ފުލުހުންގެ އިސް ބޭފުޅުން ރަސްމީ ޖަލްސާއެއްގައި: ފުލުހުންގެ ގާނޫނަށް އިތުރު ބަދަލުތައް ބޭނުންވޭ (ފޮޓޯ/ފުލުހުން)

ފުލުހުން

ފުލުހުންގެ ގާނޫނު އަލުން މުރާޖައާ ކުރަން ޖެހޭ

މިހާރު އަމަލްކުރަމުން އަންނަ 'ދިވެހި ފުލުހުންގެ ގާނޫނު' ވެސް އައީ ސިޔާސީ ވިސްނުމެއްގެ ތެރެއިން. އޭގައި ރަނގަޅު ކުރަން ޖެހޭ ބޮޑެތި މައްސަލަތައް އެބަހުރި

ފުލުހުންގެ 91 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މި އުފާވެރި ދުވަހުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްތުކުރަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު އުފެދިގެން އައި ގޮތަށެވެ.

ފުލުހުންގެ މަސައްކަތާ ގުޅިގެން ތަފާތު ތިން ގާނޫނެއް ތިން ދުވަސްވަރެއްގައި ވަނީ ވުޖޫދަށް އައިސްފަ އެވެ. އެންމެ ފުރަތަމަ ގާނޫނަކީ، 'މާލޭގައި ފުލުހުން ބޭތިއްބުމާ ބެހޭ ގާނޫނު'ގެ ނަމުން 29 މާޗު 1933ގައި އަމަލުކުރަން ފެށި ގާނޫނެވެ. އެއަށް ފަހު އަދުގެ ނޫ ފުލުހުން އުފުދުނުތާ ހަތަރު އަހަރާ ކައިރިވެފައިވަނިކޮށް، 5 އޯގަސްޓް 2008ގައި 'ފުލުހުންގެ ގާނޫނު' ތަސްދީގު ކުރެވި، ދިވެހި ފުލުހުންގެ ހިދުމަތަށް ގާނޫނީ ހައިސިއްޔަތު ލިބުނެވެ. އެ ގާނޫނަކީ، އަލަށް އެކުލަވާލި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުން ދިމާވެދާނެ ގާނޫނީ ހުސްކަމަކަށް ހޯދި ވަގުތީ ފަރުވާއެކެވެ. އެހެންކަމުން، އެއީ އެންމެ ފުރިހަމަ ގާނޫނެއް ކަމަށް ދަންނަވަން ދައްޗެވެ.

މި ލިޔުމައިގެން އިތުރަށް ކުރިއަށް ދިއުމުގެ ކުރިން، ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ފުލުހުންނަށާއި އެ މުއައްސަސާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ.

ފުލުހުން މާލޭގެ މަގެއްގައި ފޯރި މަރަނީ: ސިޔާސީ ނުފޫޒު ކުޑަކޮށްފައި އޮންނަ މުއައްސަސާއަކަށް ހެދުން މުހިންމު (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

'ފުލުހުންގެ ގާނޫނު'ގައިވާ ބާގަނޑުތައް ބެއްދުމުގެ ގޮތުން، ފުލުހުންގެ މުއައްސަސާގައި އިސްކޮށް އުޅުނު ފަރާތްތަކުގެ އެދުމާ އެކު ފުރިހަމަ ފުލުހުންގެ ގާނޫނެއް އުކުލަވާލުމުގެ މަސައްކަތް، 2012ގައި އެއިރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދު (ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު) ފެއްޓެވި އެވެ. އެ މަސައްކަތް ނިމުނު ނަމަވެސް އެ ބިލަށް ގާނޫނީ ހައިސިއްޔަތު ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން، އެބިލު އޮތީ ނިޒާމުން ބޭރުވެފަ އެވެ. އެބިލު ވަޅުލެވިފައި ވަނިކޮށް، 2019ގެ ފަހުކޮޅު އިވުނީ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ގޮތުން ގެންނަން ބޭނުންވާ ކުލަވަރު އިތުރުކޮށްގެން، ސަރުކާރު ނިސްބަތްވާ ޕާޓީގެ ތެރެއިން ބަޔަކު، އާ ގާނޫނެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށި ވާހަކަ އެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީވުމަށް ފުރުސަތު ނުދިނުމުގެ ގޮތުން، ނަޝީދު އެކުލަވާލެއްވި ބިލު ހޯދާ، އެއީ އަސްލަކަށް ބަލައިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ފާޅުކުރެވުނެވެ. ނަމަވެސް އެ ބިލަށް މަޝްވަރާކުރުމެއް ނެތި، އެ ބިލު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި އެވެ.

ނަތީޖާއަކަށް ވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ގޮތުގައި 'ފުލުހުންގެ ޚިދުމަތުގެ ބިލު' ގެ ނަމުގައި، 21 ޖެނުއަރީ 2020ގައި، މަޖިލީހުގެ މެމްބަރު ހަސަން ލަތީފު ސްޕޮންސަރު ކުރައްވާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމެވެ. މި ޑްރާފްޓަކީ އިތުރު އެއްވެސް ދިރާސާކުރުމެއް ނެތި، މުއައްސަސާގެ ކުރިއެރުމަށް ގާނޫނީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ކުރިން ދެންނެވި ބިލަށް ސިޔާސީ ގޮތުން ގެންނަން ބޭނުންވި ކަންކަން ހިމަނައިގެން ތައްޔާރުކުރި މުޅިން އައު ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން: ފުލުހުންގެ ބިލް 2020ގައި ފާސްކުރީ މުހިންމު ބައިތަކެއް ނުލައި (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ބިލުގެ ޖުމްލަ މަގުސަދެއް ކަމަށް ބެލެވެނީ ފުލުހުންގެ މުއައްސަސާގެ ބާރު ކަނޑުވާލުމެވެ. މިކަން މަޖިލިހުގައި ކުރި ބަހުސްގައި، 16 ޖޫން 2020ގައި، މަޖިލީހުގެ ރައީސްގެ ވާހަކުފުޅުން ވެސް ދޭހަވާނެ އެވެ. އެމަނިކުފާނުގެ ނަޒަރިއްޔާތުގައި ހަތިޔާރާ އެކީ މަސައްކަތްކުރާ ފުލުހުންގެ މުއައްސަސާއެއް ރާއްޖޭގައި އޮތުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މީގެ އިތުރުން، 16 މާޗު 2020ގައި މަޖިލީހަށް އެބިލު ހުށަހަޅުއްވަމުން، ހަސަން ލަތީފު ވިދާޅުވެފައިވަނީ، ބިލުގައި ލިޔެފައި ނެތް ނަމަވެސް މި ބިލުން ގެންނަން ތަސައްވުރުކުރުވާ ނިޒާމަކީ، ހަތް ރީޖަނަކަށް ބަހާލެވިފައިވާ ދިވެހިރާއްޖޭގައި، އެއިން ކޮންމެ ރީޖަނެއްގައި ރީޖަނަލް ކޮމިޝަނަރެއް ގާއިމްކޮށްގެން، އެ ކޮމިޝަނަރެއްގެ ފުރިހަމަ ބެލުމުގެ ދަށުން އެ ރީޖަނެއްގެ ފުލުހުންގެ ޚިދުމަތް ދިނުމެވެ. އަދި، ފުލުހުންގެ ޕްރޮމޯޝަން ދިނުން އެ މުއައްސަސާއިން ބޭރަށް ގެންދިއުމުގެ ވިސްނުން ވެސް ފާޅުކުރެއްވި އެވެ.

'ފުލުހުންގެ ޚިދުމަތުގެ ބިލު' މަޖިލީހަށް ހުށަހެޅުމާ އެކު، އެބިލަށް މަޝްވަރާކުރުމަށް، މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ފުލުހުންނަށް ދައުވަތު ދިނެވެ. ފުލުހުންގެ ލީޑަޝިޕުން އެ ބައްދަލުވުމުގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި، އަޅުގަނޑު ވެސް ހިމެނުނެވެ. އެ ބިލުގައި، މަދު ކަންކަމާ އެންމެ ރަނގަޅަށް ނޫން ކަމަށް ބެލެވޭނެ ގޮތަށް ބައެއް ކަންކަން ހުރިކަން އަޅުގަނޑު ފާހަގަކޮށް، ބައިނަލްއަގުވާމީ ކޮންސަލްޓަންސީ ހޯދަން ހުށަހެޅީމެވެ. ޖަވާބުގައި، މަޖިލީހުގެ މެމްބަރުން ވިދާޅުވީ އެ ބިލު ޑްރާފްޓްކުރީ ރާއްޖޭގެ އެންމެ ފުންނާބު އުސް ވަކީލުންގެ އިތުރުން ފުލުހުންގެ ކަންކަން ވެސް އެހާމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން ކަމަށް ވާތީ ބިލު ފުރިހަމަ ކުރުމަށް ބޭރުގެ މާހިރެއްގެ އެހީ ބޭނުން ނުވާނެ ކަމަށާއި، ޖުލައި 2020ގެ ނިޔަލަށް ބިލަށް އަމަލު ކުރުމަށް މަޖިލީހުގެ ރައީސް ނިންމަވާފައި ވާތީ އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެ ވިދާޅުވި ގޮތަށް، ބިލު ދިރާސާކޮށް ނިންމުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކަނޑައެޅި ސުންގަޑިއަކީ 15 ޖުލައި 2020 އެވެ.

އެ ބިލަށް ފުލުހުންގެ މުއައްސަސާއިން އެކަށީގެންވާ މަސައްކަތެއް ނުކޮށް، ސިޔާސީ ބައެއްގެ ބާރުގެ ދަށަށް އެއްކޮށް ދޫކޮށްލުމުން، އެކަމުގެ ހިތްހަމަނުޖެހުން މުއައްސަސާގެ ހުރިހާ ގިންތިއެއްގައި ހުއްޓެވެ. މި އަސަރު ކުޑަކުރުމުގެ ގޮތުން، އެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު، 12 ޖުލައި 2020ގައި، ފުލުހުންގެ މެނޭޖްމަންޓް ބޯޑުގައި، މެމްބަރުންނަށް ދިނެވެ. ބައެއް މެމްބަރުން އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި އެވެ. ހަނދާންވާ ގޮތުން، 28 އިސްލާހެއް އަޅުގަނޑު ވެސް ހުށަހެޅީމެވެ.

އެ ބިލުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހުރިކަމަށް އިއްތިފާގުވެވި، އެ ޖަލްސާގައި ނިންމީ، މެނޭޖްމަންޓް ބޯޑުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ކުޑަ ކޮމިޓީއަކުން މުޅި ބިލު ދިރާސާކޮށް، ފާހަގަވާ ކަންކަން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ. އެ މަސައްކަތް ނިންމުމަށް ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. އެ ކޮމިޓީގެ ރިޔާސަތަށް އައްޔަންކުރީ އަޅުގަނޑެވެ. އަޅުގަނޑުމެން ނުހަނު ގިނަ އިސްލާހުތަކެއް ފާހަގަކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވީމެވެ.

ފުލުހުން މަގު ބަންދުކޮށްފައި: ސިޔާސީ ނުފޫޒުން ދުރުވެފައި އޮތް ތަނަކަށް ހަދަން ޖެހޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެއަށް ފަހު، ފުލުހުން ފޮނުވި އިސްލާހުތަކާއި ހޯމް މިނިސްޓްރީގެ ލީގަލް ޓީމަށް ފާހަގަވި މައްސަލަތަކާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގައި ބައްދަލުވުންތައް ކުރިއަށް ގެންދިޔަ އެވެ. މީގެ ގިނަ ޖަލްސާތަކެއްގައި އަޅުގަނޑު ބައިވެރިވެ، ބިލުގައިވާ ސިޔާސީ ވިސްނުމާއި ނުނިޔަތުގެ މާއްދާތައް ބަދަލުކުރަން މަސައްކަތް ކުރީމެވެ. މި މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ބަދަލެއް ގެނެވި، ބިލު ހުށަހެޅުއްވި ފަރާތާއި މަޖިލީހުގެ ރިޔާސަތުން ހާސިލްކުރަން ބޭނުންވި ނަތީޖާއަށް ހުރަސްތަކެއް ކުރިމަތިވި އެވެ. ސަބަބަކަށް ވީ، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ވެސް، ފުލުހުން ހުށަހެޅި ގިނަ އިސްލާހުތައް ބަލައިގަތުމެވެ. ކޮމްޕްރޮމައިޒްގެ ތެރެއިން ބައެއް ކަންކަން ދޫކޮށްލެވުނެވެ. މިގޮތުން، ލީތަލް ހަތިޔާރު ފުލުހުންނަށް ނުގެންގުޅެވޭ ގޮތަށް ގާނޫނުގައި އެ އޮތީ އެފަދައިންވި ކޮމްޕްރޮމައިޒްއެއްގެ ސަބަބުން ކަމަށް ދެކެމެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން 'ފުލުހުންގެ ޚިދުމަތުގެ ބިލު' 2 ޑިސެމްބަރު 2020 ގައި ފާސްކުރިއިރު އޮތީ ފުލުހުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށް ވިޔަސް، މުއައްސަސާގެ ބާރު ކަނޑުވާލާ ގިނަ ކަންކަން ބަދަލުކުރެވޭ ވަރަށް ފުލުހުންނަށް ވަކާލާތު ކުރެވުނެވެ. އަދި އޮޕަރޭޝަނަލް ކަންކަމުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ބާރު ނޯންނާނެ ގޮތަށް ވެސް ބަދަލުގެނަ އެވެ. ކޮމިޓީން ފާސްކުރި ބިލުގައި، އެ ބިލު ވުޖޫދަށް ގެނައުމުގެ ނިވަލުގައިވާ މަގުސަދު އެއްކޮށް ހާސިލު ނުވާތީ، އެކަމުގެ މޭސްތިރިން އިތުރު ޕްލޭނެއް ކުރެއްވި އެވެ. އެގޮތުން، ނިންމީ، މަޖިލީހުން ބިލު ފާސްކުރާއިރު އިސްލާހުތަކެއް ހުށަހަޅައިގެން އެ ބޭނުންވި މަގުސަދުން ކުޑަ ނަމަވެސް މިންވަރެއް ހާސިލްކުރުމަށެވެ.

އަލަށް އިތުރުކުރާ އިސްލާހުތައް ހުށަހަޅަން ހަމަޖެހިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. 'ފުލުހުންގެ ޚިދުމަތުގެ ގާނޫނު' ގެ 3 ވަނަ މާއްދާގެ (ނ) އިން ފެށިގެން އެ މާއްދާގެ (އ)އާ ހަމައަށް އެހުރި ކަންކަމަކީ މިގޮތުން ހުށަހެޅި އިސްލާހެވެ. ބޭނުމަކަށް ވީ، ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން އެބޭފުޅުން ނުރުހޭ ބަޔަކު ވަޒީފާއިން ވަކިކުރެވޭނެ ގޮތް ހެދުމެވެ. މިފަދަ އިސްލާހެއް ހުށަހަޅަން ނިންމާފައިވާކަން އެނގުމުން އޭގެ ސަބަބުން، މަސްލަހަތު ގެއްލި، މުއައްސަސާގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ބެލެވުމުގެ އިތުރުން، އިތުބާރު ނުހިފޭ ތައައްސުބުން ފުރިފައިވާ ޕްރޮސެސްއެއްގެ ތެރެއިން ބައެއް ފުލުހުންނަށް ބޭއިންސާފާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވިގެން އެކަން ހުއްޓުވަން މުއައްސަސާގެ ލެވެލްގައި މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެކަށީގެންވާ ކާމިޔާބީއެއް ނުލިބުނެވެ.

އެ ބިލު ގާނޫނަކަށްވެ، އޭގެ މައްޗަށް އަމަލުކުރަން ފެށުމާ އެކު، ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ފުލުހުންގެ ސީނިއަ އޮފިސަރުންގެ ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމައިގެން ޝަރުއީ މަރުހަލާއަށް ދިޔަކަން އެންމެންނަށް ވެސް އެނގޭނެ އެވެ. ދެރަކަމަކީ ގާނޫނުގެ އެފަދަ ބާރެއް ދީފައިވާ ޕޮލިސް ބޯޑަށް އައްޔަނުކުރާ މެމްބަރުންނަކީ، އެމީހުންގެ ކަސިޔާރު ދިރިއުޅުމާ ގުޅިގެން ފުލުހުންނާ ކުރިމަތިލާ، ޒާތީވުމުގެ ފުރުސަތު އޮތް ބަޔަކަށް ނުވާނެ ގޮތެއް ގާނޫނުގައި ނުލިޔެވުމެވެ. އޭގެ ސަބަބުން ނުކުތް ނަތީޖާ އެންމެންނަށް ވެސް އެނގޭތީ އޭގެ ތަފްސީލަށް ދިއުމުގެ ބޭނުމެއް ނެތެވެ.

ރަނގަޅު ކަންކަން އެ ގާނޫނުން ވުޖޫދުކުރުވި ނަމަވެސް އެއީ ޒާތީ ވިސްނުމާއި ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމުގެ ނިޔަތް އޮތް ގާނޫނެކެވެ. އެހެންކަމުން އެ ގާނޫނު މުރާޖައާ ކުރަން ޖެހޭ ކަމަށް ދެކެމެވެ. ގާނޫނުގައި ކޮންމެހެން ބަޔާން ކުރަން ނުޖެހޭ މިންވަރަށް ބައެއް ކަންކަން ތަފްސީލުކޮށްފައިވާ ކަމަށް ވެސް ދެކެމެވެ. އަދި ސިޔާސީ އޮއިވަރު ގާނޫނުގައި ޖެހުނަ ނުދިނުމަށް މިނިސްޓަރުގެ ދައުރު ވެސް ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ކަމަށް ވެސް ގަބޫލުކުރަމެވެ. ފުލުހުންގެ ބޯޑުގެ ކޮންޓްރޯލު، ފުލުހުންގެ މަސައްކަތާ ދެކޮޅު ފަރާތްތަކަށް ނުނެގޭނެކަން ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް ވެސް ދެކެމެވެ. ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރަން އެކަށީގެންނުވާ ފަރާތަކީ، އޭނާއަށް އެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ކޮންމެ ހާލަތެއްގައި ފުލުހުންގެ މުއައްސަސާ ހިންގުމުގެ ޒިންމާ ނަގާނެ މަގާމު ކަމުގައިވާ، ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ނާދެވޭނެ ފަރާތެއްކަން ގާނޫނުން ޔަގީންކޮށެއް ނުދެވުނެވެ. 

އެހެންކަމުން، 'ދިވެހި ފުލުހުންގެ ޤާނޫނު' އަލުން، ހަމަބުއްދި އާއި ޒާތީ ތައައްސުބުން އެއްކިބާވެފައިވާ ވިސްނުމެއްގެ ތެރެއިން މުރާޖައާ ކުރަން ޖެހޭ ކަމަށް ދެކެމެވެ.

އެޑިޓަރުގެ ނޯޓު: ޑރ. ފައިރޫޝްއަކީ ކުރިން ފުލުހުންގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ކޮމެންޓް (5)

ޒަމީރު

31 މާރިޗު 2024
ފައިރޫޝުމެން ހިތްނުފުރޭނެ ދިވެހި ރައްޔިތުން ގަޔަށް ޖަހަން ބަޑި ނުދެނީސް. އެމެރިކާގައި ހަދާގޮތަށް.
0 0

ޙަސަން

29 މާރިޗު 2024
ހުސްހޮޅި ވާހަކަ……ސިޔާސީ ވެގެން ގޮަސް ނެތް އިތުރަށް ކުރާނެ ކަމެއް…..ޤައުމެއް ނެތް..
1 1

މަންޠިޤީ

29 މާރިޗު 2024
މޮޅު ލިޔުމެއް! ޑރ. ފައިރޫޝްމެން ކަހަލަ ޢިލްމީ ބޭފުޅުން މަތީ މަޤާމުތަކުގައި އަބަދުވެސް ތިބެން ޖެހޭ!
3 1

ހުސާމް

29 މާރިޗު 2024
ރަނގަޅު ވާހަކައެއް ފައިރޫޝް ސަރ...
2 1

ހަމީދު

29 މާރިޗު 2024
ފައިރޫޝު ދެން މިހާރު ކޮން ބޭކާރު ވާހަކަ އެއް
2 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް