ރާޔާ 'ޖަސްޓް ރޭ ތިންގްސް' ޓޯޓް ބޭގެއް ތައްޔާރުކުރުމުގެ މަސައްކަތުގައި. (ފޮޓޯ/މާއިޒް)

ޖަސްޓް ރޭ ތިންގްސް: ހިޔާލާއި ކުލަތައް ދަބަހެއްގެ ތެރެއިން

މި ހިޔާލާއި ކުލަތައް ރާޔާގެ އާންމު ދިރިއުޅުމުގައި ފެތުރިގަތީ ކޮވިޑްގެ ފުރަބަންދު އައިސް 23 އަހަރުގެ މި ސިކުނޑި ހިސޯރުކޮށްފައި ވަނިކޮށެވެ.
15 ފެބްރުއަރީ 2023
1

މި ވާހަކަ ދައްކަން މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. މިއީ ލޯކަލް އާޓިސްޓުންނާއި އެމީހުންގެ އާޓް އަދި ވަކިން ހާއްސަކޮށް މި ހުނަރުވެރިންގެ ހުނަރަށް ހުސްކޮށްފައިވާ ސްޓޭޖެކެވެ. އެގޮތުން މިފަހަރުގެ ހޮވުމަކީ 'ޖަސްޓް ރޭ ތިންގްސް'ގެ ނަމުގައި ކުލަގަދަ އަދި ހަމަ އެވަރަށް ސަޅި ޓޯޓް ބޭގުތަކެއް އުފައްދަމުން އަންނަ ޒުވާން ހުނަރުވެރިޔާ އައިޝަތު ރާޔާ އެވެ.

މި ހިޔާލާއި ކުލަތައް ރާޔާގެ ސިކުނޑި ތޮރުފާލާފައި ދޯދިތަކެއް ފަދައިން ނުކުމެ އޭނާގެ އާންމު ދިރިއުޅުމުގައި ފެތުރިގަތީ ކޮވިޑްގެ ފުރަބަންދު އައިސް 23 އަހަރުގެ މި ސިކުނޑި ހިސޯރުކޮށްފައި ވަނިކޮށެވެ. ރާޔާ ކިޔައިދިނީ މިހެންނެވެ.

"ކޮވިޑް ތެރޭގައި ގޭގައި އުޅެން ޖެހުނީމަ ކުރާނެ ކަމެއް ނެތިގެން ފޫހިވާން ފެށީމަ ފަހާފޮއްޓެއް ގަތީ ކޮންމެވެސް މަސައްކަތެއް ފަށަން. އޭރު ކޮންމެވެސް ވަރަކަށް އެމްބްރޮއިޑްރީ މަސައްކަތް ވެސް ކުރިން ގޭގައި އިނދެގެން،" ކޮވިޑާ އެކު ފުރަބަންދަށް ދިއުމުގެ ކުރިން ހޮސްޕިޓާލިޓީ ދާއިރާއިން ކިޔަވަމުން ހޮޓެލް ސާވިސް އިންޑަސްޓްރީގައި މަސައްކަތްކުރަމުން ދިޔަ ޒުވާނާ ބުންޏެވެ.

(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)

ރާޔާ ބުނީ ފުރަބަންދަކަށް ދާން ޖެހުމުން ވަޒީފާ އާއި ލައިފްސްޓައިލަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވިޔަސް އެ ބަންދާ އެކު ބަދަލުވެގެން ދިޔައީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އޭގެ ފައިދާ ވެސް ކުރި ކަމެއް ކަމަށެވެ.

"ކޮވިޑްގެ އެ ލޮކްޑައުންގައި އެގޮތަށް ގޭގައި ހޭދަކުރި ދުވަސްތަކަކީ އަމިއްލަ މީހާ އިތުރަށް ޑިސްކަވާވެ އަދި ވަކިން ހާއްސަކޮށް އަމިއްލަ މީހާގެ ކިބައިގައިވީ ހުނަރުތައް ޑިސްކަވާކުރަން ލިބުނު ފުރުސަތެއް. އަމިއްލަ އަށް ބައިވަރު ކަންކަން ކުރެވިދާނެކަން އެނގުނު އެފަހަރު،" އިތުބާރާ އެކުގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އެކަމަކު އެންމެ ކުރިން މިވަރުގެ އިތުބާރެއް ފަހަރުގައި ރާޔާގެ މި ވާހަކައިގައި ނެތެވެ. އަދި ވަކިން ހާއްސަކޮށް އަމިއްލަ މީހާގެ ކިބައިގައިވީ ހުނަރުތައް މިގޮތަށް ދައްކާލުން ވެފައި އޮތީ ދުވަހަކުވެސް ހިތަށް ނާރާ ކަހަލަ ކަމަކަށެވެ. އެކަމަކު އަބަދުވެސް ހިތުގައި އާޓަށް ލޯބި އޮތެވެ. އުޅެ ބޮޑުވީ ވެސް އެ މިނިވަންކަމާއި އުފާވެރިކަން އޮތް މާހައުލެއްގަ އެވެ.

އެކަމަކު އެކުގައި އުޅޭ އެންމެ ގާތްއެކުވެރިޔާ އެއް ދުވަހަކު ދިން ހިޔާލަކުން މުޅި ދުވަސް އަލިކޮށް ފެންދުލީގެ ކުލައިން ފަވާލާ ވަރުގެ ބަދަލެއް ގެނެވިދާނެ ކަމަކަށް ހިތަކަށް ވެސް ނާރަ އެވެ.

"އަޅުގަނޑުގެ މި ފްރެންޑް، އޭނަގެ ނަމަކީ މާއިޒް. އޭނަ އައިޕެޑެއް ލާނެ ދަބަހެއް ހޯދަން އުޅެއުޅެ ހިތްހަމަޖެހޭ ކަހަލަ ދަބަހެއް ނުލިބިގެން އެންމެފަހުން މި ބުނަނީ ރާޔާ ކައިރީގައި ދަބަހެއް ފަހާލަދޭންވީ ނޫންހެއްޔޭ،" ހީގެންފައި ރާޔާ ކިޔައިދިނެވެ.

"އެ ބުނި ބުނުމަކަށް އަސްލު ދަބަސް ފަހަން ފެށުނީ މިގޮތަށް. އެކަމަކު އަދިވެސް އައިޕެޑް ލާނެ ދަބަހެއް ނުފެހޭ އިނގޭ."

(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)

އެކަމަކު އެ އައިޕެޑާއި މާއިޒްގެ ހިޔާލުގައިވީ މިއުޒިކުން ވަނީ ރާޔާގެ 'ޖަސްޓް ރޭ ތިންގްސް' ވަރަށް ކުލަގަދަކޮށް ބްރޭންޑްކޮށްފަ އެވެ. ޑިޒައިނިން އާއި ބްރޭންޑިންގައި ރާޔާ އަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭ މި އެކުވެރިޔާ ދެން ވެސް ރާޔާ އަށް ދިނީ އިތުރު ހިތްވަރެކެވެ.

"މާއިޒްއާ ނުލައެއް އަސްލު ނުފެށޭނެ މި ކަމެއް. އޭނަ ޕުޝްކުރި ވަރުން މިގޮތަށް ފެށުނީ. އެންމެ ފުރަތަމަ ފެހީ އާދައިގެ ހޭންޑްބޭގެއް. ދެން އޭތީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކުރީމަ ވަރަށް ގިނަ ބަޔަކަށް ކަމުދިޔައީ އެ ދަބަސް،" ރާޔާ ކިޔައިދިނެވެ.

"ދެން މާއިޒް ބުނެފި ހިނގާށޭ މިއަށް ވުރެ ރީތި ޑިޒައިނެއް ހަދައިގެން އިތުރު ދަބަހެއް ފަހަން. އެހިސާބުން ރަސްމީކޮށް ފެށުނީ."

ރާޔާ ބުނިގޮތުގައި ދެ މީހުން ވިސްނީ ބާޒާރުގައި އޭރު ވެސް ވަރަށް ގިނަ އަދި އެހާމެ މަގްބޫލުކޮށް ދައުރުވަމުން ދިޔަ އާދައިގެ ޓޯޓް ބޭގް ތަފާތު ގޮތަކަށް ގެނެސްދޭށެވެ. ތަފާތު ތަޖުރިބާއަކަށް ހަދާށެވެ.

"ވަރަށް ގިނަ މީހުން ބޭނުންވޭ އެމީހުން ގެންގުޅޭ އެކި އެއްޗެހިތައް އެކި ތަންތަނަށް ލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ދަބަހެއް ގެންގުޅެން. ދެން އެގޮތަށް ވިސްނައިގެން ރިސާޗުކޮށް ބަލައިގެން އުފެއްދުނު ދަބަހެއް މި ދަބަހަކީ،" ރާޔާ ކިޔައިދިނެވެ.

"އެކަމަކު އަދިވެސް ހަމަ ދަސްކުރަނީ މި ހުރިހާ ކަމެއް ވެސް. މީގެ ކޮންމެ ދަބަހަކީ ވެސް އާ ތަޖުރިބާއެއް. އާ އެތައް ކަމެއް ދަސްވާ ތަޖުރިބާއެއް."

(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)
(ފޮޓޯ/މާއިޒް)

ރާޔާ ބުނިގޮތުގައި އަމިއްލަ ބޭނުންތަކަށް ކުޑަކޮށް ފަހައި އުޅުނަސް ދަބަހެއް ޑިޒައިންކޮށް، ފެހީ ވެސް މުޅިން އަލަށެވެ. ނަމަވެސް އޭނާގެ މި މަސައްކަތުގައި ދައްކާ އެންމެ ބޮޑު ތަފާތަކީ ހިތުގައި އޮތް ކުލަ އެވެ.

"މިއީ ވަރަށް ލޯބިން ވަރަށް ކުރާހިތުން ވަރަށް ފަރުވާތެރިކަމާ އެކު އަޅުގަނޑު ކުރާ ކަމެއް. ކޮލެޖުގައި ކިޔަވަމުން، ފުލްޓައިމް ވަޒީފާއެއް ވެސް އަދާކުރަމުން އެކަމަކު ވެސް ލިބޭ ވަރަކުން ވަގުތު ހޯދައިގެން މި މަސައްކަތް މި ކުރަނީ ކުރާހިތްވާވަރު ބޮޑުކަމުން،" ރާޔާ ބުންޏެވެ.

"އަދި ކޮންމެ ދަބަހެއްގައި ވެސް މަސައްކަތްކުރަނީ އެކަތި އަނެކައްޗަށް ވުރެ ރަނގަޅުކުރަން ހުރިހާ ގޮތަކުން ވެސް. ހަމަ އެއްޗަކަށް އެއްޗެއް ހަދާފައި ވިޔަފާރިއެއްކުރަން އުޅެނީއެއް ނޫން. އެއަށް ވުރެ ބޮޑަށް މަސައްކަތަށް އޮތް ލޯތްބަކުން ކުރެވޭ ކަމެއް މިއީ."

ވަރަށް ކުޑަކުޑަ ކަމަކުން އަދި މީހަކު ބުނެލާ ކުޑަކުޑަ އެއްޗަކުން ވެސް ދިރިއުޅުން ބަދަލުވެދާނެ އެވެ. ނުވަތަ މީހާ އެއްކޮށް މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދާނެ އެވެ. މި ކުޑަކުޑަ ޓޯޓް ބޭގަކީ ރާޔާގެ ޒުވާން ހަޔާތުގައި މިވަގުތު އެކަހަލަ ބާރެކެވެ. އެހާ ވެސް ހިތްގައިމު ކުލައެކެވެ. އަދި އެހީތެރިއެކެވެ.

"މި ދަބަސް، މިގޮތަށް ވެސް އާންމުންނަށް ފެންނަ ގޮތަކަށް ހިއްސާކުރި އާޓް މަސައްކަތަކީ. އޭގެ ކުރިން ކުރެހި އެއްޗެއް ނުވަތަ ފެހި އެއްޗެއް ވެސް އާންމުންނަށް މިގޮތަށް ދައްކާލާކަށް ނުނެރެން. ފަހަނީ ވެސް އަމިއްލަ ބޭނުންތަކަށް އެކަނި،" ރާޔާ ބުނެލި އެވެ.

"ކޮންފިޑެންސް ލިބި މިގޮތަށް މަސައްކަތްކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަދި އިންސްޕިރޭޝަނަކީ ރައްޓެހިން. އެންމެ ބޮޑަށް ފާހަގަކޮށްލާނީ ރައްޓެހިންގެ ފަރާތުން ލިބޭ ސަޕޯޓް."

ކޮމެންޓް (1)

ހައްޕު

20 ފެބްރުއަރީ 2023
ހަމަ ބެސްޓު އިނގޭ .ކުރިއަށްދޭ .
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް