
ވިކާޝާ ފޮޓޯއަކަށް ހުއްޓިލައިގެން: ގްލޮމޯ ބައި ލައްލަގެ ނަމުގައި އޭނާ ފެށި މޭކަޕްގެ ހިދުމަތަށް ލިބޭ ތަރުހީބު ވަރަށް ބޮޑު. --ފޮޓޯ: ވިންކް އަ ޕިކް
ކުލައަކަށް ފަހު ކުލައެއް، ލައްލަގެ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް
މި ދަތުރު އޭނާ ފެށިއިރު ހަމަ އެއްވެސް ކުލައެއް ނެތެވެ. އޭނާ ހުރީ ޖެހިލުންވެ ބިރުގެންފަ އެވެ. ކުރިއަށް ދާނެ ގޮތެއް ނޭނގި ހާސްވެ ފިކުރުބޮޑުވެފަ އެވެ. އަމިއްލަ މީހާގެ ކިބައިގައި ހުނަރު ހުއްޓަސް އަމިއްލަ ނަފުސަށް އެއްވެސް އިތުބާރެއް ނެތި، އެކަނިވެފަ އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން ވެސް ފަސްޖެހިފަ އެވެ.
މީގެ ހައެއްކަ އަހަރު ކުރިން ނަމަ، މި ފެންނަ ފޮޓޯގަނޑު ނަގަން އެގޮތަށް ގޮސް ހުއްޓި އިންނާކަށް ވެސް އޭނާއަކަށް ނުކެރޭނެ އެވެ. އެކަމަކު މި މޭކަޕް އާޓިސްޓް، ފާތިމަތު ވިކާޝާ އެ ވަނީ އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލައިފަ އެވެ. އޭނާގެ ކުޅަދާނަ ދެ އަތުން އެހެން މީހުންގެ މޫނުގައި ޖެއްސި ކުލަތަކާ އެކު މިއަދު ކުރަހައި ކުލަކޮށްފައި އެ ވަނީ މުޅިން އެހެން މަންޒަރެކެވެ.
"ކުރީގައި ނަމަ އަޅުގަނޑަށް ނުކެރޭނެ މީހުން އެހާ ގިނަ ތަންތަނަށް ދާކަށް ވެސް. އާންމުންގެ ތެރޭގައި މިގޮތަށް ނުކުމެ އުޅޭކަށް ވެސް. ވަރަށް ލަދުގަންނާނެ މީހުންގެ ތެރޭގައި އެގޮތަށް އުޅެން. ވާހަކަ ދައްކަން ވެސް. އެކަމަކު މޭކަޕްކޮށްދޭއިރު ކްލަޔަންޓަކާ ވާހަކަ ނުދައްކައެއް އެކަމެއް ނުކުރެވޭނެތާ،" ގްލޮމޯ ބައި ލައްލަގެ ނަމުގައި ހިދުމަތް ދޭ ޒުވާން މޭކަޕް އާޓިސްޓް ކިޔައިދިނެވެ.
"އެހެންވީމަ ވާހަކަ ދައްކަން ކިތަންމެ ލަދުގަތަސް، ޖެހިލުންވިޔަސް އެ ބިރު ކަނޑާލާފައި މީހުންގެ ތެރެއަށް ވެސް ނުކުންނަން ފެށީ. ވާހަކަ ވެސް ދައްކަން ފެށީ. ސަބަބަކީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންވެފައި ހުރިވަރު ބޮޑުކަމުން. އަޅުގަނޑަށް އެނގޭ ޖެހިލުންވެ ނުކެރޭ ނަމަ، އަމިއްލަ ނަފުސަށް އިތުބާރެއް ނެތް ނަމަ ކުރިއަށް ނުދެވޭނެކަން މި ދާއިރާގައި."

ވިކާޝާ އޭނާގެ 'ބެސްޓް ކޮލިޓީ'ގެ ގޮތުގައި ވެސް މިހާރު ފާހަގަކުރަން ބޭނުންވަނީ އޭނާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރެވެ. އޭނާ ގަބޫލުކުރަނީ އެހެން ބަޔަކަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭނީ އެ ފުރިހަމަ އިތުބާރު އެންމެ ފުރަތަމަ އަމިއްލަ ނަފުސާ މެދުގައި އުފެދި ވަރުގަދަވެގެން ކަމަށެވެ.
"އެހެންވީމަ މިހާރު އަޅުގަނޑުގެ ކްލަޔަންޓެއް ވެސް މޭކަޕްކުރާއިރު ފޫހިވެފައެއް ނުހުންނާނެ. ކުރިއާ އަޅާބަލާއިރު އަޅުގަނޑު މިހާރު ވަރަށް ވާހަކަ ދައްކަން. ކޮންމެވެސް އަނގައެއް ތަޅާލަތަޅާލަ ހުންނާނީ މޭކަޕްކުރާއިރު ވެސް. މޭކަޕްކޮށްދިނުމަކީ ހަގީގަތުގައި އަޅުގަނޑުގެ މުޅި ލައިފްސްޓައިލް ބަދަލުކޮށްލި ކަމެއް،" ވިކާޝާ ބުނެލި އެވެ.
އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. މޭކަޕް އާޓިސްޓެއްގެ މި ކުލަ ދުނިޔެ އަކީ އޭނާ ކުރިން ދެކެފައި ވެސް ނުވާ ހުވަފެނެކެވެ.
"އަޅުގަނޑު އަބަދުވެސް ތައްޔާރުވީ ކިޔަވައި ނިމިގެން ކޮންމެވެސް އޮފީހެއްގައި ވަޒީފާ އަދާކުރަން. މޭކަޕްކޮށް މީހުން ނަލަކޮށްދޭ ހިތް ކިތަންމެވިޔަސް މިކަން ވަރަށް ފަހަކާ ޖެހެންދެން ނުފެށި އޮތް ސަބަބަކީ ކުރިއަށް ދާން ނުކެރުން. އެކަމަށް ހިތްވަރު ދޭނެ ރައްޓެއްސަކު ވެސް ކައިރީގައި ނެތުން،" ވިޝާކާ ކިޔައިދިނެވެ.


އޭނާއަކީ މިހާރު ވެސް ރަސްމީ ވަޒީފާގައި އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެކެވެ. އެޗްއާރް އޮފިސަރެއްގެ ގޮތުގައި އޭނާ ފުލްޓައިމްކޮށް މަސައްކަތްކުރާތާ މިހާރު އަށް އަހަރު ވީ އެވެ. ހިތް ބަންޑުންވެފައި އޮތް މޭކަޕްކުރުމުގެ ދާއިރާގައި މަޑުމަޑުން އެންމެ ފަހުން ފިޔަވަޅު ކުރިއަށް އަޅަމުން ގޮސް، ލިބޭ ހުސް ވަގުތުތަކުގައި މޭކަޕްކޮށްދިނުމަށް އޭނާ ވަގުތު ހޯދައި އަމިއްލަ ބްރޭންޑެއް އުފަންކުރުވިތާ އަދި މާ ގިނަ ދުވަހެއް ވެސް ނުވެ އެވެ.
އެކަމަކު ވެސް 'ލައްލަ' އެ ވަނީ އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.
"ޕްރޮފެޝަނަލް ޖޮބެއްގެ ގޮތުގައި ފުލްޓައިމްކޮށް ވެސް ކުރަން ބޭނުންވަނީ މޭކަޕްކޮށްދިނުން. އަމިއްލަ ސްޓޫޑިއޯއެއް ހުޅުވައިގެން މިކަން ކުރެވެން އޮތް އެންމެ ފުޅާ ގޮތަކަށް މި ފަންނުގައި ކުރިއަށް ދިއުމަކީ އަސްލު ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ހުވަފެން،" ވިކާޝާ ބުންޏެވެ.
"ފުރަތަމަ ފެށީ ގޭގައި އުޅޭ މީހުންގެ މޭކަޕް ކުރަމުން. ދެން ބޭސިކްސް ބޮޑަށް ދަސްކުރީ ޔޫޓިއުބުން ޓިއުޓޯރިއަލް ވީޑިއޯ ބަލައިގެން. އޭގެ ފަހުން ކޮލަމްބޯ އިން އަޅުގަނޑު ހެދިން ކްރޭޝް ކޯހެއް. ބްރައިޑަލް ހެއާ އަދި މޭކަޕް. އެއީ އަޅުގަނޑު މި ދާއިރާގައި ޕްރޮފެޝަނަލް ޓްރެއިނިން ހޯދި ހަމައެކަނި ތަޖުރިބާއަކީ."
"މުޅިން ވެސް އަޅުގަނޑު ކުރިއަށް މި ދަނީ އަމިއްލަ އަށް ދަސްކޮށްފައިވާ ހުނަރުތަކުން."


ފެށި ފިޔަވަޅު އަދި އެންމެ ބޮޑު ގޮންޖެހުން
މިހާރު އޭނާ އަކީ ޕާޓްޓައިމް މޭކަޕް އާޓިސްޓެކެވެ. ވިކާޝާ މޭކަޕްކޮށްދެނީ އޭނާގެ ރަސްމީ ވަޒީފާ ހަވީރު ފަހެއް ޖަހާއިރު ނިމުމުން އެއަށް ފަހު ލިބޭ ހުސް ވަގުތުތަކުގަ އެވެ. ބައެއް ފަހަރު އޮފީހުގައި އުޅެފައި ލިބޭ 'ބްރޭކް' ގަޑިތަކުގައި ވެސް މީހުންނަށް މޭކަޕްކޮށްދެ އެވެ. އަދި އަމިއްލަ ސްޓޫޑިއޯއެއް ނެތުމުން ކްލަޔަންޓެއް ލިބޭ ކޮންމެ ފަހަރަކު އޭނާ ދަނީ އެ މީހެއްގެ ގެއަށެވެ.
"އާންމުކޮށް މީހުންގެ ގޭގެއަށް ގޮސް މޭކަޕްކޮށްދޭ މީހަކަށް ވާއިރު ބައެއް ގޭގެއަށް ގޮސް މޭކަޕްކުރާއިރު މޭކަޕްކުރާ ތަނުގައި ވަރަށް ބައިވަރު މީހުން ހަރަކާތްތެރިވާ ފަހަރުތަކާ ވެސް އެބަހުރި ދިމާވެފައި. ކުޑަކުދިން ވަރަށް ބައިވަރު އުޅޭ ގެތަކާ ވެސް ހުންނާނެ ދިމާވެފައި. އެކަހަލަ ހާލަތްތަކުގައި ވެސް ބައެއް ފަހަރު އުނދަގޫވޭ އެންމެ ފުރިހަމައަށް ކްލަޔަންޓަށް ހިދުމަތް ދޭން،" ލައިޓް ވެސް ބައެއް ފަހަރު ހިފައިގެން ގޭގެއަށް ގޮސް މޭކަޕްކޮށްދޭން އުޅޭ ހާލު ކިޔައިދެމުން ވިކާޝާ ބުންޏެވެ.
"އަމިއްލަ ސްޓޫޑިއޯއެއް ހުޅުވަން އަޅުގަނޑު ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ވެސް މިއީ އަސްލު. އޭރުން އަސްލު ކްލަޔަންޓުންނަށް އެންމެ ފުރަތަމަ ހިދުމަތެއް ދެވޭނީ."
ވިކާޝާ ބުނީ ކިތަންމެ ގިނަ ހުރަސްތަކެއް ކުރިމަތިވިޔަސް އޭނާގެ މި މަސައްކަތަށް ބަންޑުންވީ އޭގައިވީ 'ސަޅިކަން' އަމިއްލައަށް ތަޖުރިބާކޮށްލަން ލިބުނު ފުރަތަމަ ފުރުސަތުގައި ކަމަށެވެ.
"ރައްޓެހި ފޮޓޯގްރާފަރަކު، މިގޮތަށް މޭކަޕް ކުރުމުގެ ފުރުސަތު ހޯދައިދިނީ އެންމެ ފުރަތަމަ. އެ ފޮޓޯގްރާފަރުގެ ކްލަޔަންޓެއްގެ މޭކަޕް ކުރަން ލިބުނީ. އެއީ ބްރައިޑަލް ފޮޓޯޝޫޓެއް. އެކަމަކު އޭރު ވެސް ފެމިލީ މީހުންނާއި ރައްޓެހިންނަށް މޭކަޕްކޮށްދެން އެމީހުން ބޭނުންވެއްޖެއްޔާ،" އޭނާ ކިޔައިދިނެވެ.


"އެކަމަކު މި ބުނާ ބްރައިޑަލް ފޮޓޯޝޫޓަށް އެ ބްރައިޑްގެ މޭކަޕްކޮށްފައި ހިތަށްއެރީ މިއީ ވެސް އަސްލު ކުރިއަށް ދާން ވަރަށް ރަނގަޅު ދާއިރާއެކޭ. އެހިސާބުން ފަށައިގެން އަމިއްލަ ނަމެއްގެ ދަށުން މޭކަޕްކޮށްދިނުމުގެ ހިދުމަތް ފަށައިގެން އިންސްޓަގްރާމުގައި ޕްރޮފައިލް ޕޭޖެއް ހަދައިގެން މޭކަޕްކޮށްދިނުމުގެ މަސައްކަތަށް ވަގުތު ހޯދަން ފެށީ."
"އެންމެ ފުރަތަމަ ވަރަށް އުނދަގޫވި ދެ ވަނަ ކްލަޔަންޓަކު ހޯދަން. ނުވަތަ އިތުރު ކްލަޔަންޓުންތަކެއް ހޯދަން. އެއީ އަލަށް މި ދާއިރާއަށް ނުކުތީމަ އަދި މާ ގިނަ ބަޔަކު ދަންނަ މީހަކަށް އަޅުގަނޑު ނުވީމަ ދިމާވި ކަމެއް. އެކަމަކު މަޑުމަޑުން ރައްޓެހިންގެ ފަރާތުން ލިބެން ފެށި ފުރުސަތުތަކާއި ފޮޓޯގްރާފަރުން އަދި މޮޑެލްކުރާ ކުދިންނާ އެކު ލިބެން ފެށި ކޮލެބް ޝޫޓްތަކާ އެކު އަޅުގަނޑުގެ މަސައްކަތް ވެސް މަޑުމަޑުން މީހުންނަށް އެނގި، މީހުންނަށް ކަމުދާން ފެށީ. ފެށިއިރު އުޅުނީ އެ ހާލެއްގައި އަބަދުވެސް."

މިހާރު އާދެވިފައި ހުރި ހިސާބު
އޭރު އޭނާގެ ރައްޓެހިން ވަރަށް މަދެވެ. ސޯޝަލް މީޑިއާގައި ފޮލޯވިން ބޭސްއެއް ވެސް ނެތެވެ. އޭގެ އިތުރުން އޭނާގެ ހުނަރު މާކެޓްކޮށް، އެހެން މީހުންނާ ހިސާބަށް ދާނެ ގޮތެއް ވެސް އޮތީ ނުވިސްނި އެވެ.
އެކަމަކު މިހާރު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ.
"މީހުންގެ ފަރާތުން ލިބޭ ފީޑްބެކް ވެސް އެހާ ސަޅި. އަދި އަޅުގަނޑުގެ މަސައްކަތް ކަމުދާތީ ދެވަނަ ފަހަރަށް، ތިން ވަނަ ފަހަރަށް ވެސް އަންނަ މީހުން މިހާރު އެބަ ތިބި. އެ އިތުބާރު މިހާރު ކްލައިންޓުންނާއި އަޅުގަނޑާ ދެމެދު ވަނީ ގާއިމުކުރެވިފައި،" ވިކާޝާ ބުންޏެވެ.
މޭކަޕްކުރުމަކީ އަނެއް މީހާގެ ވަރަށް ޒާތީ ކަމެކެވެ. އެމީހާގެ އެހާމެ ހާއްސަ ވަގުތެކެވެ. ހަޔާތުގެ މުހިންމު ދުވަހެކެވެ. އެހެންވެ އެމީހާ ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވުމުގެ މުހިންމުކަން ވިކާޝާއަށް އަބަދުވެސް ވިސްނެ އެވެ.
"ބައެއް މީހުން ބޭނުންވެދާނެ ވަރަށް މިނިމަލް ވަރަށް ނެޗުރަލް ލުކެއް. ބައެއް މީހުން ބޭނުންވާނީ ހެވީ މޭކަޕް ލުކް. އެހެންވީމަ މޭކަޕްކުރުވަން އަންނަ މީހާގެ ސިކުނޑީގައި އޮންނަ ސްޓައިލަކީ ކޮބައިތޯ ބަލަން އެންމެ ފުރަތަމަ ބޭނުންވަނީ،" އޭނާ ބުންޏެވެ.
"އެ ހުރިހާ ކަމެއް އޮޅުންފިލުވައިގެން އަޅުގަނޑު މޭކަޕްކުރަން ފަށާނީ. އެގޮތަށް މަސައްކަތްކުރީމަ އަސްލު އަޅުގަނޑަށް ވަރަށް ފަސޭހަވޭ އެ ކްލައިންޓަކު ބޭނުންވާ ސީދާ ލުކް އެމީހަކަށް ކްރިއޭޓްކޮށްދޭން. އަބަދުވެސް އެމީހުން ބޭނުންވާ ނަތީޖާ ނެރެވޭ އޭގެ ސަބަބުން."


ކާމިޔާބު މޭކަޕް އާޓިސްޓަކަށް ވުމަށް މުހިންމީ ކޮން ސްކިލްއެއް؟
ވިކާޝާއަކީ ހަމައެކަނި އަމިއްލައަށް އެކަން ކޮށްލާފައި ނިންމާލާ ކަހަލަ ޒުވާނެއް ނޫނެވެ. މޭކަޕް އާޓިސްޓަކަށް ވާން ބޭނުން އެހެން މީހުންނަށް އޭނާގެ ތަޖުރިބާ ހިއްސާކޮށްލަން ވެސް ބޭނުންވެ އެވެ.
އޭނާ ބުނީ އެ ލިސްޓްގެ ކުރީގައި އަބަދުވެސް އޮންނާނީ 'ނަފުސަށް ކުރާ އިތުބާރު' ކަމަށެވެ.
"ސަބަބަކީ މިއީ ވަރަށް ގިނަ މީހުންނާ ކުރިމަތިލާން ޖެހޭ އަދި ވަގުތު ނެގި އެކަމަކު ވަކި ވަގުތަކަށް އެންމެ ފުރިހަމައަށް ކުރަން ޖެހޭ ކަމެއް. އެހެންވީމަ އެވަރުގެ ޗެލެންޖެއް ފުރިހަމަކުރެވޭނީ އެންމެ ފުރަތަމަ ކަމަކަށް ވަރަށް ކޮންފިޑެންޓްވެގެން،" އޭނާ ބުންޏެވެ.
ދެން އޭނާގެ ނަސޭހަތުގެ ލިސްޓްގައި ހިމެނެނީ؛
-
މަސައްކަތަށް އޮންނަ ލޯބި
-
ޓައިމް މެނޭޖްކުރުން
-
ފުރިހަމަ މައުލޫމާތު ލިބިފައި ހުރުން
ވިކާޝާ ބުނީ މޭކަޕް ކުރުމުގައި ދިވެހިން ކުރިން ދުށް ގޮތްތައް ވެސް މިހާރު ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރި އެއް ކަމަކީ ފިރިހެނުން މޭކަޕްކުރުން ގިނަވަމުން އަންނަ މިންވަރެވެ.
"ފިރިހެނުން ވެސް މޭކަޕްކުރޭ މިހާރު ކުރިއަށް ވުރެ ބޮޑަށް. އިވެންޓްތަކަށް ވެސް އަދި ވަކިން ހާއްސަކޮށް ފޮޓޯނަގަން ޖެހޭ ކަހަލަ އިވެންޓެއް ނަމަ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމައެކަނި އަންހެނުން އެކަނި ކަމަށް މޭކަޕްކުރަން ޖެހޭނީ. ކުރިން މިގޮތަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް މިހާރު ވަރަށް ބޮޑަށް އެ ހިޔާލު ބަދަލުވެފައި އޮތް މަންޒަރު ފެންނަނީ މޭކަޕްކުރަން ދާއިރު."
އޭނާ ބުނީ ފިރިހެނުން މޭކަޕްކުރުން މުހިންމުވުމުގެ މާނައަކީ ފައުންޑޭޝަން ހާކައި، ލިޕްސްޓިކް ޖެއްސުމެއް ނޫން ކަމަށެވެ. ހާލަތާ ގުޅޭ ގޮތަށް ވަރަށް އާދައިގެ އެކަމަކު ރީތި މޭކަޕެއް، ފިރިހެނުންނަށް ވެސް ކޮށްލެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ގިނަ ފިރިހެން ކުދިން ވެސް މިހާރު ބޭނުންވޭ އިވެންޓްތަކަށް ހާއްސަކޮށް މޭކަޕްކޮށް ހެއާ ސްޓައިލްކުރަން،" ވިކާޝާގެ ތަޖުރިބާ ކިޔައިދިނެވެ.


ވިކާޝާ މިއަދު ހުރީ އުފަލުންނެވެ. އޭނާއަށް ވެދާނެ ކަމަށް ކުރިން ހީކުރެވިފައި ނުވާ ކަމެއްގައި ކުރިއަރާދާތީ އެވެ. އެއާ އެކު އޭނާއަށް ލިބެމުން އަންނަ ތަފާތު ތަޖުރިބާތަކެވެ.
"އެންމެ އުފާވާ ކަމަކީ މޭކަޕްކުރީމަ ކްލައިންޓުންގެ ފަރާތުން އެ ލިބޭ ޕޮޒިޓިވް ފީޑްބެކް. އެއީ މިގޮތުގައި ކުރިއަށް ދާން ކޮންމެ ދުވަހަކު ލިބޭ ހިތްވަރަކީ ވެސް،" ވިކާޝާ ބުންޏެވެ.
"އެޕްރެޝިއޭޓްކުރުން އެއީ އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ކަމެއްހެން ކޮންމެ މަސައްކަތެއްގައި ވެސް އަދި ކޮންމެ ދާއިރާއެއްގައި ވެސް."
ކޮމެންޓް (1)
ފޮލޮވާރ