
އަބްދުﷲ އީސާ ފުޅު (އީސަ). (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
އީސަ ޅެންވެރިކަމަށް ކުރި ދަތުރާއި ރަދީފު 'ގިރައިގެން ބުއި' ވާހަކަ
އަބްދުﷲ އީސާ ފުޅު (އީސަ)ގެ ޅެންތަކަށް ތައުރީފު ކޮށްކޮށް ހުސްނުވާނެ އެވެ. އެއީ ކޮންމެ ޒަމާނަކާ ވެސް ގުޅޭ ޅެންތަކެކެވެ. އޭނާ ހަމައެކަނި ފިލިކޯޅި އާއި ބަނޑުވަށް އަކުރު އެއްގޮތް ކޮށްލަނީއެއް ނޫނެވެ. ކޮންމެ ޅެމަކުން ވެސް ކިޔައިދެނީ ވާހަކައެކެވެ.
އީސަގެ މިއުޒިކް ކެރިއަރުގެ ފެށިގެން އައީ ސްކޫލް ދުވަސްވަރު އޭނާ އުޅުނު ސައިކޯ ކޭންޑީ ބޭންޑުންނެވެ. ފަހުން އުޅުނީ ޒީރޯ ޑިގްރީ އެޓޯލްގެ ކުޑަ ބޭންޑުގެ ގޮތުގައި ޕާފޯމް ކުރި ސީޗައިލްޑްގަ އެވެ. މިހާރު ފެންނަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގަ އެވެ. ނަމަވެސް އަތުނުޖެހޭ ހިސާބަށް އީސަ ދިޔައީ އޭނާގެ ކިބައިގައި ހުންނަ ތަފާތު ޅެންވެރިކަމަކުންނެވެ.

އީސަ ޅެން ހަދަން ފެށި ގޮތާއި އެކަމުގެ ސިއްރަކީ ކޮބައިތޯ ބަލަން އަހަރެމެން ދިޔައީ އޭނާ މިހާރު ދިރިއުޅޭ ވިލިމާލެއަށެވެ. ރަށުގެ ހުޅަނގުކޮޅުގައި ހުރި ގެއެއްގެ ހިތްގައިމު ބެލްކަނީގައި ހުރެ ވާހަކަ ފެށި އެވެ. ލޮލުގައި އޮތް ނަންބަރު އައިނު އަތަށް ނަގައި، މީގެ 30 އަހަރު ކުރިން ޅެންވެރިކަމަށް ވަން ގޮތް ނިއުޅުވައިލި އެވެ.
އީސަގެ އާއިލާއިން ވެސް ފެންނަން އޮތީ ޅެންވެރިކަމާއި އަސްލު ދިވެހި ބަހާ އޮތް ގާތްކަމެވެ. ދިވެހި އަދަބީ ގުލްޝަނުގައި ފޮޅުނު މާމެލާމެލީގެ ތެރެއިން ހުސައިން ސަލާހުއްދީން ކައިވެނީގެ ގޮތުން ގުޅިވަޑައިގަތީ އީސަގެ ބައްޕަ ފަރާތު އާއިލާއާ އެވެ. އިބްރާހިމް ޝިހާބު ފުރަތަމަ ކައިވެނި ބައްލަވައިގަތީ އީސަގެ ބޮޑުދައިތައާ އެވެ. އެ މީހުންގެ ފޮތްތަކަކީ، އީސަގެ ޅެންވެރިކަމުގެ ބިންގަލެވެ.
މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު ވާހަކަދެއްކުމާއި ބަހުސްކުރުން ފަދަ އަދަބީ ކަންކަމުގައި އީސަ ބައިވެރިވި އެވެ. ޅެންވެރިކަމަށް އީސަގެ ގަލަން އެންމެ ފުރަތަމަ ހިންގައިލީ 1987 ވަނަ އަހަރު އެވެ. ތިމާވެށީގެ ދުވަހަށް، އެކުވެރިންނާ އެކު ހެދި 'ފިނިރޯޅި' އާއި 'ކޮތަޅުތަކެއް' ކިޔާ ދެ ޅެމަކުންނެވެ. އެއަށް ފަހު އައީ މިހާރުވެސް ގިނަ ބަޔަކު ދަންނަ، 'ޖެހިޖެހި ވައިގައި' ލަވަ އެވެ.
"އެއީ މަގޭ ލަވައެއް. އޭތި އިޝާންޓެއާ އެއްކޮށް [1990 ގައި] ރެކޯޑުކޮށްފައި ހުއްޓާ މަ [ހުރަގެއަށް] ފޮނުވާލީ،" ޒުވާނަކަށް ވެސް ނުވަނީސް އުމުރުން އެންމެ 17 އަހަރުގައި ޒުވާން ހަޔާތް ގެއްލުނު ގޮތުގެ ވާހަކަ ކިޔައިދެމުން އީސަ ބުންޏެވެ.
"އަހަންނަކީ ލައިފްގައި ވަރަށް ކުރީގައި އަރުވާލި މީހެއް. އަހަރެންގެ ލައިފްގެ ފުރަތަމަ ޑުރަގު މައްސަލައިގައި އަރުވާލީ. ފުރަތަމަ އުމުރު ދުވަހަށް ޖަލަށްލީ މީހާ. މިހާރު އެކަމަކީ [މަސްތުވާތަކެތި ބޭނުންކުރުން] މަގުމަތީގައި ވަރަށް ގިނަ މީހުން ކުރާ ކަމެއް. މަ އެ ކުށް ކުރިއިރު އަހަރެން ލީ އުމުރަށް ޖަލަށް."

ޅެންވެރިކަމަށް ލޯ ހުޅުވުން
އީސަ، އީސައަށް ވަނީ ޅެންވެރިކަމަށް ހުންނަ ކުޅަދާނަކަމަކުންނެވެ. އާންމުކޮށް ނީވޭ ނުވަތަ ގެއްލިފައިހުރި ދިވެހި ބަސްތައް، އޭނާގެ ޅެންތަކަށް އަމުނާލައި އަލުން ދިރުވަން މަސައްކަތް ކުރާތީ އެވެ. އީސަ، މި އީސައަށް ހެދި ތަނަކީ ޖަލެވެ. އެހެންވީމަ، ޖަލުގެ ތަޖުރިބާތައް ނުލައި، އީސަގެ ޅެންވެރިކަމުގެ ވާހަކަ ފުރިހަމައެއް ނުވާނެ އެވެ.
ގާމާދޫ ޖަލަކީ، އޭނާގެ ބަހުން ނަމަ ކޮލެޖެވެ. އެގޮތަށް ޖަލު ސިފަކުރުމުން އަހަރެމެންނަށް އެކަން ފަހުމުވާން އިރުގަނޑެއް ނެގި އެވެ. އީސަ، ކޮލެޖެއްގެ ގޮތުގައި ޖަލު ސިފަކުރަނީ، އެ ތަނުން އޭނާއަށް ކަންކަން ދަސްވެ، ތަޖުރިބާތަކެއް ލިބުމުންނެވެ.
"އެ ތަނުގައި ފޮތްތެރިކަމެއް ހުރޭ. ފޮތްތެރިކަމަކީ ޅެންވެރިކަމުގައި ވަރަށް މުހިންމު ކަމެއް. އޭރުންތާ ވިސްނުން އަންނާނީ އެކި މީހުންގެ ނަޒަރިއްޔާތުން،" އީސަ އަހަރެމެންނަށް އިތުރަށް އޮޅުންފިލުވައިދިނެވެ.
ދުވަސްގަނޑެއް ފަހުން 1991 ގައި އީސަ ރ. އިނގުރައިދުއަށް އަރުވައިލި އެވެ. އަސްލު ދިވެހިވަންތަ ގޮތަށް ކަންކަން ކުރާ މީހުންނާ ދިމާވީ، އީސަ ބުނި ގޮތުގައި، އެ ބަންދުގަ އެވެ. އެކި އެއްޗެހީގެ ނަންތައް ދަސްވެ، ކަންކަން ފެނި ތަޖުރިބާ ކުރެވުނެވެ. ވާހަކަ ދެއްކުމުގައި އެ މީހުން ބޭނުންކުރާ ބަސްތަކާއި ރައިވަރު ކިޔާ މީހުން އުޅުނު ގޮތާއި ކަންކަމެވެ.
"ރާއްޖެތެރޭގައި އޭރު ވަޑާން، ކިއްސަރު ވަޑާން ވެސް ފަށަނުން ފެށިގެން ނިމެންދެން ފެންނަން ހުންނާނީ. އޮޑިދޯނިފަހަރު އެއްޗެހި ފެންނަން ހުންނާނީ. ބަތްޕޮޅިން ނުކުތް އަޑު އަހަން ހުންނާނީ،" އޭރުގެ ހަނދާންތައް އާކުރަމުން އީސަ ކިޔައިދިނެވެ.
"އެ ތަނުން ފުރަތަމަ ރާގެއް ހެދީ ވެސް. އަމިއްލަ ފުރަތަމަ ރާގެއް ހެދީ ސްކޫލްގައި އެކަމަކު ޅެމަށް ވިސްނައިގެން [ރާގު] ހަދަން ފެށީ އެކޮޅުގައި."

އިނގުރައިދޫގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރުމަށް ފަހު އުމުރު ދުވަހުގެ ޖަލު ހުކުމަށް އީސަ އެނބުރި ދާން ޖެހުނީ ގާމާދުއަށެވެ. އެތަނުން އީސަގެ ހިތަށް ލިބުނު އެންމެ ބޮޑު އެއް ތަސައްލީއަކީ އޭރު ޖަލުގެ އިސް ވެރިޔަކަށް ހުންނެވި އިސްތަފާ އިބްރާހިމް މަނިކަށް ދަންނަވައިގެން، މިއުޒިކު ކުޅޭނެ ފުރުސަތު ލިބުމެވެ.
ވަކި އުސޫލެއްގެ ދަށުން ގައިދީންނަށް ފުޓުބޯޅަ އާއި އެކި ކުޅިވަރު ކުޅުމުގެ ފުރުސަތު އެ ތަނުގައި ފަހިކޮށްދީފައި އޮވެ އެވެ. އެކަމަކު އީސަގެ ހިތް އޮތީ ފުޓުބޯޅަ އާއި ކުޅިވަރަކަށް ނޫނެވެ. އޭނާއަކީ ޅެންވެރިޔެކެވެ. ޖަލަށް ލުމުގެ ކުރިން ވެސް މިއުޒީޝަނެކެވެ. ޖަލުގައި ވެސް އީސަ އުޅުނީ އެ ކަންކަމުގަ އެވެ.
"މަ އިސްތަފާ މަނިކު އަރިހުގައި ދެންނެވީ، މަށަކީ ފުޓުބޯޅަ ކުޅެން ވެސް އެނގޭ މީހެއް ނޫނޭ، ކިޔާފައި ގޭމު ޖެއްސީ، ދެން ފުޓްބޯޅަ ކުޅެން އެނގޭނެތާ ކޮންމެ މީހަކަށް ވެސް ދޯ؟ މަ ބުނީ އަޅުގަނޑަކަށް ނޭނގެއޭ އެއްވެސް އެއްޗެއް ކުޅޭކަށް، އަޅުގަނޑަށް ކުރަން އެނގޭ ހަމައެކަނި ކަމަކީ ގިޓާ ކުޅުމޭ، ދެން އެ ކަންތައް ކޮށްދެއްވާށޭ،" ގިޓާ ހޯދަން މަކަރު ހެދި ގޮތް އީސަ ކިޔައިދިނެވެ.
"ބުނީމަ އޭނަ އަހަންނަށް އަހަރެންގެ ގިޓާ ގެންނަން ހުއްދަ ދިނީ، ލިޔުމަކުން. ލިޔުމުގައި އޮންނާނެ ރޭގަނޑު 10ގެ ފަހުން ނުކުޅެވޭނެ ކަމާއި ގޮޅިތަކުން މީހަކު ޝަކުވާ ކޮށްފިއްޔާ އޭތި އަތުލެވޭނެ ކަމާއި މި ހުރިހާ އެއްޗެއް ހުންނާނެ."

އަނިޔާގެ ވާހަކަ ޅެން ބައިތުން ގަތަމުން ފެށި ދަތުރު
ގިޓާ ލިބުނުތާ ހައެއްކަ މަސް ފަހެވެ. ޖަލު އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ގާމާދޫ ޖަލުގައި ރޯކޮށްލި އެވެ. އެ އަލިފާނުގައި އީސަގެ ގިޓާ ވެސް އަނދައި އަޅިއަށްވީ އެވެ.
ދެން ދާން ޖެހުނީ ގާމާދޫއާ އަޅާބަލާއިރު އެތައް ގުނައެއް ހަރުކަށި އަދި މުޅިން އަލަށް ހެދި މާފުށީ ޖަލަށެވެ. އެ ހިސާބުން އީސައަށް އެއްކަލަ ފޮތްތެރިކަން ވެސް ގެއްލުނީ އެވެ. އެ ތަނުގައި ލައިބްރަރީއެއް ނުހުރެ އެވެ. ތޭރިތަކުގެ ފަހަތުން އީސައަށް ލިބުނު ހުރިހާ ހިތްހަމަޖެހުމަކުން މަހުރޫމުވެ، މީހާ ދިޔައީ ބޮޑު ހުސް ކަމަކަށެވެ. އަނެއްކޮޅުން އުސޫލުތައް އެހާމެ ހަރުކަށިވެފައި ލާއިންސާނީ އެވެ. އީސަ ސިފަކުރީ އެއީ ވަރަށް 'މިލިޓަރީ' ޖަލެއްގެ ގޮތުގަ އެވެ.
"މާފުށީގައި [ޖަލުގައި] ގިޓައެއް ނުހުންނާނެ، މިއުޒިކެއް ނީވޭނެ... ދެން އަބަދު ބިރުވެރިކަމެއްގައި ތިބޭނީ. ރޭގަނޑު ގޮޅިތަކަށް ވަންނާނެ ޑިއުޓީން [އޮފިސަރުން]. ވަދެ ބަންލާފައި ޖަހާފާނެ އެނދުގައި ވެސް ހަމަ. ވަރަށް މިލިޓަރީކޮށް ދިޔައީ. ދެން ވާނެ ގޮތަކީ ވަރަށް ނުބައި ޝޮކުތަކެއްގައިތާ ހުންނާނީ،" އީސަ ބުންޏެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ މައްޗަށް އެހާ އަނިޔާވެރިވުމުން އީސައަށް އިހުސާސް ކުރެވުނީ، މަރު އައިސް ޖެހެންދެން ވެސް އޭނާއަށް އޮތް ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް، ޅެންވެރިކަމުގައި އީސަ އައު އުސްމިންތަކަށް ގެންގޮސްދިނީ އެ އަނިޔާވެރިކަމެވެ. ޖަލުގައި ތަޖުރިބާކުރަން ޖެހުނު އަނިޔާތައް އީސަ ބުނެދިނީ ހިތްގައިމު ލަވަތަކާއި އެހާމެ މޮޅެތި ޅެން ބައިތުތަކުންނެވެ.
ލަވައެއްގެ ބެކްސްޓޯރީގެ ގޮތުގައި އީސަ އަހަރެމެންނަށް ކިޔައިދިނީ އޭނާގެ އެންމެ މަޝްހޫރު އެއް ލަވަ، 'އިންސާނާ'ގެ ޅެން ހެދި ސަބަބެވެ. މާފުށިގެ ރުކަކާ ލައި ފަހަތަށް ބިޑިއަޅުވާފައި ދެ ރޭ ދެ ދުވާ ވަންދެން ބަނދެފައި ބެހެއްޓި ވާހަކަ އެވެ. އެ އަދަބުގައި ހުރި ވޭނުގެ ގަދަކަން ސިފަކޮށްދެމުން އީސަ ބުނީ "ފަސް މިނެޓު ވެސް ކެތް ނުވާނެ" ކަމަށެވެ.
"މާނައަކީ ދެން ތަދުވެގެން ހަޅޭއްލަވާނީއޭ. ހަޅޭއްލެވިޔަސް އެ ނުނައްޓަންޏާ ހަމަ އޮންނަންތާ ޖެހޭނީ؟ މަރެއް ނުވާނެ، ދެން ތަދުތާ ވާނީ؟" އީސަ ބުންޏެވެ.
"[އެހެން އޮންނައިރު] އިންސާނެއްގެ ގައިގައި ކިބުރުވެރިކަން ނުވަތަ އެމީހާއަށް އެމީހާގެ ޖާހު ފެނުނީމަ އޭނާގެ ހާލަތު ހުންނާނެ ގޮތް މަ ބޭނުންވާނެ ދޯ ލަވައެއްގައި ނަމަވެސް ކިޔަން؟"

އެ ހާލުގައި އޮތްއިރު، އީސައަށް ތަންކޮޅެއް ދުރުން ފެންނަމުންދިޔައީ، އޭރު ޖަލުގެ އިސް ވެރިޔާ އޭނާގެ އަނބިދަރިން މާފުއްޓަށް ގެންގޮސް، ބޮޑުބެރު ޖަހައި މުނިފޫހިފިލުވާ މަންޒަރެވެ. 'އިންސާނާ' އުފަންވި ގޮތަކީ އެއީ އެވެ.
"އޭނާގެ އަންހެނުންނާއި ދަރިންނަކަށް ނުފެންނާނެއެއްނު އަނދިރީގައި، ރުއްތަކުގައި އަޅުވާފައި ތިބި ބަޔަކު؟ މިހާ ހަޑި ގޭމު ކުޅުނުއިރު އީސަމެން [ޖަލުގައި] ތިބީ. އިޓް ވޯޒް އަ ލޯންގް ނައިޓް. އެ ރޭ ހެސްކިޔާފައި ވާރެ ވެހުނު،" އީސަ ބުންޏެވެ.
އެ ތަޖުރިބާއިން އީސަ ހެދި 'އިންސާނާ'ގެ ފުރަތަމަ ކަޑީގައި ކިޔަނީ މިހެނެވެ:
"ފެނި ނަސަބު އެނގި ބޮޑާ ކަމުގާ
ވެރިވެ
އަނިޔާ ރަހުމު ކުޑަކޮށް
ފެތި ޣަރަގުކޮށްފަ އޯގާ
ހިތް
ނެތި
ހިނގައިދާނެ އިންސާނާ."
އީސަގެ 'ޖީފަތް' ވެސް އެއީ ހަމަ މިފަދަ ތަޖުރިބާތަކަކުން ހެދި ޅެމެކެވެ. 'ބޮޑާ' ޅެމުން ވެސް ބުނެދެނީ އެފަދަ ވާހަކަތަކެކެވެ.
އީސަ ރަދީފު 'ގިރައިގެން ބުއި' ވާހަކަ: ތެދެއްތަ؟
ޖަލުގައި އީސަ 100 އަށް ވުރެ ގިނަ ޅެން ހެދި އެވެ. އެ ޅެންތަކުގައި ބޭނުންކޮށްފައި ހުރި، އަހަރެމެންނަށް ގެއްލިފައިވާ އޮރިޖިނަލް ދިވެހި ލަފްޒުތައް ގުނައި އަދަދު ވެސް ނުކުރެވެ އެވެ. އީސަގެ ބަސްކޮށާރު އެހައި މުއްސަނދިވުމުގެ ސިއްރަކީ، މާފުށީ ޖަލުގައި އޮތްއިރު އޭނާއަށް ކުޑަ ރަދީފު ލިބުމެވެ.
ރަދީފު ލިބުނެއް ކަމަކު، އެއީ ޖަލަކަށް ވެފައި އަދި އަމުދުން އެހާ ހަރުކަށިކޮށް ކަންކަން އިންތިޒާމުކޮށްފައި އޮންނާތީ، މާދަމާ ވެސް އޭތި އަތުލާފާނެކަމުގެ ބިރު އޮތެވެ. އެހެންވެ އީސަ ކުރި ކަމަކީ ރަދީފު ކިޔަމުން، ބޭނުންވާ ލަފްޒުތައް ހޯދައި ނޯޓުކޮށް ދަސްކުރަން ފެށީ އެވެ.
މާފުށީ ޖަލަށް 1998 ގައި ގެންދިޔަ ހިސާބުން 2003 އާ ހަމައަށް ވީ ފަސް އަހަރުގައި އީސަ އުޅުނީ އެކަމުގަ އެވެ.


"ނިމުނުއިރު، 2003އާ ހަމައަށް ދިޔައިރު، ހަމަ އެއްކޮށް ހިތުދަސް، ކުޑަ ރަދީފު އޮތް ގޮތަށް. އެއީ 35،000 ވަރަކަށް ބަސް،" އީސަ ބުންޏެވެ.
ރަދީފު 'ގިރައިގެން ބޮއެގެން' ނުވަތަ ހިތުދަސްކޮށްގެން އީސަ ހެދީ ތަފާތު ޅެންތަކެކެވެ. މިސާލަކަށް މުޅިންހެން ބޯދާބަސް ބޭނުންކޮށްގެން ހެދި 'ފުރަސޫތާވެނުފަން' ޅެމާއި އިހުގައި ދިވެހިން މިނެކިރުމުގައި ބޭނުންކުރި ބަސްތައް ބޭނުންކޮށްގެން އީސަ ނަދުރު ބުނި 'ރޯ ބުހުތާނު' ޅެމަކީ ފާހަގަކޮށްލެވޭ ބައެއް ޅެންތަކެވެ.

ޖަލު ލަވަތައް ޖަލުން ބޭރަށް: ބަސް ކޮމެޓީއަށް ކަމަކުނުދިޔަ
އީސަ ޖަލުގައި ހެދި ޅެންތައް އަދިއަދަށްދާންދެން ވެސް ހަމަ ހުރި ގޮތަށް ފެންނަން އެބަ ހުއްޓެވެ. ޖަލުގައި ހުރެ އެ ޅެންތައް ލިޔުނު ދެއްޔާއި ކަރުދާހުގަ އެވެ. މިއަދާ ހަމައަށް ގެންނަން ފުރަތަމަ އެ ޅެންތައް ރައްކާކުރީ އީސަ އާއި ދެތިން އެކުވެރިންގެ ސިކުނޑީގަ އެވެ. އެ މީހުން ޅެންތައް ކިޔައި، ހިތުދަސްކުރި އެވެ. ފަހުން އެކި ގޮތްގޮތް ހޯދައިގެން ޅެންތައް ލިޔުނީ އެވެ.
"ހުކުމުގެ ބަޔަށް ބަދަލުކުރީމަ އެތަނުގައި އަހަރެމެންގެ ރަހުމަތްތެރިން މަސައްކަތަށް ނުކުމެފައި ސިމެންތި ކަރުދާސް އެއްޗެހި ގެނައިމަ އޭގައި ލިޔެގެން އެ އެއްޗެހި [ޅެންތައް] ބެހެއްޓީ. ދެން ރެއިޑު އަންނަ ފަހަރުފަހަރު [ލިޔެފައި ހުރި ޅެންތައް] ގެންދާނެ،" އީސަ ބުންޏެވެ.
"އަނެއްބައި އެއްޗެހި އަހަރެމެން ހުންނާނެ ޑިއުޓީން [ޖަލު އޮފިސަރުން] ލައްވާ ސުމަގުލްކޮށްފައި މާލެ ފޮނުވާފައި."
ޖަލުގައި ކުދިކުދި ކަރުދާސްކޮޅުތަކުގައި ލިޔެ، އެ ތަނުން ނެރުނު އެ ޅެންތަކުގެ ފޮޓޯތައް އީސަ އަހަރެމެންނަށް ދައްކާލި އެވެ. ކަރުދާސް ލިބުން ދަތިކަމުން ގަނޑުތައް ފަތްޖަހައި، އެއް ގަނޑުގައި ދެ ޅެން ވެސް ލިޔެފައި ހުއްޓެވެ. ބައެއް ގަނޑުތައް ދުވަސްވެފައި ހުރުމުން، ހަލާކުވިޔަ ނުދިނުމަށްޓަކައި ހުރީ ލެމިނޭޓުކޮށްފަ އެވެ.
ރަދީފު ބަލައިގެން ހިތުދަސްކުރަން ނޯޓުކުރި ލަފްޒުތައް ވެސް ބައެއް ގަނޑުތަކުގައި ހުއްޓެވެ. އަދި އީސަ ޖަލުގައި ހުރެ ލިޔުނުހާ ޅެންތަކުގެ ލިސްޓެއް، ޅެން ލިޔުނު ތާރީހާ އެކު ނޯޓުކޮށްފައި ވެސް ހުއްޓެވެ.


ޖަލުން މާލެއަށް ޅެންތައް ފޮނުވީ، ޖަލު އޮފިސަރުންނަށް ލަވަ ނުވަތަ ޝޯ ކުޅެދީގެންނާއި އެ މީހުން އެދޭ ގޮތަށް، އެ މީހުންނަށް ޅެން ހަދައިދީގެންނެވެ. މިސާލަކަށް އީސަ ލިޔުނު 'ޗުއްޓީ' ނަމަކަށް ކިޔާ ޅެމަކީ ޖަލު އޮފިސަރަކު ޗުއްޓީއަށް ފުވައްމުލަކަށް ކުރި ދަތުރެއްގައި ފެނުނު ކަންކަން އީސައަށް ކިޔައިދީގެން އޭނާއަށް ހަދައިދިން ޅެމެކެވެ. ފަހުން އެ ޅެން، އީސަގެ އަޑުން ކިޔައި ލަވައެއްގެ ސިފައިގައި އާންމުންނަށް ވަނީ ދޫކޮށްލާފަ އެވެ.
ޖަލުން ދޫކޮށްލުމުން ރަނގަޅަށް ޅެންތައް ލިޔެ، އީސަގެ އެކުވެރި ހަސަން (ތަކުރުފާނު)ގެ ނަމުގައި ފާސްކުރަން ބަސް ކޮމެޓީއަށް ފޮނުވަން ފެށި އެވެ. އީސަ ނުކުތީ ސަތޭކައިން ޅެން ހިފައިގެންނެވެ. އަދި ކޮމެޓީއަށް އޮބިނޯންނަ ވަރަށް، ފުލުފުލުގައި ޅެންތައް ފާސްކުރަން ފޮނުވި އެވެ. އެ މަސައްކަތުގައި އީސަ ބުނީ 60 ވަރަކަށް ޅެން ފާސް ކުރެވުނު ކަމަށެވެ.

ޅެން ފާސްކުރުމުގައި އީސައަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޅެންވެރިކަމުގައި އޭނާ ގެންގުޅޭ އަމިއްލަވަންތަ ގޮތެވެ. އާންމުކޮށް ޅެންވެރިކަމުގައި ގެންގުޅޭ ވަޒަންތައް ބަދަލުކޮށްލައި އީސަ ހަދާ ޅެންތަކުގެ އަޖުޒާއި ސަދުރުގެ ދިގުމިން ކަނޑައަޅަނީ އަމިއްލައަށެވެ. މިކަން ބަލައިގަތުން ބަސް ކޮމެޓީއަށް މާ ފަސޭހަ ކަމަކަށް ނުވި އެވެ. ބައެއް ބައިތުތަކުގައި ދަށު ރޮނގު ދަމައި، "މި ތަން މިވެނި ގޮތަކަށް ބަދަލުކުރަން ފެނޭ" ޖަހާފައި އަނބުރާ ފޮނުވާ ވެސްލި އެވެ. ކޮމެޓީން އެދުނު ގޮތަށް ބައެއް ޅެންތައް އީސަ ބަދަލުކުރި އެވެ. އަދި ގޮތް ދޫނުކޮށް، ހުރި ގޮތަށް ބެހެއްޓި ޅެންތައް ވެސް އެބަ ހުއްޓެވެ.
މިސާލަކަށް އީސަ ކިޔައިދިނީ 'ޖީފަތް' ޅެން ފާސްކުރި ގޮތެވެ. އެ ޅެމުގައި މައްސަލައަކަށްވީ ބައިތެއްގައި ބޭނުންކޮށްފައި އޮތް ލަފުޒެކެވެ. އެއީ 'ދަފަރާ' އެވެ. ރަދީފުގައި ބުނާ ގޮތުން ދަފަރާގެ މާނައަކީ ކަމަކުން ވާ ދިފާއު ނުވަތަ ސަލާމަތެވެ. އެ ބައިތުގައި ވަނީ މިހެންނެވެ:
"ކާއިނާތާއި ވުޖޫދު ހިނގާ
އޮތްހާ ހިނދަކު
މަހުލޫގަކަށް
ދެމި ހުރެވޭނެބާ
ފާއިތުކޮށް
އުމުރެއް، ރަން ހާރުން ގެތިޔަސް
މަރުގައިވި
ވަކި ދަފަރާއެއް ނުވޭ"
މި ބައިތުގައި އީސަ މި ބުނަނީ ތާ އަބަދު ދުނިޔޭގައި އެއްވެސް މަހުލޫގަކަށް ނުހުރެވޭނެ ކަމާއި ކިތަންމެ މޮޅު ދިރިއުޅުމެއް އުޅުނަސް، މަރު އައިސް ޖެހުމުން، މަރުގެ ވަކިތަކުން އެއްވެސް މީހަކު ސަލާމަތް ނުވާނެ ވާހަކަ އެވެ. މި ޅެން ފާސްކުރަން ފޮނުވުމުން، ފާސްނުކޮށްދީ އަނބުރާ ފޮނުވައިލިއިރު ސަބަބަކަށް ޖަހާފައި އޮތީ، އީސަ ބުނި ގޮތުގައި، ދަފަރާގައި މާނައެއް ނެތުމެވެ. އެ ފަހަރު ދޫނުކުރާނަމޭ ހިތައި އީސަ ދިޔައީ ބަސް ކޮމެޓީއަށެވެ.
"އެތަނަށް ދިޔައިރު ބަސް ކޮމެޓީގެ ތިން ބޭފުޅުން ތިއްބެވި. ދެން މަ ބުނިން މިހިރަ ކަންކަން ރަނގަޅުކޮށްފައޭ ލަވައިގައި. އޭގައި ހުރި އެއްކަލަ ވަޒަނާ ބެހޭ ގޮތުން ވެސް އައި ސުވާލެއް. ދެން އެކަހަލަ ސުވާލުތަކަށް މަ އޭތި ހަމަޖައްސައިފިން،" އީސަ ކިޔައިދިނެވެ.
"އެކަމަކު އޭތި [ދަފަރާ] ބަދަލުކުރާކަށް މަށަކަށް ނުފެނޭ، ވަރަށް މުހިންމު ބަހެއް އެއީ، އެތަނަށް ލާފައި އޮންނަން ޖެހޭ. ދެން ބަހުގެ މާނަ ނެތޭ ބުނީމަ މި ކަންބޮޑުވީ. ދެން އަޅުގަނޑު ދެންނެވިން ދާލުގެ ރަދީފު ނަންގަވާށޭ. މިހާރު ތިބޭފުޅާ ބެއްލެވިޔަސް ފެންނާނޭ."

އެންމެ ފަހުން 'ޖީފަތް' ފާސްވީ އީސަ ބޭނުންވި ގޮތަށެވެ. ޖީފަތް ޅެމުން 'ދަފަރާ' ވަކިކޮށެއްނުލެވުނެވެ. އެއީ މިހާރު ވެސް އީސަގެ އެންމެ ހިތްގައިމު އެއް ލަވަ އެވެ.
އީސައަކީ ހުރިހާ ގޮތަކުން ވެސް އޮރިޖިނަލް ގޮތްގަނޑެއް ގެންގުޅޭ މީހެކެވެ. ޅެންވެރިކަމުން ވެސް ދައްކައިދިނީ އެ ސިފަ އެވެ. ދިވެހި ޅެންވެރިކަމުގައި ޒަމާންވީ ވަޒަންތައް ވެސް ބަދަލުކޮށް، އުފަންކުރުވީ އަމިއްލަ ލެގަސީއެކެވެ. ވެރިންނަށް ކަމުނުދިޔަސް، އީސަގެ ލަވަތަކާއި ޅެންތަކަށް އޮހެނީ ތައުރީފުގެ ބަސްތަކެވެ. އީސައަށް މަރުދޭ ވަރަށް ތާއީދުކުރާ އެތައް ބަޔަކު ތިބި އިރު، ބައެއް މީހުންނަށް އީސައަކީ ދިވެހި ބޮބް ޑިލަން އެވެ.
ކޮމެންޓް (17)
ކިސްމަތު
ސަމަރޭ
ޙުސެން
ހުސޭނު
އަލީ
ބޭރަށް
އެސޮރު
ސަފިއްުަޓެ
އިއްސެ
ހަކީމް
އާމިނަތު
ލުޖެއިން
ބަހަކައް ބަހެއް
ައާމިނަތު
ނާފިޒު
މަޑެޭ
ެސިއްޕެ