ވިސާން

ކަނޑި ވަރަށް ތޫނު، ޝޮޓު ވަރަށް ހޫނު، މި މަންޒަރު ވަރަށް ޗާލު

25 އަހަރުވީ ދިގު ފިލްމީ ހަޔާތުގައި އޭނާ ގެނެސްދިން މަންޒަރު 'ކަނޑިއަށް' ވުރެ ތޫނުވެފައި ކިތަންމެހާ ވެސް ހިތްގައިމެވެ. އެކަމަކު ލިބެން ޖެހޭ ފުރިހަމަ ސަމާލުކަމާއި ހައްގު ތައުރީފެއް އަދިވެސް ނުލިބެއެވެ. މިއީ 'ފިލްމީ ދާއިރާގެ ބޭއިންސާފު 100'ގެ ލިސްޓެއް ލިޔާ ނަމަ ފުރަތަމަ ބާބެވެ.
2 ފެބްރުއަރީ 2023

މި އޮތްހާ ދުވަހު އަހަރެން ހީކުރީ އެއީ އިބްރާހިމް ވިޝާމެއް ކަމަށެވެ. އެކަމަކު މި އިންޓަވިއު ފަށައިގަތުމާ އެކު ވަރަށް ސާފުކޮށް ކިޔައިދިނީ ވަރަށް ގިނަ މީހުން އޭނާގެ ނަން އޮޅުވާލައިގެން އަބަދުވެސް ލިޔާ ވާހަކަ އާއި "ވިޝާމުން" އޭނާއާ މުހާތަބުކުރާ ވާހަކަ އެވެ.

އަސްލު ނަމަކީ އިބްރާހިމް ވިސާން އެވެ. މިހެން ބުނީމަ އެއީ ކާކުކަން ވެސް މިހާރު ނޭނގިދާނެ އެވެ. ނަމަވެސް "ކެމެރާމަން ކަނޑި"އޭ ބުނީމަ ދެން ފެންނަ މަންޒަރު ވަރަށް ވެސް ސާފެވެ. ނަމަވެސް 'ކަނޑީގެ' 25 އަހަރުވީ ދިގު ފިލްމީ ހަޔާތުގައި އޭނާ ގެނެސްދިން މަންޒަރު 'ކަނޑިއަށް' ވުރެ ތޫނުވެފައި ކިތަންމެ ހިތްގައިމުވިޔަސް އޭނާގެ ކުޅަދާނަކަމަށް ލިބެން ޖެހޭ ފުރިހަމަ ސަމާލުކަމާއި ހައްގު ތައުރީފާއި އިންސާފުގެ ހަމަ، ހަގީގަތުގައި ވެސް ލިބިފައެއް ނުވެ އެވެ.

ފިލްމީ ދާއިރާއިން ނަގާކިޔާ ނަމަ އެ ދާއިރާގައި ދެމިތިބި އާޓިސްޓުންގެ ތެރެއިން ވިސާން އަކީ ހަގީގަތުގައި ދެ ތިން އެވޯޑް ހައްގުވާ ފަރާތެއް ނޫނެވެ. އޭނާގެ ހުނަރަށް އަދިވެސް ގައުމީ ޝަރަފްވެރި އެވޯޑެއް ނެތުމަކީ 'ފިލްމީ ދާއިރާގެ ބޭއިންސާފު 100'ގެ ލިސްޓެއް ލިޔާ ނަމަ ވަރަށް ކުރީގައި ހިމަނަން ޖެހޭ ވެސް މައްސަލައެކެވެ. ސަބަބަކީ، ކަނޑި ވިސާން ސާބިތުކޮށްދޭން ޖެހޭ އެއްވެސް ކަމެއް އޭނާގެ މި އާދަޔާހިލާފު ކެރިއަރުގައި މިހާރު ނެތީމަ އެވެ. އެކަމަކު ލަދުރަކި މިޒާޖަކާ އެކު އުމުރުން އެންމެ 13 އަހަރުގައި ފިލްމީ ދާއިރާ އަށް ވަދެ ސުމަކުން ފެށި މި ހުނަރުވެރިޔާގެ ގާބިލުކަމަށް އެ ދާއިރާގެ ބައެއް މީހުން ވެސް އެންމެ ފުރަތަމަ ދިނީ ސުމެކެވެ. ނަމަވެސް ކަނޑީގެ ތޫނުކަން އިހުސާސްވާން މާ ގިނަ ދިވެހި ފިލްމެއް ބަލާކަށް ނުޖެހުނެވެ.

އެކަމަކު އޭނާގެ ވާހަކަ ސުމަކުން ފަށަމާ ހިނގާށެވެ.

"އެންމެ ފުރަތަމަ ވެސް ހިތްޖެހުނީ ކެމެރާ އަށް. އެކަމަކު ފެށީ ޓެކްނިކަލް އެސިސްޓަންޓެއްގެ ގޮތުގައި. އޭރު ފިލްމު ޝޫޓިންއަކަށް ދާއިރު ހެޔޮވަރު ބޮޑު ޕިކަޕެއް ފުރާ އެއްޗެހި ގެންދާނެ. އެ ހުރިހާ އެއްޗެއް ލޯޑްކުރުމާއި އަންލޯޑްކުރުން އޮންނާނެ،" ވިސާން ކިޔައިދިނެވެ.

"އެކަމަކު ވެސް އެންމެ ޝައުގުވެރިވީ ކެމެރާމަން އެ ކެމެރާ ހިފައިގެން އުޅޭ ގޮތަށާއި އެއަށް ކޭބަލްތައް ގުޅައި މަންޒަރެއް ނެގުމަށް އެ ކުރާ މަސައްކަތަށް."

އެއީ 1995 ވަނަ އަހަރެވެ. ދިވެހި ސިނަމާގެ ރަން ޒަމާނެވެ. ހިންދީ ފިލްމާއި ހިންދީ ލަވައިގެ ދިވެހި ވާޝަންތައް ކޮންމެ ހަފުތާއަކުހެން ބޮޑު އިސްކިރީނަށް އައިސް ރޯލު ވިއްކާ ފިހާރަތަކުން އިސްޕީކަރުތައް ބޭރަށް ނެރެގެން އޭރުގެ އެންމެ ހިޓު ހިންދީ ލަވަތައް ހެޓަކަށް ޖެހި ސަޅި ޒަމާނެވެ.

މާލޭގައި އޭރު އެންމެ ގަދަ އަށް ހިންގި ފިލްމު ސްޓޫޑިއޯ އަކީ ދިވެހި ސިނަމާ އިން އަދިވެސް ނުފެންނަ ލެވެލްއަކަށް ފިލްމުމޭކިން ގެންގޮސްދިން ލެޖެންޑަރީ ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ މަޝްހޫރު ސްލޭމް ސްޓޫޑިއޯ އެވެ. ވިސާން އުޅެ ބޮޑުވީ ސްލޭމް ސްޓޫޑިއޯގެ ބުޑުދޮށުގަ އެވެ. – ކަނޑި ތޫނުކުރި ކަނބުރުގެއަކީ އެއީ އެވެ.

"އޭރު އެތަނަށް ގޮސް އުޅޭނެ ރައްޓެހިން. އެންމެ ފުރަތަމަ އެމީހުންނާ އެކު ސްޓޫޑިއޯ އަށް ގޮސް ހަދަން ފެށީ،" އޭނާ ކިޔައިދިނެވެ.

ނަމަވެސް ކިޔަވާހިތްނުވި އެ ހަޔާތުގައި އޭނާ ގޮސް އެންމެ ފުރަތަމަ މަސައްކަތް ފެށީ ވެހިކަލް ގަރާޖެއްގަ އެވެ. އެތަނުގެ ވެރިޔާ އޭނާގެ މަސައްކަތަށް ދުވާލެއްގެ މައްޗަށް 20 ރުފިޔާ ދިނެވެ. ނަމަވެސް ރައްޓެހިން ގޮވައިގެން ގޮސް ކޮންމެ ދުވަހަކު އެ 20 ރުފިޔާ ސަޔަށް ތަޅައި ބުރުވާލާކަން އެނގުނު ހިސާބުން ވިސާންގެ އަތުގައި ހިފައިގެން ގޮސް ގަރާޖުގެ ވެރިމީހާ އޭނާ އަށް ހުޅުވައި ދިނީ ބޭންކް އެކައުންޓެކެވެ. އެއަށް ފަހު މަހު މުސާރައަކީ 600 ރުފިޔާ ކަމަށް ކަނޑައަޅައި އެވަރު ކޮންމެ މަހަކު އޭނާ އަށް ޖަމާކޮށްދެމުން ގެންދިޔަ އެވެ. ނަމަވެސް އެ ފައިސާ ވިސާންގެ އަތަށް އަރާ ގޮތެއް ނުވި އެވެ. އެންމެފަހުން 2،000 ރުފިޔާ ހަމަވުމުން ގަރާޖުގެ ވެރިމީހާ ގާތު އާދޭސް ކޮށްގެން ގޮސް އެ ލާރިކޮޅު ނަގައިގެން ގޮސް، (އާނއެކެވެ.) އަނެއްކާވެސް ހުސްކޮށްލީއެވެ. – އެކަމަކު މިފަހަރު ގަތީ ލަވަޖަހާ ސެޓެކެވެ.

އޭރު ވެސް އަދި މިހާރު ވެސް ވިސާންގެ ހިތް އޮތް ގޮތް ވަރަށް ސާފެވެ. އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ގޮސް ގުޅިފައި އޮތީ ފިލްމާއި ލަވައިގެ ދުނިޔެއެއްގަ އެވެ.

އެހިސާބުން ލަވަޖަހަމުން ގޮސް އޭނާ އަށް ވަދެވުނީ ދިވެހި ފިލްމީ ދާއިރާއަށެވެ. އެކަމަކު ކެމެރާގެ ކުރިމައްޗަށް އަރައި ނަށައި އެކްޓްކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އެންމެ ފުރަތަމަ ނެތެވެ. ނަމަވެސް އަސްލަމް ރަޝީދަށް އިބްރާހިމް ވިސާން ފެނުނީ ހަމަ ބޮޑު ސުޕަސްޓާރެއްގެ ގޮތުގަ އެވެ. – ސްޓާ ސިނަމާގެ ސްކްރީނަށް ވުރެ ވެސް ބޮޑުކޮށެވެ.

ޝޫޓިންއެއްގެ ތެރޭގައި ވިސާން އޭނާގެ ކްރޫ މެމްބަރަކާއި އެކްޓަރަކާ އެކު ކެމެރާ ކައިރީގައި މަޑުކޮށްލައިގެން.

އުމުރުން 16 އަހަރުގައި، އަދި އޭރު ސްލޭމް ސްޓޫޑިއޯ އަށް ދިޔަތާ ހަފުތާއެއް ވެސް ނުވަނީސް، އޭނާ އަށް އެމީހުން ދިން އެންމެ ފުރަތަމަ ފުރުސަތަކީ ވެސް އެކްޓިން ޖޮބެކެވެ. އޭރު ސްލޭމުން ދިޔައީ ބޮލީވުޑްގެ ކްލެސިކް 'ބާޒީގަރު'ގެ އަސްލަށް ދިވެހި ސުޕަސްޓާ ރީކޯ މޫސާ މަނިކު ލީޑް ރޯލަށް ލައިގެން 'ހީލަތް' ޝޫޓުކުރަމުންނެވެ.

އެ ފިލްމުގައި ރީކޯ ކުޅުނު ކެރެކްޓާގެ ކުޑައިރުގެ ބައި ލިބިގެން ގަތް ލަދުން ސަލާމަތްނުވެވިގެން އުޅެނިކޮށް ދެން ޖެހުނު ހާލު ވެސް ވިސާން ކިޔައިދިނެވެ.

"އޭރު ވަރަށް ލަދު ވެސް ގަނޭ. ކެމެރާއެއް ފެނުނީމަ ބިރު ވެސް ގަންނާނެ އެ އުމުރުގައި. ދެން އެންމެފަހުން އެ ރޯލަށް އަރަން ތައްޔާރުވަމުން ދަނިކޮށް ދެ ތިން ދުވަސް ވެސް ނުވަނީސް، ފާނަބަސަންދު ޖެހިއްޖެ،" ހިނިގަނޑަކާ އެކު އޭނާ ބިނދިގަތެވެ.

"ފާނަބަސަންދުން ރަނގަޅުވެގެން ނުކުތްތާ ދެ ދުވަސް ފަހުން ދެން ޝޫޓްކުރީ. ވަރަށް ދެރަވި، މުޅި މޫނުގައި ލަކުނެއް ނުން އޮންނާނީ ވެސް؟"

އެކަމަކު ކޮންމެ ގޮތަކަށް ނުކުމެވުނު ނަމަވެސް 'ކަނޑި' ވީ ހިޓަކަށެވެ. ކަނޑި ރީތީ ތޫނިއްޔާއޭ ބުނާނެ މީހަކު ނެތެވެ. ރިހި އިސްކިރީނުގައި ސްލޭމް ސްޓޫޑިއޯގެ މޫނަކަށް އިސާހިތަކު ބަދަލުވެގެންދިޔައީ 'ކަނޑި ވިސާން' އެވެ. ނަމަވެސް އޭނާ ބުނަނީ އެކްޓިންގެ ތެރެއަށް އޭނާ ވަންނަން މަޖުބޫރުވީ އަސްލަމް ރަޝީދަށް ހިތުގައި އޮތް ގަދަރަކާއި އިހުތިރާމެއްގެ ބޮޑުކަމުން ކަމަށެވެ.

"އަހަންނާ ބައްދަލުކޮށްފައި އަސްލަމް ރަޝީދު މި ބުނަނީ ތިމަންނަ ބޭނުންވަނީ ކަނޑި، އެކްޓަރަކަށް ހަދާށޭ. ދެން ހަމަ އެތަނުގައި އިނދެ އަހަންނަށް ހަމަ ރޮވުނީ،" ވިސާން ކިޔައިދިނެވެ.

"ދެން އަހަރެން ބުނެފިން އަޅުގަނޑު ބޭނުންވަނީ ކެމެރާ ކުރާށޭ. ދެން ބުނެފި ކެމެރާ ވެސް ކުރެވޭނެ ނޫންހޭ. އެކްޓް ވެސް ކުރެވޭނެ ނޫންހޭ"

"ދެން މަ ބުނެފިން އެކްޓްކުރާ ހިތެއް ނުވެއޭ. ދެން އަސްލަމް ބުނެފި ދެ މަސައްކަތް ވެސް ކުރާށޭ."

އެހިސާބުން ސިނެމަޓޯގްރެފީގެ މަސައްކަތާއި އެކްޓަރެއްގެ ޒިންމާތައް ސްލޭމް ސްޓޫޑިއޯގައި ވިސާންގެ ބޮލާއި ކޮނޑުގައި އެޅި ތައްގަނޑު ޖެހުނީ އެވެ. ނަމަވެސް 2000 ވަނަ އަހަރު އޭނާ ލީޑް ރޯލު ކުޅެ ސިނަމެޓޯގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އަހުމަދު ނިމާލްގެ 'ޒަލްޒަލާ'ގެ ކާމިޔާބީއާ އެކު ތަރިއެއްހެން އަރައިގެން ދިއުމުގެ ކުރިން ސްލޭމުން ގެނެސްދިން ޑައިރެކްޓަރު އީސާ ޝަރީފުގެ 'ފަތިސްހަނދުވަރު' އަކީ ވިސާންގެ އަސްލު ބްރޭކްއައުޓެވެ. އަދި ފިލްމީ ދާއިރާގައި އޭނާ ކަހަލަ ޒުވާން، ތަޖުރިބާ މަދު ހުނަރުވެރިޔަކަށް އޮތް ފުރުސަތުތައް ވަރަށް ރަނގަޅަށް އަމިއްލަ އަށް ވަޒަންކޮށްލަން ވެސް ލިބުނު ތަޖުރިބާއެކެވެ.

ޑްރާމާ ސިލްސިލާ 'ގުދަން'ގެ މަސައްކަތުގައި ވިސާން ކެމެރާ ހިފައިގެން.

މިއަދު ވެސް އެންމެ ބޮޑު އަދި އެންމެ ފަހުރުވެރިވާ މަސައްކަތްތަކުގެ ތެރެއިން ވިސާން އެންމެ ފުރަތަމަ ވެސް ފާހަގަކުރަނީ 'ފަތިސްހަނދުވަރު'ގެ މަސައްކަތެވެ. އެ ފިލްމުގެ 40 ޕަސެންޓް ވަރު ޝޫޓުކުރަން އޭނާ އަށް ލިބުނީ ފިލްމަށް ނެގި ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް މޫސާ (ދަބަ) އަތުން އެ ޒިންމާތައް ނަގަން ޑައިރެކްޓަރު އީސަ ނިންމުމުންނެވެ.

"ދެން އަހަރެން ގޮވައިގެން ގޮސް ތިނަދޫގައި 'ފަތިސްހަނދުވަރު'ގެ މަންޒަރުތަކެއް ނަގައި ނިންމައިގެން އެނބުރި މާލެ އައި އިރު ސްލޭމް ސްޓޫޑިއޯގައި މި އޮތީ އަހަރެން ލައްވައި ފިލްމު ޝޫޓްކުރުވާ މައްސަލަ ވަރަށް ހޫނުވެފައި،" ފިނިކޮށްލާފައި އޮތް ކެފޭގެ ތެރޭގައި އިނދެ ވިސާން ކިޔައިދިނެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ވިސާން ހުރީ ދާއިރާ އަށް ފުންމާލި ގޮތަށް ރޮލާ އެވެ. 'ފަތިސްހަނދުވަރު' އަކީ ދިވެހި ސިނަމާގެ ތާރީހުގައި ވެސް އުފެއްދި އެންމެ ބޮޑު އެއް ފިލްމެވެ. ސުޕަސްޓާރުން ކަމުގައިވީ ރީކޯ މޫސަ އާއި ނިއުމާ މުހައްމަދު ލީޑް ރޯލު ކުޅުނު ފިލްމުގެ ޑައިރެކްޓަރަކީ އެފަދަ ދެވަނައެއް ނެތް އީސާ ޝަރީފެވެ. ކެމެރާމަނަކީ ތައާރަފެއް ބޭނުންނުވާ ދަބަ އެވެ.

އެއީ ހޮލީވުޑްގެ ބަހުރުވައިން ނަމަ "ބްލޮކްބަސްޓާ" އެކެވެ. އެހެންވީމަ ވިސާން އޭގައި އަތްލުމުން އެކަންވީ ވަރަށް ވެސް ބޮޑު މައްސަލައަކަށެވެ. ނަމަވެސް އީސާ ޝަރީފުގެ އިތުބާރު ލިބުން ވެގެންދިޔައީ 'ކަނޑީ'ގެ ތޫނުކަމާއި ސާފުކަން ކަށަވަރުވެގެންދިޔަ ކަމަކަށެވެ.

"އީސަ ނިންމީ 'ފަތިސްހަނދުވަރު'ގެ މަސައްކަތް އޭނަ އިތުރަށް ކުރާ ނަމަ ކެމެރާމަނަކަށް އަހަރެން ލައިގެން އެކަން ކުރަން. އެހެން ކެމެރާމަނަކު ގެނެސްފި ނަމަ ޕްރޮޖެކްޓް ހުއްޓާލާނެ ކަމުގެ އިންޒާރު އީސަ ޝަރީފު ދިނީ،" ކެރިއަރުގެ އެންމެ ބޮޑު ފުރުސަތު ލިބުނު ގޮތް ވިސާން ކިޔައިދިނެވެ.

އެ ފިލްމުވީ ދިވެހި ސިނަމާގެ ތާރީހުގައި ވެސް ނުނެރޭވަރުގެ ކާމިޔާބު މަސައްކަތަކަށެވެ. އަދި ވިސާން އެންމެ ކުރަން ބޭނުންވި މަސައްކަތުން އޭނާގެ އަތަށް އަލަށް އެވޯޑެއް އެރި މަސައްކަތަށެވެ. އޭގެ ފަހުން ސިނަމަޓޯގްރާފަރެއްގެ ގޮތުގައި ވިސާންގެ ކުޅަދާނަކަމާ މެދު ސުވާލުކުރި އެއްވެސް މީހަކު ފިލްމީ ދާއިރާގައި ނެތެވެ.

ނަމަވެސް މި ވާހަކަ ނިންމާލުމުގެ ކުރިން އޭނާ އެންމެ ފާހަގަކުރަން ބޭނުންވަނީ ފިލްމީ ދާއިރާގައި އަމިއްލަ ދެފައި މައްޗަށް ތެދުވަން އޭނާ ކުރި މަސައްކަތުގައި ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި އެކުވެރިކަމެވެ. އެންމެ ހިތްހަމަޖެހިގެން މަސައްކަތްކުރި ފިލްމަކަށް ފައްތާހުގެ 'ހައްދު' ވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފައްތާހަކީ ވިސާންގެ އެންމެ ބޮޑު މެންޓޯ ވެސް މެ އެވެ.

"ފައްތާހު ވާނެ އަހަރެންގެ މަސައްކަތުގެ ސްޓައިލް ބަދަލުކޮށް އަޕްގްރޭޑްކޮށްދިން މީހަކަށް. ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީވި އެކަކަށް ވާނެ ފައްތާހު. އަސްލު މިއަދު މިހިރަ ހިސާބަށް އާދެވުނީ ފައްތާހުގެ ސަބަބުން،" ވިސާން ބުންޏެވެ.

"މި ދާއިރާގައި އަސްލު ނޯވޭ މީހުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމެއް. އެކަމަކު ވެސް އަހަރެން ބޭނުންވާ ހިސާބަށް މިހިރީ އާދެވިފައި ފިލްމީ ދާއިރާގައި."

ކަނޑީގެ ތޫނުކަން ވަރަށް ސާފެވެ. ރަން ޒަމާނުން ފަށައިގެން މި ޒަމާނުގެ ދިވެހި ސިނަމާ އަށް ވެސް ހެޔޮވަރު ކަނޑިއެކެވެ. ބޮޑު ބްރޭކަކަށް ފަހު އޮލިމްޕަސް ސިނަމާ އަންނަ ހަފުތާގައި ހުޅުވާއިރު ވެސް ރިހި ސްކްރީނު ފަޅުފިލުވައިދޭނީ ވިސާން ނަލަކޮށްފައި އޮތް ފިލްމެކެވެ. – 'ބީވީމާ' އެވެ.  ރިހި ސްކްރީނުން ވިސާންގެ މޫނު ބީވެގެންދިޔަޔަސް އެ ސްކްރީނުގައި އަދިވެސް އެންމެ ގަދަ ކުލައަކީ އޭނާގެ ހުނަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް