އަމިއްލަވަންތަ ގައުމެއްގައި އަމިއްލަވަންތަ ހެދުން މަނާވަނީ ހެއްޔެވެ؟

ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ދިވެހި ހެދުންލުން ވެފައި ވަނީ މިހާރު އައިބު ކަމަކަށް

"އަންހެން ބޭފުޅުން: ދިގުހެދުން، ފިރިހެން ބޭފުޅުން: ސޫޓް"

މަތީގައި އެވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމުގެ ޖަލްސާއަށް ދިއުމަށް ލިބުނު ދައުވަތުގައި އިންތިހާބީ މެމްބަރުން ހެދުން އެޅުމުގެ މިންގަނޑު ކަމުގައި ބަޔާންކޮށްފައިވާ ގޮތެވެ. މި އެންގުމާ ހިލާފަށް ހުވާކުރުމުގެ ޖަލްސާގައި ދިވެހިވަންތަ ހެދުމެއްގައި އަޅުގަނޑު ބައިވެރިވީ ގައިގައި ކޯޓު ފަޓުލޫން ބަނުމަށް ވުރެ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދިވެހި ހެދުމެއްގެ ޒަރީއާއިން ދައްކުވައިދިނުން މާ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ގާބޫލުކުރެވޭތީ އެވެ. އެ ހެދުމުގައި އަޅުގަނޑު އެ ޖަލްސާއަށް ދިއުމުން ބައެއް މީހުންގެ މޫނުމަތިން އަރާފައިބަމުންދިޔަ ކުލަވަރުތަކަށް ފަރުވާލެއް ނެތީމަ އެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން އިންސާނުން ހިފައިގެންގުޅޭ ތަކެއްޗަށް ދާންދެން ބަދަލުވާނެކަމަކީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. ވީމާ ކޯޓު ފަޓުލޫނާއި އެހެން ވެސް ޒަމާނީ ގޮތްގޮތަށް އެކަށީގެންވާ ރަސްމީ ހެދުމެއް ރަސްމީ ހަފްލާތަކުގައި އެޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އަމިއްލަވަންތަ ގޮތްތަކެއްގައި އުޅެމުން އައި ދިވެހިންގެ ތެރޭގައި ކޮންމެވެސް ވަރަކަށް 'ދިވެހިވަންތަ' އާދަތައް ދޫކޮށްލަން ބޭނުންނުވާ ބަޔަކު ތިބޭނެކަން ހަނދާން ބެހެއްޓުމަކީ ވެސް ހަމަ އެންމެ ރަނގަޅު ގޮތެވެ. އަދި އަމުދުން އަންހެން ބޭފުޅުންނަށް ޒަމާންވީ ދިވެހިވަންތަ ދިގު ހެދުމެއް އޮވެފައި ފިރިހެން ބޭފުޅުން ކޯޓު ފަޓުލޫނު ލައިގެން ދިއުން މަޖުބޫރުކުރި ގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ.

ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު (ފޮޓޯ/މަޖިލިސް)

ދިވެހިން ރަސްމީ ހެދުމުގެ ގޮތުގައި ބޭނުންކުރަމުން އައި މުންޑާއި ގަމީސް ދޫކޮށް, ބޭރު ގައުމުތަކުގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ދިވެހިން ބަދަލުވާން ފެށީ ނޮވެމްބަރު 1968ގައި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެންގެވި އެންގެވުމަކުންނެވެ. އެ އެންގެވުމަކީ 100ރ. މަތީގެ މުސާރައެއް ލިބޭ ދައުލަތުގެ މުވައްޒަފުންގެ ރަސްމީ ހެދުމަކީ މުންޑުގެ ބަދަލުގައި ފަޓުލޫނު ނުވަތަ ފަޓުލޫނު ބުރި ކަމުގައި ހަމަޖެއްސެވުމެވެ. އަދި އަންހެނުން ނަމަ ޕާކިސްތާނީ ހެދުމެވެ. ނަމަވެސް ކޯޓު ފަޓުލޫނަކީ އަޅުގަނޑުމެންގެ ރަސްމީ ހެދުންކަމުގައި ދެކިގެން އެ ހެދުން ރަސްމީ ކުރެއްވި ދައުލަތުގެ އެންގުމެއް އަދި ސަރުކާރުގެ ލިޔުމެއް ފެންނާކަށް ނެތެވެ.

ގައުމީ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރައްވާ ހެދުން ހުންނަން ޖެހޭ ގޮތުގެ ރަސްމީ އުސޫލު
ގައުމީ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރައްވާ ހެދުން ހުންނަން ޖެހޭ ގޮތުގެ ރަސްމީ އުސޫލު

ރަސްމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް 'ދިވެހިންގެ ގައުމީ ހެދުމެއް' 15 ޖުލައި 2001ގައި 'މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގް އެންޑް އެންވަޔަރަމަންޓް' އިން ކުރި އިއުލާނެއްގައި ކަނޑައަޅި އެވެ. މީގެ ތެރޭގައި ކޯޓު ފަޓުލޫނު ހިމަނާފައެއް ނުވެ އެވެ. އަދި މި އިއުލާނަށް އެއްވެސް ބަދަލެއް ފަހުގެ ތާރީހެއްގައި އައިތޯ ބެލި ބެލުމުން އަދިއެއް ނުފެނެ އެވެ.

މިކަމާ ގުޅޭ ގޮތުން 22 މޭ 2024ގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް އަޅުގަނޑު ލިޔުނު ސިޓީއަށް ދެއްވާފައިވާ ޖަވާބުގައި ވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 15 ޖުލައި 2001 ގައި ނެރުނު "ގައުމީ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރައްވާ ހެދުން" މި ފޮތުން، އަޅުގަނޑު އެދިފައިވާ މައުލޫމާތު ލިބިދާނެ ކަމަށެވެ. މިދެންނެވި ފޮތުގައި ފިރިހެނުންނަށް ކޯޓު ފަޓުލޫނު ހިމަނާފައިވާތީއެއް އަޅުގަނޑަކަށް ނުފެނެ އެވެ. އޭރުގެ ދައުލަތުގެ އިސް ބޭބޭފުޅުން ކޯޓު ފަޓުލޫނު ކޮންމެވެސް ވަރަކަށް ތުރުކުރައްވާތަން ފެނުނު ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހިވަންތަ ހެދުން ތުރުކުރެއްވި ރަސްމިއްޔާތުތައް އެ ޒައާމަތުގައި މަދެއް ނޫނެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރަކީ ވެސް މަގާމަށް ވަޑައިގަތުމުގެ ކުރިން ދިވެހިވަންތަ ގޮތްގޮތަށް ރަސްމިއްޔާތުތަކުގައި ހެދުން އެޅުއްވި ބޭފުޅެކެވެ. ނަމަވެސް މަގާމުގެ ހުވާކުރެއްވިއިރާއި ރަސްމީ ޖަލްސާތަކަށް ވެސް ވަޑައިގަންނަވާއިރު މިހާރު ތުރުކުރައްވަނީ ސޫޓު ނޫނީ ގަމީހާއި ޓައި އެވެ. އަމިއްލަވަންތަކަމެއް ދިވެހިންގެ ކިބައިގައިވާ ކަމަށް ދެކިވަޑައިގެން އެކަން ކުރިއެރުއްވުމުގެ ހުންގާނުގައި ހުންނެވި އަދި އެންމެ އިސް ވަޒީރަށް ދިވެހިންގެ އަމިއްލަވަންތަ ގޮތްތަކަށް ހެދުން އަޅުއްވަން އެނގިވަޑައި ނުގަންނަވަނީއޭ ބުނެވޭ ވަރަށް ވުރެ އެ ބޭފުޅާގެ ގާބިލްކަމާއި ތަޖުރިބާ މާ ބޮޑުވާނެ އެވެ.

ދިވެހި ބަހާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބޭރުގެ ސަފީރަކާ ބައްދަލުކުރައްވަނީ: ރަސްމީ ހަފްލާތަކުގައި ދިވެހި ރަސްމީ ހެދުން މިނިސްޓަރު ވެސް ތުރުނުކުރައްވާ

ގައުމިއްޔަތާއި އަމިއްލަވަންތަކަމާއި މިނިވަންކަމުގެ މަތިވެރިކަމާއި މުހިންމުކަމުގެ ލަވަ ގައުމީ މުނާސަބަތުތަކުގައި ރާގުރާގަށް އަޅުގަނޑުމެންގެ އެންމެން ކިޔަމުންދާއިރު އެ ހަފްލާތަކަށް ދާ އެންމެންގެ ރަސްމީ ހެދުމަކީ އަމިއްލަވަންތަ ކަމެއް ނެތް ފަރަންޖީ ގައުމެއްގެ އުފެއްދުމަކަށް ވުން ލާޒިމްވާ ނަމަ، އެ ދެވެނީ ރަނގަޅު މެސެޖެއް ބާވައޭ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެ އެވެ. އަދި ސިޔާސަތު ކަނޑައަޅަން ތިއްބެވި މުއައްސަސާތަކާއި ދައުލަތުގެ މަތީ ބޭފުޅުން މިގޮތަށް ނަމޫނާ ދެއްކެވުމެއް ނެތި, ގައުމީ ދުވަހެއްގައި ސްކޫލް ކުދިން ދިވެހި ހެދުމެއް ލައްވައިގެން އެސެމްބްލީ ބޭއްވުމުން ދިވެހިންގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭ ގޮތެއް ނުވިސްނުނެވެ.

ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ބޭރު ގައުމުތަކުގެ ފެއާތަކަށް ދިވެހިން ގެންގޮސް ރާއްޖެ އިޝްތިހާރުކުރަނީ ސަގާފީ އެކި ކުޅިވަރުތަކާއި ހަރަކާތްތަކުގައި ދިވެހިވަންތަ ހެދުމުގައި ތިބެ، ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދީގެންނެވެ. ނަމަވެސް ރާއްޖެ އަންނަ ބޭރުގެ އިއްޒަތްތެރިންނާއި މެހެމާނުންގެ ކުރިމަތީގައި ދިވެހިވަންތަ ހެދުމެއްގައި ތިބެން އަޅުގަނޑުމެން ލަދުގަންނަ ނަމަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ހަރަކާތްތަކުގައި ދިވެހިންގެ ސަގާފަތޭ ބުނެ, ބޭރު މީހުންގެ ލޮލުގައި އެ އަޅުވަނީ އަނދުނެއް ނޫން ބާވައޭ ހިތަށް އަރަ އެވެ. އަދި ބޭރު ގައުމުތަކުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަން ވަޑައިގަންނަވާއިރު ބޮޑުތަކުރުފާނުމަގުގެ ބައެއް ބަންދުކޮށްގެން ސަގާފީ ހަރަކާތްތަކާ އެކު އެ ބޭފުޅުންނަށް މަރުހަބާ ކިޔުމުގެ ބޭނުމެއް އެބަ އޮތްތޯ ވެސް އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެ އެވެ.

ދިވެހިންގެ ސަގާފަތާއި ތަރިކަ އާއި ދިވެހި ބަސް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި މާސިންގާ މުއައްސަސާތައް އުފައްދައި މިކަމަށް ހާއްސަ ގާނޫނުތަކެއް އެކުލަވާލައިގެން އެކި ފެންވަރުގައި އެކި ގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާތާ ކިތަންމެ ޒަމާނެއްވެއްޖެ އެވެ. މީގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ގާނޫނަކުން ހިމާޔަތްކުރަން މަސައްކަތް ނުކުރި އެއްޗަކީ އެބައެއްގެ އަމިއްލަވަންތަކަމުގެ އެއް ރަމްޒު ކަމުގައިވާ ސަގާފީ ހެދުމެވެ. ސަގާފީ ހެދުމަކީ ކޮބައިކަން މުޖްތަމައުގެ ގިނަ މީހުންނަށް އޮޅި، ނެތިގެން ދިއުމުގެ ބިރު އޮތް ނަމަވެސް ފެންނަމުންދަނީ އަޅުގަނޑުމެންގެ ތާރީހާއި ސަގާފަތް ހިމާޔަތްކުރުމަކީ އާސާރުތަކާއި ބިނާތަކާ ހަމައިން ނިމޭ ގޮތަށް އޮތް ސިޔާސަތެއްގެ ގޮތުގަ އެވެ.

އައިޓީބީ ފެއާގައި ރާއްޖޭގެ ސަގާފީ ނެށުމެއް ހުށަހަޅައިދެނީ

ދިވެހިވަންތަ ހެދުން އެޅުމުގެ ސަގާފަތް ދޫކޮށްލީ ދުނިޔޭގެ ތަހުޒީބު މުޖްތަމައުތަކާ އަޅުގަނޑުމެން ފައިހަމަކުރަން މިސްރާބު ހިފުމުގެ ގޮތުން ކަމަށްވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ކުރިއަރާފައިވާ މުޖްތަމައުތަކުގައި އެބައިމީހުން އަމިއްލަވަންތަ ކަމާއި ސަގާފަތަށް ކުރާ އިހުތިރާމުގައި އެ މީހުން ހެދުމެއް ބާކީއެއް ނުކުރެ އެވެ. އަވަށްޓެރި ބޫޓާންގައި އެބައިމީހުންގެ އަމިއްލަވަންތަ ހެދުން އެޅުމުގެ ސިފަ ބޭރު ގައުމުތަކަށް އެ މީހުން ދަތުރުކުރާއިރު ދަމަހައްޓާކަން އެންމެ ގާތުން ފެންނާނެ އެއް ބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. ބޫޓާންގެ ސަފީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފަތްކޮޅު އަރުއްވަން ނުވަތަ ދައުލަތުގެ އިސް ވެރިއަކު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ބައެއް މީހުންނަށް އައިބު ނަމަވެސް އެބައިމީހުންގެ ފަހުރުވެރި ގައުމީ ހެދުމުގަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް މި ފަހުން ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވިއިރު އިންޑިއާގެ ސަގާފީ ހެދުމެއް ތުރުކުރައްވައިގެން (ފޮޓޯ/ރައީސް އޮފިސް)

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިއާގެ ބޮޑުވަޒީރުން ފެށިގެން ވަޒީރުންނާ ހަމައަށް ބެލި ނަމަވެސް އަބަދުމެ ފެންނާނީ އެބައިމީހުންގެ ރަސްމީ އިންޑިއަން ކުރުތާ ނުވަތަ ބަންދްގަލާ ހެދުމުގަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންގެ އަރިހަށް އެބޭފުޅުން ޒިޔާރަތް ކުރެއްވި ނަމަވެސް އެ ނޫން ވައްތަރެއްގެ ހެދުމެއް ތުރުނުކުރެއްވުމަކީ އެ މީހުންގެ ބަދަލުނުވި އާދަ އެވެ. އިންޑިއާގެ އެންމެ އިސް ވަޒީރުންނަށް ބެއްޔަސް ސްޓޭޓް ވިޒިޓްތަކުގައި ވެސް ކޯޓު ފަޓުލޫނު ތުރުކުރެއްވުމަކީ ނާދިރު ކަމެއްކަން އިހަކަށް ދުވަހު ރާއްޖެ ވަޑައިގެންއުޅުއްވި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރުގެ ދަތުރުފުޅުން އެބަ ފެނެ އެވެ.

ދިވެހިންގެ ޒަމާންވީ މުއްސަނދި ތާރީހާއި ސަގާފަތުގެ ތެރެއިން ފަނޑުވުމެއް ނެތި އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާން ޖެހޭ އެކައްޗަކީ ސަގާފަތުގައި ހިމެނޭ ދިވެހިވަންތަ ހެދުމެވެ. ރަސްމީ ހެދުމުގެ ތެރެއިން އެ ހެދުން އުވިގެންދާ ނަމަ އަޅުގަނޑުމެންނަށް އެދެވެނީ ރަނގަޅު މަގަކުން ކަމަށް އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ.

އެޑިޓަރުގެ ނޯޓް:

މުހައްމަދު އިބްރާހީމް، އެންމެން ދަންނަނީ ކުޑޫގެ ނަމުންނެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރެވެ. މުހައްމަދު އިބްރާހިމްއަކީ ކުރީގެ މިޔުޒީޝަނެއްގެ އިތުރުން އާޓްސް އާއި ޓީވީ އަދި ފިލްމް ޕްރޮޑަކްޝަން ދާއިރާގެ ތަޖުރިބާކާރެއް އަދި އެ ދާއިރާގެ ކޮންސަލްޓެންޓެކެވެ. އޭނާއަށް ވަނީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިން؛ އިގްތިސާދަށް މުޅިން އާ ހިދުމަތްތަކާއި މަސައްކަތްތައް ތައާރަފްކޮށް ތަރައްގީކޮށް ކުރިއެރުވުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު 2015 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. އަދި އޭނާ ގެންދަވަނީ މުޖުތަމައުގައި ހުރި އެކި މައްސަލަތަކަށް އަމާޒުކޮށް 'މިވާހަކަ'އިގެ ނަމުގައި ޕޮޑްކާސްޓެއް ވެސް ގެނެސްދެއްވަމުންނެވެ.

ކޮމެންޓް (3)

ޙަސަނާ

4 ސެޕްޓެމްބަރު 2024
ވަޒީރު ޢާދަނު ގައުމީ ހެދުން ނުލަނީ ކީއްވެތޯ އެބަ ޖެހޭނު ބަލަން؟
5 0
މޫސަގެ  ދަރި Avatar

މޫސަގެ ދަރި

4 ސެޕްޓެމްބަރު 2024
1993 - 1994 ގަ ކެނެޑާއިން ރާއްޖޭގައި އެކައުންޓިން ކިޔަވައިދީ އެކަމާގުޅޭ ކަންކަމުގެ ކޮންސަލްޓަންޓަކަށް މަސައްކަތްކުރި މީހަކު އަހަރެމެން ދިވެހިން ޓައީ އަޅައިގެން ވަޒީފާއަށް ދާން ޖެހޭތީ ވަރަށް ޖޯކު ޖަހާ ހެދި! އޭނަ ބުނޭ ޓްރޮޕިކަލް ގައުމެއްގަ ކޮންފަދަ ބެގީ ކުރުމަކާ ޓައީއެއް އެޅުމެއް ހޯ! އެމީހުންނަށް ވިސްނޭއިރު ދިވެހި ރާއްޖޭގަ ޕޮލިސީ ހަދަން ތިބޭ މީހުންނަށް މިވަރު ނުވިސްނިއެއް ނުހުންނާނެ! ކަމަކީ ހަމަ ހަދީސްގައި އޮތް ގޮތަށް ލޮއްބު ހޮރަށް ވަންނަން ދުވާކަން!
5 0

އެގްޒެކްޓްލީ ވަޓް އައި ތޯޓް

4 ސެޕްޓެމްބަރު 2024
މިއަދު ގެ ޖަލްސާ ދައްކަމުން ދަނިކޮށް ސަރުކާރު ޓީވީ ހުޅުވާލި އިރު ޒުވާން ކުދިންތަކެއް ދިވެހި ތާރީޚް ކިޔައިދީ އެކަމާއި މެދު ފަޚްރުވެރި ވެވޭތޯ ބަލަމުން ގެންދޭ. ނަމަވެސް އެއިން ކުއްޖެއްގެ ހެދުމަކުން އެކަމެއް ނޭނގުނު. އެކަހަލަ ކަންކަމާއި ހުރެ އާ ދެވުނީ ފާޑެއްގެ ރުޅި ގަނޑެއް. އެހިސާބުން ޓީވީ ނިއްވާލެވުނީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް