އައްޑޫ ހުޅުދޫގެ ބަދަރުމައްޗާއި މަސް ދޯނިފަހަރުގައި ރިޔާސީ އިންތިހާބު ކެމްޕެއިންނަށް ސިޔާސީ ޕާޓީތަކުގެ ދިދަތައް ދަމާފައި:

މަސްވެރިކަން

މަސް އޮޑިފަހަރުން ސިޔާސީން ބާލަން ވެއްޖެ

ނުގަނެވޭނެ އަގަށް ވުރެ ބޮޑު އަގުގައި މަސް ގަންނަން ސަރުކާރުން ނިންމުމުން އޭގެ ގެއްލުން ހުރިހާ ގޮތަކުން ވެސް ބޮޑު

ވޭތުވެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރުގެ ތެރޭގައި، މަސްވެރިންގެ ވޯޓު ގަތުމުގެ މަގުސަދުގައި، އޮޑިއަށް ސިޔާސީން އަރައި، އެކި ފަހަރު އެކި އަތަށް ރިޔާލައި، ފަޅު، ފަރުމަތިން ދުއްވާން މަޖުބޫރުކުރުމުގެ ސަބަބުން، ސިނާއަތުގެ ފަށަނުން މިއަދު މިވަނީ ދިޔަ ހިލެން ފަށައިފަ އެވެ.

ސިނާއަތެއް ދިރުވުމާއި ދެމެހެއްޓުން

އާމްދަނީއެއްގެ ނިޔަތުގައި ކުރާ އިގުތިސާދީ އެއްވެސް ހަރަކާތެއް، ސިނާއަތަކަށް ބަދަލުވަނީ އެ ހަރަކާތާ ގުޅިގެން ދެމެހެއްޓެނިވި ވިޔަފާރިތަކެއް އުފެދި، ފައިދާ ހުރި ގޮތުގައި އެ ވިޔަފާރި ކުރެވޭ ނަމަ އެވެ. ފަތްކެޔޮ ހައްދާ ދަނޑުވެރިން، ގަހާނާ އުފައްދާ ތިލޭރުވެރިން، މިޔުޒިކް ކުޅޭ ފަންނާނުން، ފޮޓޮގްރާފަރުން އެ މަސައްކަތުގައި ދެމިތިބެވޭނީ، މަސައްކަތުން އާމްދަނީއެއް ލިބޭ ނަމަ އެވެ. 

މި ފައިސާ ފޮތީގެ އަނެއް ފަރާތަކީ ވިޔަފާރިވެރިޔާ އެވެ. އޭނާ ގަންނަ މުދާ، ނުވަތަަ ހިދުމަތުގެ އަގަކީ ބާޒާރު ގަބޫލުކުރާ އަގަކަށް ވާން ޖެހެ އެވެ. މި މުއާމަލާތުގެ ދެ ފަރާތުގެ ދެމެހެއްޓެނިވި ފައިދާއަށްް މެނުވީ، އެ ސިނާއަތެއް ދިރި ދެމިއެއް ނުއޮންނާނެެ އެވެ. 

މަސްވެރިކަމުގެ ސިނާއަތް ވެސް އެފަދަ އެވެ. މަސްވެރިޔާގެ ހަރަދާއި މަސައްކަތުގެ އަގު މައްޗަށް އެއްޗެއް ނުލިބެނީ ނަމަ، ގޯތިން ނުކުމެ، ފަޅުން ނަގިލި ނެގުމުގެ ބޭނުމެއް ނެތެވެ. ބާޒާރަށް ނުތަކާނެ އަގެއްގައި ފެކްޓަރީން ގަންނަން ޖެހެނީ ނަމަ، ޖެނެރޭޓަރު ނިވާލައި، މުވައްޒަފުންނަށް ޗުއްޓީ ދިނުން މާ ބުއްދިވެރި އެވެ. ދެ ފަރާތަށް ފައިދާ ނުވާ ނަމަ ސިނާއަތެއް ދެމިއެއް ނޯންނާނެ އެވެ. ގާނޫނަކުން، ގަވާއިދަކުން ސިނާއަތެެއް ނުދިރޭނެ އެވެ. 

ދިވެހި މަސްވެރިން މަސް ބޭނުމުގައި: މަސްވެރިކަމުގެ ސިނާއަތު ވެސް ދިރި އޮންނާނީ ގެއްލުންނުވާނެ ގޮތަށް ހިންގައިގެން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)

ނިމިދިޔަ އިންތިހާބު ބޯމަތިވުމުގެ ކުރީގައި ވެސް، 20ރ.އަށް މަސް ކިލޯއެއް ގަނެގެން ފައިދާނުވާ ކަމުގައި، މިފްކޯ ހިމެނޭހެން، ހުރިހާ ފެކްޓަރީތަކުންނާއި ސަރުކާރުން ވެސް ގެންދިޔައީ ބުނަމުންނެވެ. ނަމަވެސް ކެމްޕޭނުގައި ކެންޑިޑޭޓުން މަހުގެ އަގު ފެށީ ވެސް 25 ރުފިޔާއިންނެވެ. ދެ ވޯޓު ދެމެދުގައި މިފްކޯއިން 25ރ.އަށް އަގު ބަދަލުކުރި ވެސް މެ އެވެ. ނަތީޖާއަކަށް ވީ، ގަން މަހަށް އަގު ނުދެވި، ވޯޓު ވެސް ނުލިބި، ސަރުކާރު ބަދަލުވުމެވެ. 

ލާދެމެހެއްޓެނިވި އަގެއްގައި، އަމިއްލަ ކުންފުނިތަކަކަށް މަސް ގަނެ، ޕްރޮސެސްކޮށް ވިޔާފާރިއެއް ނުކުރެވޭނެ އެވެ. 

އެހެންވިއްޔާ މިފްކޯއިން މަސް ގަންނަންވީނު؟

ރައްޔިތުންގެ ނަފާއަށް ކަމުގައި ބުނެ، ދެކޮޅުނުޖެހޭ އަގުގައި މަސް ގަތުމަކީ ގައުމަށް ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރެވި، އަމިއްލަ ކުންފުނިތައް އޮޔާ ދާން ދޫކޮށްލުމަށް އެއްބަސްވެވޭ ނަމަ، އޮތް ހައްލަކީ މިފްކޯ ބާވަ އެވެ؟ 

އަޅުގަނޑުމެންގެ ޒަމާނީ ޑިމޮކްރަސީ ފެށުނު ހަމައިން ބެލެންސް ޝީޓަށް ބެލުމެއް ނެތި ހަތަރު ކުންފުންޏަކަށް މިފްކޯ ބައި ކުރި އެވެ. އަނެއް ބަޔަކު ހަތަރު ކުންފުނި އެއްކޮށް ބަނދެ، ފުޓުނި އަޅައި ހިފެހެއްޓޭތޯ މަަސައްކަތް ކުރި އެވެ. ދުވަސް ކޮޅަކުން ފެނުނީ އެސްޓީއޯގެ ދަށަށް ބަދަލުކުރި ތަނެވެ. މިހާރު އިވެނީ އެސްޓީއޯ ތެރެއިން ދަމާ ނެރެ، މަސްވެރިންނަށް، ހިއްސާ ދޫކުރާނެ ކަމުގެ އަޑެވެ. މަތީ އޮތް ފުށް ވަތަށް ޖަހައި، ރަނގަޅު ކުރާ ނަމޭ ބުނެ އަވީލާ، އަވީގައި އޮއްވާ ވާރެއާ ތެމި، ކުރީ އޮތް ފުށް އަލުން މައްޗަށް ޖަހައި، ގޮދަޑި މަތިން އާ ބެޑް ޝީޓެއް އެޅުމަކުން ކަންކަން ރަނގަޅު ކުރެވުނީ ކަމަށް ދެކޭކަށް ނުވާނެ އެވެ. 

ދެން ހަދަންވީ ކިހިނަކުން؟

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވެސް، އަދި ޖުމްލަ އިގުތިސާދުގައި ވެސް، ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ، ތެދު ބަހުން، ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ބޭނުން ނުވުމެވެ. ރައްޔިތުން ގާތު ސާފު ބަހުން ބުނެފިއްޔާ ވޯޓު ނުލިބޭނެ ކަމަށް ގަބޫލުކުރުމެވެ. ނަމަވެސް ވޭތުވެ ދިޔަ ރިޔާސީ ހަތަރު އިންތިހާބުގެ ވެސް އެންމެ މުހިންމު އަދި އަދި އެންމެ އަގުބޮޑު ފިލާވަޅަކީ، ގޯތި ދޫކޮށް، ފްލެޓް އަޅާ، ބަނދަރު ހަދައި، ބިން ހިއްކައި، އާސަންދައިން ސޮދަގާތް ކޮށް، 25ރ. އަށް މަސް ކިލޯއެއް ގަތުމުގެ، ހަމައެކަނި ނަތީޖާއަކީ ގައުމު އިތުރަށް ދަރަނިވެރި ވުން ކަމެވެ. ވޯޓެއް ނުލިބެ އެވެ. 

މަސްވެރިކަމުގެ ސިނާއަތް ދިރި، ދެމި، ބެހެއްޓޭނީ މަސްވެރިޔާ މަހަށް ފުރުވުމާ އެކު، މަސް ކުންފުނިތައް ކޮއްޅަށް ބައިތިއްބިގެންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ބޮޑެތި އަގުތައް އިއްލާނު ކުރުމުގެ ނަތީޖާއަކީ މިފްކޯ އިތުރަށް ދަރައި، އަމިއްލަ ކުންފުނިތައް މުޑިއަރައި، ބާނާ މަހަށް އަގު ނުލިބި، އެއްވެސް ފަރާތަކަށް ފައިދާ ނުވުމެވެ. ހިތްހަމަނުޖެހުމާއި، ނަފުރަތު އިތުރުވުމެވެ. ފެލިވަރުގެ ޖެޓީ މަތީގައި މަސްވެރިން ފަހައި ފުލުހުން ދުވެ، ކޫއްޑޫ ޖެޓީމަތި ހިސޯރުކުރުމެވެ. 

މިފްކޯއިން އަލަށް ގެނައި ޖަޒީރާ 103 ބޯޓަށް މަސް ކިރަނީ: މަސް ކިލޯއެއް 25ރ. ހެދުމަކީ އުފުލޭނެ ބުރައެއް ނޫން 

މަސްވެރިކަން ކުރިއަރައި ދެމެހެއްޓޭނީ، މަސްވެރި ކުންފުނިތަކަށް ވެސް ކޮއްޅަށް ހުރެވިގެންނެވެ. ލާ ދެމެހެއްޓެނިވި އަގެއްގައި މަސް ގަންނަށް މަޖްބޫރު ކުރުމަކުން، މަސްވެރިންނަކަށް ވެސް އެކަމުގެ އާހިރު ފައިދާއެއް ނުކުރާނެ އެވެ. ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދީގެން، މުޅި ސިނާއަތް ދެމެހެއްޓެމުގެ ހަކަތައެއް ދައުލަތުގައި ނެތް ކަން މިހާރުގެ ސަރުކާރަށާއި، މިއަދުގެ އިދިކޮޅު ޕާޓީއަށް ވެސް، އަދި ކިއެއްތަ މަސްވެރިންނަށް ވެސް ސާފުކޮށް އެނގޭނެ އެވެ. 

މި ވޭތުގެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރު، ސަރުކާރުތަކުން ކީހާ ބަންޖާއި، އިދިކޮޅު ޕާޓީތަކުން ވެރިކަމަށް އައުމަށް ކިޔާ އަންބާގެ ކަޑިތައް ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެ އެވެ. މަސްވެރިންނާއި، މަސް ޕްރޮސެސް ކުރާ ފަރާތްތައް، އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އާނ ކިޔައި، ސިޔާސީން އޮޑިން ފައިބައި، ދެމެހެއްޓެނިވި ގޮތުގައި ސިނާއަތް ހިންގަން ފުރުސަތު ދޭން ވެއްޖެ އެވެ.  

މީގެ 43 އަހަރު ކުރިން، ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ ދުވަސް، 10 ޑިސެމްބަރު 1981ގެ ހަރަކާތްތަކުގައި އަޅުގަނޑަށް ބައިވެރިވެވުނެވެ. އެދުވަހު މަގުމަތީގައި ދަމަން ތައްޔާރުކުރި ފޮތިގަނޑުތަކުގައި ތައްގަނޑު ޖެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަަސައްކަތް ކުރީ އޭރުގެ ސައެންސް އެޑިޔުކޭޝަން ސެންޓަރު، (މިހާރު ސީއެޗުއެސްއީ)ގެ ދަރިވަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން މިފްކޯގެ މުވައްޒަފެއްގެ ގޮތުގައްޔާއި، ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން ދައުވަތު ދީގެން ގެނައި އިންޑޮނީޝިއާ މަސްވެރިންތަކެއް ގޮވައިގެންނާއި، މަސްވެރި ސިނާއަތުގެ ރައްޓެއްސެއްގެ ގޮތުން، އެކި ފަހަރު އެކި ހައިސިއްޔަތުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުުރުސަތު އަޅުގަނޑަށް ލިބުނެވެ. މަސްވެރި ސިނާއަތުގައި ރަސްމީ ދައުރެއް ނެތި އެތައް އަހަރު ވުމަށް ފަހު އަނބުރާ މި ސިނާއަތަށް ވަދެވުނީ މި އަހަރު ކުރީ ކޮޅުގައި ނަމަވެސް، މި ސިނާއަތް ދިރާސާކޮށް ޕަބްލިޝް ކުޅައުމުގެ މަސައްކަތަކަށް މެދުކެނޑުމެއް ނާދެ އެވެ. އިރާދަކުރެއްވިއްޔާ ނާންނާނެ އެވެ.

އެޑިޓަރުގެ ނޯޓު:

އިބްރާހިމް އާތިފަކީ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން އިގުތިސާދީ އެކި މައްސަލަތަކާ މެދު ދިވެހި ބަހާއި އިނގިރޭސި ބަހުން ވެސް ލިއުއްވަމުން ގެންދަވާ ލިއުންތެރިއެކެވެ.

ކޮމެންޓް (1)

ސޭކުސްތާން

1 ޖެނުއަރީ 2024
ފުރަތަމަ ބާލަންވީ ނޫސްތަކުގަ މަސއްކަތް ކުރާ ނޫސްވެރިކަން ނޭގޭކުދިން އޭގެ ފަހުން ދައްކާ އެހެން މީހުންގެ ވާހަކަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް