަހައި ފެނި ބައުވެފައިވިޔަސް މޭކަޕްކޮށް ތިއްތިވާ ވާހަކަ މިއީ އަދި މުޅިން އަލަށް އިވުނު ވާހަކައެކެވެ. ލިބުނު ހައިރާންކަމުގައި އިތުރު ތަފްސީލު ހޯދާލުމުން ޗަކަޗަކަލާފައި ހީނގަނެ ދެން ކިޔައިދިނީ އަދި މާ ސަޅި ވާހަކައެކެވެ.
"އައްމަޑޭގެ މުޅި ކެރިއާ ބިލްޑުވެފައި މި އޮންނަނީ މީހުންގެ ގޮތްކިޔުމަށާއި މީހުން އަޅުގަނޑޭ ކިޔައިގެން ދައްކާ ވާހަކަތަކުގެ މައްޗަށޭ ބުންޏަސް ދޮގަކަށް ނުވާނެ ހަގީގަތުގައި. އައްމަޑޭ ކިޔާ ލަވަ ރީތިތޯ ބަލާލުމަށް ވުރެ އައްމަޑޭ މިފަހަރު ހުންނާނީ ކިހިނެއްތޯ، ކޮން ގޮތަކަށް ހެދުން އަޅައިގެންތޯ ބަލައިލަން ޝައުގުވެރިވާ މީހުން މާ ގިނައޭ ބުނެވޭނީ،" އައްމަޑޭ ކިޔައިދިނެވެ.
"އަޅުގަނޑާ ދިމާލަށް އެވަރަށް އެއްޗެހި ކިޔާފައި ވެސް، އަޅުގަނޑުގެ ބޮލަށް ހެދި ގޮތެއް ބަލާލަން ނުވަތަ އަޅުގަނޑުގެ ސްޓައިލް ހުރި ގޮތް ބަލާލަން ބޭނުންވާ މީހުން ވަރަށް ގިނަވާނެ އަބަދުވެސް."
"އެހެންވީމަ ދެން މަގުމަތިން މިގޮތަށް ފެންނައިރު ވެސް، އައްމަޑޭ ބޭނުމެއް ނުވޭ އާދައިގެ އާންމު މީހެއްގެ ގޮތުގައި އެއްވެސް މީހަކަށް ފެންނާކަށް. އެހެންވީމަ ނުކުންނާނީ އެންމެ ތަފާތު އެންމެ ކަލަފުލް އެއްޗެހި ލައިގެން އަބަދުވެސް. އަގުބޮޑަށް، އަގު ހެވަސް އަޅުގަނޑު ލާން ބޭނުންވާނީ އެންމެ ތަފާތު ހެދުން."
"އައްމަޑޭ އަށް ގެއިން ނުކުމެވޭނީ ވަރަށް ރީތިވެގެން. އައްމަޑޭއަށް ބޭރަށް ނުކުމެވޭނީ ހަމަ ވަރަށް ރެޑީވެގެން."
އެ ރެޑީވުމަކީ ކޮބައިތޯ އެވެ؟

"އެއްޗެހިތައް ވެސް ރަނގަޅަށް ތަރުތީބުކޮށް އިސްތިރި ވެސް ކުރެވިފައި ހުންނަން ޖެހޭނީ. ދުވާލަކަށް ވެސް އަޅުގަނޑު އާންމުކޮށް ތިން ސްޓައިލަކަށް ހެދުން އަޅާނެ. ތަފާތު ގޮތްގޮތަށް،" އައްމަޑޭ ކިޔައިދިނެވެ.
"ދެން މޭކަޕަކީ ހަމަ ކޮންމެ ފަހަރަކު ވެސް ބޭރަށް ދާއިރު އައްމަޑޭ ކުރާ ކަމެއް. ކުރަން ޖެހޭ ކަމެއް. މޭކަޕްކޮށްފަ، ފައުންޑޭޝަން އަޅައި، ފުއްޖަހައި، ބުމަ ވެސް ހަދަން. ތުނބުޅި ޓްރިމްކޮށް ތުނބުޅީގައި ކުރެހުން ވެސް އޮންނާނެ"
"މިހާރު މި އުޅޭ ޓީނޭޖު އަންހެން ކުއްޖަކަށް ވެސް އައްމަޑޭއާ އެއްވަރަކަށް މޭކަޕެއް ނުކުރެވޭނެ."
އައްމަޑޭ ބުނީ އޭނާ މޭކަޕްކޮށް، އަބަދުވެސް އެންމެ ފްރެޝް ލުކްގައި އަދި އެންމެ ކަލަފުލް ލުކްގައި ފެންނަނީ ސީދާ އޭނާގެ ފޭނުންނަށްޓަކައި ކަމަށެވެ. އަދި އޭނާ ފެނުމުން ނުވަތަ އޭނާއާ ބައްދަލުވުމުން އުފާވާ މީހާއަށް އިތުރު ހިނިތުންވުމެއް ހޯދައި ދިނުމުގެ މަގުސަދެވެ.
"ވަރަށް ހަމްބްލްކޮށް މީހާ ހުންނަން ޖެހޭނީ. އަދި އެ ހަމްބްލްކަމާ އެއް ވަރަކަށް މީހާ ބްރައިޓް ވެސް ވާން ޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ،" އައްމަޑޭ ކިޔައިދިނެވެ.
"ރާއްޖޭގައި ދެން އިތުރަކަށް އައްމަޑޭ ވާނެ މަޝްހޫރެއް ނޯންނާނެ. ރާއްޖޭގައި އިންސާނަކު މަޝްހޫރުވާނެ އެންމެ މަތީ ދަރަޖައިގައި މަޝްހޫރުވެފައި އަޅުގަނޑު މިހިރީ. ވަރަށް އުފާވޭ މަގުމަތިން ދިމާވެގެން ނުވަތަ ފިހާރައެއްގެ ތެރެއިން ދިމާވެގެން ވެސް ފޭނުން ސެލްފީ ނަގަން ބުނެލާތީ ވެސް."
"އަދި އާންމުންގެ ފަރާތުން ލިބޭ ތައުރީފާއި ތަރުހީބު އަބަދުވެސް ފާހަގަކުރަން ބޭނުންވޭ. އެ ސަޕޯޓާ މެދު ވަރަށް އުފާވޭ އަޅުގަނޑު."
"އަބަދުވެސް އަޅުގަނޑު އެމީހުންނަށް ދޭ ޔަގީން ކަމަކީ ޓީވީ އިން ވެސް އަދި އާންމު ދިރިއުޅުމުގައި ވެސް މި ފެންނަނީ ހަމަ އެއް އައްމަޑޭއެއްކަން. އަމަލާއި ސިފަގައި ވެސް މިއީ ހަމަ އެކަކުކަން. އެކަމުގައި އެއްވެސް ދޯކާއެއް ނުލައި އާންމުންނާ ހަމައަށް ދެވުނީމަ އެ ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް ވެސް އަދި ފޭނުންނަށް ވެސް އޮވޭ."

ތެދެކެވެ. އައްމަޑޭގެ އެންމެ ސަޅި ސިފައަކީ މި އެވެ. މަގުމަތިން ވެސް، ފިހާރައަކުން ވެސް އަދި ކެފޭއަކުން ވެސް އަހަރެމެންނަށް އަބަދުވެސް ފެންނަނީ ޓީވީ އިން ވެސް އެ ފެންނަ އައްމަޑޭ އެވެ. ނުވަތަ ސްޓޭޖު މަތިން ފެންނަ އައްމަޑޭ އެވެ. ހަމަ އެގޮތުގައި ދެ ގޮތެއް ނުވެ އެވެ. އެ ކުލަތަކުގައި އަދި ކުލަގަދަ މޭކަޕްގައި ދެގޮތެއް ނުވެ އެވެ.
ހުނަރުވެރިންގެ ލިސްޓުގައި އައްމަޑޭ އަކީ ޝައްކެއް ވެސް ނެތް ގޮތުގައި އަދި މުޅިން އެހެން ލެވެލްއެކެވެ.
މިހައި ހިސާބުން އަހުމަދު އިބްރާހީމުގެ ސްޓައިލްގެ ވާހަކަ ދައްކައި ނިމުނީ އެވެ. އޭނާގެ ބަހުރުވައިން ނަމަ 'އިރައި ކުދިކޮށް' ނިމުނީ އެވެ.
ކޮމެންޓް (1)
ޟަގެ