Majlis 2024

މޫމިން ފުއާދު އިންޓަވިއު ދެނީ: އޭނާގެ ކާމިޔާބީގެ ވާހަކަ އަކީ ވަރަށް ބޮޑު ފިލާވަޅެއް.

ލޫދެމުން ހޭލަމުން ގޮސް މޫމިން އުފަންކުރުވި އާދަޔާހިލާފު ރޯޅި

"މޫމިން ފުއާދަކީ މޮޔައެކެވެ. އޭނާ އަކީ ތަންދޮރު ނޭނގޭ ގަމާރު މީހެކެވެ. ނުކިޔަވާ ހުރި ލާޗާރުބިޗާރުގަނޑެކެވެ." – މިއީ އެންމެން ވެސް އޭރު އޭނާ ސިފަކުރި ގޮތެވެ. އަދި އޭނާ ވެސް ގަބޫލުކޮށްގެން ހުރި ގޮތެވެ.

'ހޭލާ' އަކީ އޭނާ މީގެ 17 އަހަރު ކުރިން ލިޔެ، ކޯ-ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. ދެން އުފަންވީ 'ހެޕީ ބާތު ޑޭ' އެވެ. އެއަށް ފަހު ލޫދެމުން އައީ 'ލޫދިފާ' އެވެ. ދެން ޖެހުނު ރޯޅި އަކީ 'ނިވައިރޯޅި' އެވެ. އޭގެ ފަހުން މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރި ފިލްމެއް ރިހި އިސްކިރީނާ ހަމައަކަށް ނާދެ އެވެ. އެކަމަކު ލޫދެމުން، ހޭލަމުން ގޮސް އޭނާގެ ސިކުނޑި އުފަންކުރުވި ފިނި ރޯޅީގައި ދިވެހި ފިލްމީ ދާއިރާ މި އޮތީ މުޅިން ބަދަލުވެފަ އެވެ. މޫމިން ފުއާދުގެ ފިލްމެއް އޮލިމްޕަހަށް އައުމުގެ މަގުމަތީގައި ނެތަސް ދިވެހި ސިނަމާގައި އެނބުރޭ ރޯޅިތަކުގައި މި އާދަޔާހިލާފު ފިލްމު ޑައިރެކްޓަރުގެ ހިއްސާ އާއި ނުފޫޒު އަދިވެސް ވަރަށް ބޮޑެވެ. – އޭނާއަކީ ދިވެހިން ފިލްމު އުފައްދަމުން ދިޔަ ގޮތް އަބަދުގެއަބަދަށް ބަދަލުކޮށްލި ސިކުނޑިތަކުގެ ތެރެއިން އެންމެ މުހިންމު އެކެކެވެ.

އެކަމަކު މޫމިން ފުއާދުގެ ސިކުނޑި އެންމެ ފުރަތަމަ އޮތީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ފެންވަރު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ އޭނާގެ ކިބައިގައި ވީ ކޮން ފަންވަރެއް ހެއްޔެވެ؟ ކޮން ފަންނެއް ހެއްޔެވެ؟ -- އަމުދަކުން، މި މޫމިން ފުއާދަކީ ކާކު ހެއްޔެވެ؟

މިއީ އަޅުގަނޑު އުފަން ކުރުވި ސުވާލުތަކެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން މޫމިން ފުއާދުގެ ސިކުނޑީގައި ރެނދުލައި، ރެއާއިދުވާލު ބޮކިޖަހަމުން ގެންދިޔަ ސުވާލުތަކެވެ. އަދި އޭނާ ފެނުނު ކޮންމެ ފަހަރަކު ނުވަތަ އޭނާއާ ބައްދަލުވި ކޮންމެ މީހެއްގެ ހިތުން ބޮލަށް ފޮނުވަމުން ގެންދިޔަ ސުވާލުތަކެވެ.

"މޫމިން ފުއާދަކީ މޮޔައެކެވެ. އޭނާ އަކީ ތަންދޮރު ނޭނގޭ މީހެކެވެ. ނުކިޔަވައި ހުރި ލާޗާރުބިޗާރުގަނޑެކެވެ." – މިއީ އެންމެން ވެސް އޭރު އޭނާ ސިފަކުރި ގޮތެވެ. އަދި ޚުދު މޫމިންގެ އަމިއްލަ ނަފުސު ވެސް ގަބޫލުކޮށްގެން ހުރި ގޮތެވެ. މޫނުމަތީގައި ކޮންމެ ދުވަހަކު ވެސް ތަފާލެއްހެން އަޅުވައި ހަނދާންކޮށްދިން ހަޔާތުގެ ދިލަ ހޫނެވެ.

މޫމިން ފުއާދު އިންޓަވިއު ދެނީ (ދައުރު ފޮޓޯ)

"ސްކޫލްގައި އުޅުނުއިރު ވެސް އަޅުގަނޑު ލޭބަލްވެފައި ހުރީ ނުވިސްނޭ، ކުރިނާރާނެ، މޮޅުނުވާނެ ކުއްޖެއްގެ ގޮތުގައި އަބަދުވެސް. ކިޔަވައިދިން ޓީޗަރުން ވެސް ބުނާ އަޑު އިވެނީ އެހެން. އަނެއްކޮޅުން ރިޕޯޓް ފޯމު ބަލާއިރު މި އޮންނަނީ އަބަދުވެސް ފެއިލްވެފައި، އެހެންވީމަ އެބަ އެނގޭތާ އަދި މީހަކު ނުބުންޏަސް، ދަށްކަން،" މިހެން ބުނެފައި މޫމިން ކުރު ހިނިގަނޑެއް ޖަހާލި އެވެ.

އާންމުކޮށް އިންޓަވިއު ދޭން ޝައުގުވެރިނުވިޔަސް މޫމިންގެ މި އިންޓަވިއު އޭނާއަށް ވަރަށް ވެސް ހާއްސަ އެވެ. މިއީ ޕްރައިވެޓް ލައިފާއި މިޒާޖުގެ ވާހަކަ އާންމުކޮށް މިގޮތަށް ހިއްސާކުރަން ބޭނުން ނުވާ މޫމިން އޭނާގެ ފިލްމީ ހަޔާތާއި ދަތުރު ފެށުމުގެ އަސްލުތައް އަދި ގިރާކުރަން ޖެހުނު ގޮންޖެހުންތައް ވަރަށް އަސަރާ އެކުގައި ވަރަށް ތަފްސީލުކޮށް ކިޔައިދިން އިންޓަވިއުއަކަށް ވުމެވެ.

"އޭރުގެ މާހައުލު އޮތް ގޮތުން އެންމެ ރަނގަޅު ކުދިންނަކީ ބުނި ހުރިހާ ގޮތެއް ހަދައިގެން އުޅުނު ކުދިން. އެގޮތަށް އުޅެން ޝައުގުވެރިނުވާ ކުދިންނަކީ ބަސްނާހާ ކުދިން، ގޯސް ކުދިން. މޮޔަ ކުދިން. ސޭކު ކުދިން. ނުވިސްނޭ ކުދިން. އެގޮތަށް ލޭބަލްކޮށް ކެޓަގަރީތަކަށް ބަހާލެވިފައި ހުންނައިރު އަޅުގަނޑު ވެސް ހިމެނޭނީ 'ނުވިސްނޭ، ސޭކު' ކުދިންގެ ކެޓަގަރީގައި،" ހޭލާ އާއި ހެޕީ ބާތު ޑޭ އަދި ލޫދިފާ އިން ޝަރަފްވެރި ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ރައިޓަރު އަދި ޑައިރެކްޓަރު އޭނާގެ ކުޑައިރުގެ ހަނދާންތަކުން ކިޔައިދިނެވެ.

"ދެން އެންމެ ދަށް މީހެއްގެ ގޮތުގައި އެންމެން ބުނީމަ އަދި އެގޮތަށް ލޭބަލްކުރީމަ އަޅުގަނޑު ވެސް ހަމަ ގަބޫލުކޮށްގެން ހުރީ އަޅުގަނޑަކީ ހަމަ ރިޓާޑެއް ކަމަށް. އަޅުގަނޑު މިއީ ދުވަހަކު ވެސް ކުރި އަރައިގެން ދާނެ މީހެއް ނޫންކަމަށް. ވިސްނޭނެ މީހެއް ނޫން ކަމަށް. ވިސްނުންކޮށި މީހެއް ކަމަށް."

"ދެން ވިސްނުމުގައި ކޮށި ވުމާއި، މީހުންގެ ތެރޭގައި އުޅުމުގައި އަބުއިކަމުން، ނުވިސްނޭ މީހަކަށް ވުމުން، އަޅުގަނޑު ފިލްމެއް ހަދާ ވާހަކަ ބުންޏަސް މާ ބޮޑު ސަޕޯޓެއް ނުލިބޭނެ އެއްވެސް މީހެއްގެ ފަރާތުން،" އޭނާ ކިޔައިދެމުން ދިޔަ އެވެ.

"ސަބަބަކީ ފިލްމެއް ކަހަލަ ބޮޑު މަސައްކަތެއް ކުރުމުގެ ގާބިލުކަން ނުވަތަ ފިލްމެއް ޑައިރެކްޓްކުރުމުގެ ގާބިލުކަން އަޅުގަނޑުގެ ކިބައިގައި ހުރެދާނެ ކަމަކަށް ހަމަ އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެ އޭރަކު، އާއިލާގެ މީހުންނަށް ވެސް."

"ވާ ގޮތަކީ މަށަކަށް ވެސް ނޭނގޭ. ދެން އެހެން މީހަކަށް ކިހިނެއް އެނގޭނީ،" ސަމާސާ ރާގަކަށް ބަދަލުކޮށްލަމުން މޫމިން ހީގަތެވެ.

އެކަމަކު އޭނާގެ މި ދަތުރަކީ އަސަރާއި އިބުރަތުން ފުރިގެންވީ ދަތުރެކެވެ.

މޫމިން ފުއާދު: އޭނާގެ ފިލްމީ ހަޔާތުގެ ހުވަފެން އެއްވެސް މީހަކު ފުރަތަމަ ގަބޫލެއް ނުކުރި

އަބަދުވެސް ހާސްވޭ، ބިރުގަނޭ އަދި ވަރަށް ދަށް

މޫމިން ފުއާދަކީ މީޑިއާއާ މާ ރައްޓެހި މޫނެއް ނޫނެވެ. މީހުން ގިނައިން އެއްވެފައި އޮންނަ ތަނަކަށް ދާން ވެސް އޭނާ އަސްލު ބޭނުމެއް ނުވެ އެވެ. އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމުގެ ކުލަގަދަ ޕްރިމިއާ ނައިޓުގައި ވެސް މާ މުހިންމު މީހަކަށް ވުމުގެ ޝައުގުވެރިކަމެއް އޭނާގެ ނުހުރެ އެވެ. މާލެ ތެރޭގައި ވެސް އާންމުކޮށް އެއް ތަނުން އަނެއް ތަނަށް ދާނީ ވެސް ހިނގާލާފައި އެކަނިމާ އެކަންޏެވެ. މީހުންގެ ސަމާލުކަމާއި ސްޕޮޓްލައިޓް އޭނާއަށް ދުވަހަކު ވެސް މުހިންމެއް ނޫނެވެ.

ނުވަތަ އެފަދަ ހާލަތަކާ ބައްދަލުވުމުން ހާސްވަނީ އެވެ.

"ވަރަށް އުފާވެއްޖެ މަޑުމައިތިރިކޮށް ރިލެކްސްކޮށް މީހާ ހުންނަ ވާހަކަ ބުނީމަ. އެކަމަކު އަސްލަކީ، ހަގީގަތަށް ބުނަންޏާމު، ހާސްވެ ވާހަކަ ނުދެއްކޭ ވަރުގެ ކިތަންމެ ސިޗުއޭޝަނެއް ވެސް އާދޭ،" މޫމިން އަބަދުވެސް އެކަނި ހިނގާލާފައި އުޅޭ އިރު އޭނާގެ ކިބައިން ފެންނަ ހަމަޖެހުން ފާހަގަކުރުމުން ދިރިއުޅުމުގައި އޭނާ އަސްލު ތަޖުރިބާކޮށްފައިވާ ވާހަކަތަކުން ފަށައިގަތެވެ.

"ބައެއް ފަހަރު ހަމަ އެންޒައެޓީ އެޓޭކް ވެސް އާދޭ ހާސްބޮޑުވެގެން ގޮސް. މީހުންގެ ތެރޭގައި ނުކުމެ އުޅެން، މީހުން ގިނަ ތަންތަނަށް ގޮސް އުޅެން ވަރަށް އުނދަގޫވޭ، ނޭވާހާސްވާ ގޮތްވޭ."

ނަމަވެސް މޫމިން ބުނީ ދިރިއުޅުމުގެ އެ ހާސްކަމުން ނުކުމެ ހަމަ ނޭވާ ލުމުގެ ފުރުސަތު އޭނާއަށް ހޯދައިދޭ ހަމައެކަނި ހާލަތަކީ ފިލްމު އުފެއްދުމުގެ މަސައްކަތް ކަމަށެވެ.

"ފިލްމީ މަސައްކަތްތަކުގައި، ފިލްމެއްގެ މަސައްކަތެއްގައި އުޅޭއިރު ހަމަ އެގޮތަކަށް ވެސް ހާހެއް ނުވާނެ އަޅުގަނޑު."

އިލަސްޓްރޭޝަން: އަރިޒްލާން

އެކަމަކު އެކަން ގަބޫލުކުރި މީހަކު ނެތެވެ. އަމުދުން އެވަރުގެ ބޮޑު މަސައްކަތެއް ފުރިހަމަކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރި ކަމަށް ގަބޫލުކުރި އެކަކު ވެސް އެންމެ ފުރަތަމަ ނެތީ އެވެ. ސަބަބަކީ ސްކޫލަށް ގޮސް ކިޔެވުމަށް ދުވަހަކު ވެސް ޝައުގުވެރިނުވި އޭނާގެ ހިތެވެ.

މޫމިން ބުނީ މީހުންގެ ތެރެއަށް ނުކުމެ އުޅެން ހާސްވިއިރު، ސްކޫލަކީ އޭނާގެ ކުޑައިރުގެ ހަޔާތުގައި ބައްދަލުވި އެންމެ ބިރުވެރި ހާދިސާ ކަމަށެވެ. އޭނާ އެންމެ ބިރުގަތީ ސްކޫލަށް ކިޔަވަން ދާށެވެ.

"ސްކޫލަކީ ހަމަ ބޮޑު، އެއްކަލަހެން، ކުޑަކުޑަ ޓައިމްކޮޅަކަށް، އަޅުގަނޑަށް އޭތި ސިފަވަނީ، ސްކޫލަކީ ކުޑަ ވަގުތުކޮޅަކަށް ކުޑަކުދިން ލެވޭ ޖަލެކޭ. އެކަހަލަ ގޮތަކަށް،" ސްކޫލްގެ ވާހަކަ ކިޔައިދޭން މޫމިންއަށް މިހާރު ވެސް އުނދަގޫވާ ކަހަލަ އެވެ.

"އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް އަޅުގަނޑަށް އަބަދުވެސް."

ދެން ކިޔައި ދިނީ އޭރު އޭނާ އެންމެ އުފާވާ ސަބަބެވެ.

"އޭރު ވިއްސާރަވެގެން، ވިއްސާރަވެ، މަގުމަތީގައި ފެންބޮޑުވެގެން ނުވަތަ ކޮންމެ ކަމެއް ދިމާވެގެންވިޔަސް ސްކޫލް ވަގުތީ ގޮތުން ބަންދުވެ ސްކޫލަށް ދާން ނުޖެހުމަކީ އޭރު އެންމެ އުފާވާ ކަންތައް."

ސްކޫލަށް ގޮސް ކިޔެވުމުގެ ޝައުގުވެރިކަން ނެތުމާއި އާދަޔާހިލާފަށް ފެންވަރު ދަށްވުމާ ގުޅިގެން އޭނާ އެންމެ ފަހުން ސްކޫލުން ވަކިކޮށް ގެއަށް ފޮނުވާލީ އެވެ.

"ގްރޭޑް ހަޔަކުން ކަނޑާލީ ސްކޫލަށް ނުދާތީ. ސްކޫލަށް ދާ ހިތްނުވަނީ ހަމަ،" އޭނާ ބުންޏެވެ.

"އޭރުގެ ސްކޫލް މާހައުލު ކަމަކުނުދަނީ. ފުރަތަމަ ކަމަކީ ކަންކަން މަޖުބޫރުކުރުން. ގަދަ ބާރުން ދަސްކުރަން ޖެހުން. ދަސްކުރާ ހިތްނުވާ އެއްޗެހި ވެސް ދަސްކުރަން މަޖުބޫރުކުރުވުން. ދަހެއް ނުވާނެތާ އިންޓްރެސްޓް ނެތް އެއްޗެއް."

"މިސާލަކަށް ދޭކާއި ދޭކާ އެއްކުރީމަ ހަތަރެއް ވިޔަސް، ފަހެއް ވިޔަސް އަޅުގަނޑަށް ވަރިހަމަ. އެވަރަށް ވެސް ޝައުގުވެރިކަމެއް ނެތީ. އަނެއްކޮޅުން ކުއްޖެއްގެ މޮޅުދެރަ މިން ކަނޑައެޅުމުގައި އެ ކުއްޖެއްގެ އެހެން ހުނަރެއް، ދައްކާ ވާހަކައެއް، ފާޅުކުރާ ހިޔާލެއް ނުވަތަ ދެކޭ ހުވަފެނަކަށް ބެލުމެއް ނޯވޭ އެއްވެސް ވަރަކަށް."

އެހެންކަމުން ބެލި ހުވަފެން ހަގީގަތަކަށް ވެދާނެ ކަމަކަށް އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ. ހުވަފެން ބެލުން ވެސް ގޯސް ވިސްނުމަކަށް ހަދާފައި އޮތުމުންނެވެ.

އިލަސްޓްރޭޝަން: އަރިޒްލާން

ދިރިއުޅުމާއި ދުނިޔެ ވެސް ދަސްކުރީ ފިލްމުން

ވިސްނުންކޮށިވެފައި ސޭކު ގޮތެއް މިޒާޖުގައި ހުންނަ ކަމަށް މީހުން ފާހަގަކުރިޔަސް މޫމިން ބުނީ އޭނާއަކީ އެއްވެސް އިރަކު މަގުމައްޗަށް ގިނަވެ، ވިޔާނުދާ މަގަކުން ދުވެ ހެދި މީހެއް ނޫން ކަމަށެވެ. ސްކޫލްގައި އުޅުނު ދުވަސްވަރު އެހެން ދަރިވަރުންނާ ދުވަހަކު ވެސް މައްސަލައެއް ނުޖެހެ އެވެ. އެކަމަކު އޭނާގެ ހަމައެކަނި މައްސަލައަކަށް ވީ ހިސާބަށް ވުރެ ވިސްނުން ކޮށިވެފައި އެހެން ހުރިހާ ކުދިންނަށް ވުރެން 'ގަމާރު' ވުން ކަމަށް ބުންޏެވެ.

"އަޅުގަނޑުގެ މުޅި އާއިލާގައި ވެސް އެންމެ ދަށް މީހާ އަޅުގަނޑަކީ، ކިޔެވުމުގެ ގޮތުން. އޯ ލެވެލް ވެސް ނަހަދާ ހުރި މީހެއް މީހާއަކީ. ގްރޭޑް ފަހެއްގެ ފެންވަރު ވެސް އަޅުގަނޑުގެ ކިބައިގައި ނުހުންނާނެ. މިހާރު ވެސް ހީއެއް ނުވޭ ގްރޭޑް ފަހެއްގެ ޓެސްޓް ޕޭޕަރަކުން ވެސް ފާސްވާނެހެނެއް،" މޫމިން ކިޔައިދިނެވެ.

"ދެން އޭރު ވިސްނައި ދީފައި މި އޮންނަނީ، ސްކޫލަށް ދިޔައިމައޭ އެއްޗެހި ދަސްވާނީ. އެކަމަކު އަޅުގަނޑަށް ދަސްވި އެއްޗެއް ދަސްވީ ފިލްމު ބަލައިގެން."

ގްރޭޑް އެކެއްގައި އުޅެމުން އޭނާ ފިލްމު ބަލަން ފަށައިފި އެވެ. އެއީ ގެއަށް ޓީވީ އާއި ވީސީއާރު ގެނައި ހިސާބެވެ. މޫމިން ބުނީ 10ރ. އަށް ކެސެޓު ފިލްމު ކުއްޔަށް ހޯދައިގެން ގޮސް ސްކޫލް ކަޓުވާލާފައި ވެސް އެންމެ މުހިންމު ކަމަކަށް އޭރު އޮތީ ފިލްމު ބެލުން ކަމަށެވެ.

ފިލްމު ބަލަން އެވަރަށް، އެގޮތަށް ހިތްޖެހުނު ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު މިހާ ދަށް މީހަކަށް ވީމަ، ވާގޮތަކީ އަޅުގަނޑު ވާހަކައެއް ދެއްކިޔަސް، ހިޔާލެއް ފާޅުކުރިޔަސް އެ ވާހަކައެއް އަޑުއަހަން ވެސް ޝައުގުވެރިވި އެއްވެސް މީހަކު ނެތް. އެ އެކަނިވެރިކަމުގައި ފިލްމާއި ސިނަމާ ވީ އަޅުގަނޑުގެ ވަރަށް ބޮޑު އެކުވެރިޔަކަށް. ރައްޓެއްސަކަށް. ސަޕޯޓަކަށް،" މޫމިން ބުންޏެވެ.

"ފިލްމު ބަލައިގެން އަޅުގަނޑަށް އެނގެން ފެށީ ދުނިޔެ އޮތް ގޮތް ވެސް، ދުނިޔޭގައި މީހުން އުޅޭ ގޮތް ވެސް. މިސާލަކަށް ފޮތަކުން ބަލައިގެން އަދި އެ ހުރިހާ މައުލޫމާތެއް ނުވެސް ލިބޭނެ ކުއްޖަކަށް އެ ދުވަސްވަރު މާލޭގައި. ލައިބްރަރީއަކުން ވެސް ނުލިބޭނެހާ މައުލޫމާތު އޭރު އަޅުގަނޑަށް ލިބުނޭ ފިލްމު ބަލައިގެން."

މޫމިން ބުނީ ފިލްމު ބަލަމުން ދުނިޔެ ދަސްވަމުން މީހުންގެ އުޅުމާއި އަހުލާގުގައި ވީ ސިފަތައް ދަސްވެ ހެވާއި ރަނގަޅާއި ނުބައި ވަކިކުރަން އެނގެމުން ދިޔައިރު އޭނާ ކަހަލަ އެހެން 'އެކަނިވެރި މޮޔައިންނާ' ބައްދަލުވެ އެމީހުންގެ އިހުސާސްތައް ވެސް ދަސްވަމުން ދިޔަ ކަމަށެވެ. އަދި އޭނާ ފަދައިން އެކަނިވެރިވެ، ބާކީވެފައި ތިބި މީހުންގެ ވާހަކަތައް އަޑުއަހަން މަޑުކޮށްލި ހިސާބަކީ ފިލްމީ ހަޔާތުގެ ހުވަފެން ހަގީގަތަކަށް ވުމުގެ ފެށުމެވެ.

އިލަސްޓްރޭޝަން: އަރިޒްލާން

"އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހާނެ މީހަކު ނެތީމަ އަޅުގަނޑު ވަގުތު ހޯދައިގެން އަޑުއަހަން ފެށީ އެހެން މީހުން ދައްކާ ވާހަކަ. ނުދަންނަ މީހަކާ ބައްދަލުވިޔަސް، އޭނާ ދައްކާ ވާހަކަ ވެސް އަޑުއަހަން ފެށީ،" މޫމިން ކިޔައިދިނެވެ.

"ދެން އަޅުގަނޑަށް ވިސްނެން ފެށީ އަދި ދަސްވި ކަމަކީ މިއިން ހަމަ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް މި އޮތީ ނުލާހިކު ސަޅި ސްޓޯރިއެކޭ. އެމީހަކު އެ ހަދަނީ ދޮގު ކަމުގައި ވިޔަސް، ތެދު ކަމުގައި ވިޔަސް ވަރަށް ޝައުގުވެރިކުރުވަނިވި ސްޓޯރީއެކޭ އެއީ."

މިއީ އޭނާގެ އަލަތު ފިލްމު 'ހޭލާ' ގެ ވާހަކައިގެ ހިޔާލު ވެސް އޭނާގެ ބޮލު ތެރޭގައި އުފެދި އެނބުރެން ދިމާވި އެއް ސަބަބެވެ.

"މީހުން ދައްކާ ވާހަކަ އަޑުއަހަން ފެށި ހިސާބުން ވަރަށް ބޮޑަށް މީހުން ދަސްވެއްޖެ. ދެން މަޑުމަޑުން ގޮސް މީހުންނާ ގުޅުން ރަނގަޅުވެ އެކި ފެންވަރުގައި އެކި މީހުންގެ ސަޕޯޓް ލިބެން ފަށައިފި އަޅުގަނޑުގެ ހިޔާލުތަކަށް ވެސް އެންމެ ފަހުން،" މޫމިން ބުންޏެވެ.

އޭނާ އަބަދުވެސް ގެންގުޅުނީ ފިލްމެއް އުފެއްދުމުގެ ހިޔާލެވެ. އެންމެ ފަހުން އެ ހިޔާލު ކަމުދިޔަ މީހަކާ ބައްދަލުވި ހިސާބަށް މި އާދެވުނީ އެވެ.

"އެއީ ޗިއްޕެ. އަލީ ޝިފާއު. އަޅުގަނޑުގެ ކިބައިގައި ހުރި ހުނަރެއް އެންމެ ފުރަތަމަ އެޕްރެޝިއޭޓްކޮށް ބަލައިގަތް މީހަކީ، މުޅި ދުނިޔެއިން ވެސް އޭނާ،" މޫމިން ބުނެލި އެވެ.

"މަރު ދުވަހާ ހަމައަށް ވެސް އަޅުގަނޑު ގްރޭޓްފުލް ވާނެ ހަމައެކަނި މީހަކީ ޗިއްޕެ. ޗިއްޕެއާ ހެދި އަޅުގަނޑު ފިލްމު ހަދަން ފެށީ. އޭނާ ނެތް ނަމަ ހީއެއް ނުވޭ އަޅުގަނޑު ފިލްމެއް ހަދާނެހެނެއް."

ޑާކް ރެއިން އެންޓަޓެއިންމަންޓް ސްޓޫޑިއޯގައި މިހާރު އިސްކޮށް މަސައްކަތްކުރާ ޑައިރެކްޓަރު ޝިފާއު އަކީ މޫމިންގެ ކުޑައިރުގެ ރައްޓެއްސެކެވެ. އޭނާ ދިން ހިތްވަރާ އެކު މޫމިން 'ހޭލާ' ފިލްމުގެ ސްކްރިޕްޓް ލިޔެ ނިންމީ ބަރާބަރު 16 ދުވަހުންނެވެ.

މޫމިން ފުއާދު

"އަޅުގަނޑު އަލަށް ލިޔުނު ވާހަކަ އަކީ ވެސް، ސްކްރިޕްޓަކީ ވެސް، މަޒުމޫނަކީ ވެސް، ހުރިހާ އެއްޗަކީ ވެސް ހޭލާގެ އެ ސްކްރިޕްޓް. އޭގެ ކުރިން ނުލިޔަން ކުރު ވާހަކައެއް ވެސް. މަޒުމޫނެއް ވެސް. ހަމަ އެކައްޗެއް ވެސް. މުޅިން އަލަށް ލިޔުނު އެއްޗެއް އެއީ،" މޫމިން ބުންޏެވެ.

"ސްކޫލް ލައިފުގައި އަދި މާ ދަށްވާނެ. ކިހިނެއް މަޒުމޫނުގަނޑެއް ވެސް ލިޔާނީ. ސްކޫލް ޓެސްޓް ޕޭޕަރުގައި މަޒުމޫނެއް ލިޔެގެން ލިބެނީ 10 މާކްސް ކަމުގައި ވަނީ ނަމަ އަޅުގަނޑަށް އަބަދުވެސް ލިބޭނީ އެކެއް. ނުވަތަ ސުމެއް. މިއީކީ އެއްވެސް ދޮގެއް ނޫން."

ތެދެކެވެ. އެކަމަކު 'ހޭލާ' ގެ މުޅި އެ ތަޖުރިބާއާ އެކު މޫމިންގެ ހުނަރުވެރިކަމަށް މުޅި ދިވެހި ރާއްޖޭގެ ފިލްމީ ދާއިރާ ހޭލީ އެވެ. ދިވެހި ފިލްމަށް ލޯބިކުރާ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމު އޭނާއަށް ލިބުނީ އެވެ. އަދި އޭނާގެ ބޮލު ތެރޭގައި އެނބުރުނު ހިޔާލުތައް އެންމެ އަގުބޮޑު ހިޔާލަށް ބަދަލުވީ އެވެ.

"ޓިކެޓް ގަނެގެން ހޭލާ ބަލަން ގޮސް ތިބި މީހުން ފެނުނީމަ ވަރަށް އުފާވި އެ ދުވަހު. ފިލްމުގައި ދައްކާ ވާހަކަ ކަނުލާ އަޑުއަހަން އެމީހުން ތިބި ތަން ފެނުނީމަ ހިތަށްއެރީ، އަހަރެން ބޭނުންވާ ވާހަކަ، ހިތަށްއަރާ ވާހަކަ، ދައްކަން ބޭނުންވާ ވާހަކަ އަޑުއަހާނެ ބަޔަކު މިވީއޭ އެންމެ ފަހުން،" އޭނާ ބުންޏެވެ.

ދުވަހަކު ވެސް އެ ފުރުސަތު ނުލިބި ބާކީވި މޫމިންގެ ދިރިއުޅުން ރިހި ސްކްރީނާ ހަމައިން ބަދަލުވި ގޮތަކީ މި އެވެ.

ކޮމެންޓް (1)

ވީނަސް

23 މޭ 2023
ކިހިނަކުން ދޯ މީހާގެ އެޕިރެންސްއަށް ބަލައިގެން ޖަޖް ކުރާނީ، ކާކު ބުނާނީ މިހާ މަޝްހޫރު ފިލްމް ޑައިރެކްޓަރެއްގެ ހަޔާތަކީ މިިިއީ ކަމަށް، ވަރަށް އިންސްޕަޔަރިން، ނޭނގޭ އިހުސާސް އެއް ކުރެވެނީ މި ލިޔުން ކިޔާލީމަ، ނުކިޔަވާ ގަމާރު ލޭބަލް އަކުން މީހާގެ ނަފްސު ވަށާލައިގެން ތިހާ ދުވަހު އުޅުމަށްފަހުވެސް ކާމިޔާބު ތިޔަ ހޯދީ އެކަމަކަށް ދެވިފައިވާ ޝައުޤުވެރިކަމަކުން، ދިރިއުޅުމާއި އާޚިރަތުގެ ކާމިޔާބީއަށް އެދި ހެދުޢާ ކުރަން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް