ރާއްޖޭގެ ރިސޯޓެއް: ޓޫރިޒަމްއަށް ލިބޭ ޑޮލަރުގެ ތެރެއިން ބައެއް ރާއްޖޭގެ ބޭންކްތަކުގައި މާރުކުރަން ޖެހޭ ގަވާއިދަށް އަންނަނީ އަމަލްކުރަމުން (ފޮޓޯ/މައިކު ސްވެންސްކީ)
ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ އެކީގައި މަސައްކަތް ކުރެވިގެން
ޒަމާންތަކެއް ވަންދެން ފަރަށް އަރާފައިވާ އޮޑިއެއް ފުންކުރަން ހިފުމުން، އޮޑި ގުޑައިގެން އަންނަ އިރު ވަރަށް ގިނަ ދިމާލުން ތަފާތު ބާވަތުގެ އަޑުކިޔާނެ އެވެ. ފަށަނަށް ވުރެ ފުނުން އާލާވެފައިވާ މުރަކައިން ނެއްޓިގެން އޮޑި ހެލި ގަންނައިރު، މަސައްކަތުގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ނުޖެހިއެއް ނުދާނެ އެވެ. އަދި އޮޔާއި ދިޔަވަރުގެ އިތުރުން ކުރިޔަށް މޫސުން ދައްކާ ގޮތުން، މަސައްކަތް ކުރަން ރާވާފައިވާ ސްޕީޑަށް، އަދި ޖުމްލަ ސްޓްރެޓަޖީއަށް ވެސް ބަދަލު ގެންނަން ޖެހުމަކީ ނުވެ ނުދާނޭ ކަމެކެވެ.
ރާއްޖޭގެ އިގުތިސާދުން ހޯދާ ޑޮލަރު، ރާއްޖޭގެ މާލީ ބާޒާރަށް ގެނައުމަށްޓަކައި 1 އޮކްޓޯބަރުގައި މަރުކަޒީ ބޭންކު އެމްއެމްއޭއިން، މިވަނީ ގަވާއިދުތަކެއް އިއުލާނު ކޮށްފަ އެވެ. މި އިއުލާނާ ގުޅިގެން އަޅުގަނޑުމެންގެ އިގުތިސާދީ ވެށީގެ އެކި ފުންމިނުން މިވަނީ ތަފާތު ބާވަތުގެ 'ބަރު' އަޑު ކިޔަން ފަށައިފަ އެވެ.
އަޅުގަނޑުމެންގެ ފައިނޭންޝަލް ނިޒާމަކީ އަޅުގަނޑުމެންގެ މާލީ ބާޒާރަށް އުފަން، ދިވެހިންގެ އަމިއްލަ ދިވެހި އުފެއްދުމެކެވެ. މިހާ ގިނަ ދުވަސް ވެފައިވާ މައްސަލައެއް، އެއްފަހަރުން ހައްލުކުރަން ހަދަންވީ އެންމެ މޮޅު ގޮތް، އެއްވެސް އެކަކަށް ހަމަޔަގީނުން ވެސް ނޭނގޭނެ އެވެ. އެންމެ ރަނގަޅު ގޮތް އެނގޭ މީހުންނެއް މި ދުނިޔެ މައްޗަކު މިހާރަކު ލައްވާފައެއް ނުމެވޭމެ އެވެ.
އެތައް އަހަރު ވަންދެން ހެދި ބޮޑުވެ، ބިމަށް މޫލައި، އަޅޯ ފައިބައި، ބަޔަކަށް ބޮޑުކޮށް ހިޔާ ލިއްބައިދޭ ނިކަ ގަހެއް، އެއްފުރޯވަޅިން ކަނޑާ ބިންމައްޗެއް ނުކުރެވޭނެ އެވެ. އާނދޮނގޭއޭ! ބުނެ، ބަރު ހަތިޔާރު ބޭނުންކޮށްގެން ކަނޑާއި ކަނޑާ ބަންގަޅީސް ކުރުމަށް ވިސްނުމަކީ ވެސް އެންމެ އުފެއްދުންތެރި ވިސްނުމެއް ނޫނެވެ.
ވޭތުވެދިޔަ 40ހަކަށް އަހަރު ރާއްޖޭގެ އިގުތިސާދު އެ ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ވުޖޫދުކޮށް، ކުރިއަރުވައި، ދެމެހެއްޓި ފަރާތްތަކާ ވިދިގެން ތިބެ ދިވެހި އިގުތިސާދަށް ފެހި ސިގްނަލެއް ނުލިބޭނެ އެވެ. އަދި ގައުމުގެ މާލީ އިދާރާތަކާ އެކުގައި މަސައްކަތް ކުރަން މަޖުބޫރުކަން، ސިނާއަތުގެ ބޮޑުން ވެސް ޖެހޭނީ ގަބޫލުކުރާށެވެ. ގައުމުގެ ސަލާމަތާއި، ކުރިމަގު ބައްޓަން ކުރެވޭނީ ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވެން ފެށުމުންނެވެ.
އެއް ކުއްލިއަކުން މިހާ ދުވަސް ވެފައިވާ މައްސަލަ ހައްލެއް ނުކުރެވޭނެ އެވެ. ދެބައި މީހުން ވެސް އާހިރުގައި ބޭނުންވަނީ އެއް ނަތީޖާއަކަށް ވާސިލުވުމަށެވެ. މައްސަލަ ހައްލު ކުރެވޭނީ ދެ ފަރާތުން ވެސް، ކަނދުރާ ތިރިކޮށް، ހަމަ ބިމަށް ފައިބައި، އެކުގައި މަސައްކަތް ކުރުމުންނެވެ.
އެޑިޓަރުގެ ނޯޓް:
އިބްރާހިމް އާތިފް ޝަކޫރަކީ ރާއްޖޭގެ އިގުތިސާދީ މައްސަލަތަކާ މެދު އާންމުން ހޭލުންތެރިކުރުވަން ވަަރަށް ބޮޑަށް މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. އެކަމަށްޓަކައި މި ފަހުން އޭނާ އިސްވެ ހުންނަވައި ޓީވީ ޕްރޮގްރާމްތަކެއް ވެސް އުފެއްދެވި އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި މީޑިއާތަކަށް ދޭތެރެ ދޭތެރެއިން ލިއުއްވަމުން ގެންދަވަ އެވެ. އާތިފް ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ކޮމެންޓް (3)
ތެފައާސާ.
އަފްރާހު
ޙާޖީ