ރާއްޖޭގެ އާ ގާނޫނުއަސާސީގެ ދަށުން ލިބުނު ސިޔާސީ ބޮޑު މިނިވަންކަމުގައި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަކީ އަސާސީ ހައްގެއް: އެކަމަކު ސަރުކާރުތަކުން ކަން ކުރަނީ ފެނުނު ގޮތަކަށް

ހިޔާލު: ލިބުނީ ފުރިހަމަޔަށް ސިޔާސީ މިނިވަންކަން

ގައުމުގެ ތަރައްގީއަށް ދިގު ރާސްތާ ޕްލޭނެއް ނެތުމުން އެކި ސަރުކާރުތަކުން ކަން ކުރަނީ އެ ބަޔަކަށް އެންމެ ފައިދާ ބޮޑު ގޮތަކަށް
27 ސެޕްޓެމްބަރު 2023

ރަށްފުށު ދިރިއުޅުމަކީ އަރާމު ދިރިއުޅުމެކެވެ. މުޅި ދުނިޔެ ސުވަރުގެއޭ ބުނާ ފަދަ ތަނެއްގައި އުޅޭހިތް ނުވާނީ ކާކު ހެއްޔެވެ؟ ރީތި މޫދާއި ހުދު ދޮވެންޔާއި، ސާފު ވައިގައި އުޅެން ބޭނުންވާނެ އެވެ. ނަމަވެސް ބަނޑެއް ނުފުރޭނެ އެވެ. ތައުލީމީ ހަޔާތް ރަށުން ވީ މިންވަރަކުން ނިންމިއަސް، ވަޒީފާގެ ދާއިރާއަށް ނުކުންނަ އިރު، ދެން ރަށުގައި ކުރަން ހުރި މަސައްކަތްތަކުގެ އިހުތިޔާރު މަދީ އެވެ.

ރަށްތަކުގެ ރީތިކަމުގެ ފައިދާ ޓުއަރިޒަމް ވިޔަފާރިވެރިންނަށެވެ. ރަށްފުށުގެ ފަައިނޭންސް ލިބޭ މިންވަރު ވެސް ކުޑަވީމަ އެވެ. އަދި ފައިސާ ހުއްޓަސް އެކަހަލަ އަމިއްލަ މަސައްކަތަކީ، ކޮންމެ ކޮންމެ މީހަކު ކުރާހިތްވާނެ ގަޔާވާ މަސައްކަތްތަކެއް ނޫންމެ އެވެ. ދެން އޮތީ، މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމުގެ ސިނާއަތު އޮތީ، ސަރުކާރާއި ވިޔަފާރިވެރި ދެތިން ބޮޑު ކުންފުނީގެ ދަށުގަ އެވެ. ދަނޑުވެރިކަމަކީ އަދި އިންޑަސްޓްރީއެކޭ ވެސް ނުބުނެވޭނެ އެވެ. ނިސްބަތުން ބިން ބޮޑު މަދު ރަށްތަކެއްގައި މިކަން ކުރަން އުޅުނަސް، އަދި، ޅަފަތުގެ ދައުރުގައި އޮތް އިންޑަސްޓްރީއެކެވެ. ވާޓިކްލް ފާމިންނާއި، ހައިޑްރަޕޯނިކްސް ކަހަލަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަސް ރާއްޖޭގައި އެދެވޭ މިންވަރަކަށް ކައިރި މުސްތަގްބަލެއްގައި ވެސް ސްކޭލް ގެނެވުމަކީ ނާދިރު ކަމެކެވެ. ވީމާ، ދެން ޒުވާން ޖީލް ކުރާނީ ކީއް ހެއްޔެވެ؟ ގިނަ ފުރުސަތު އޮތް ރަށަކަށް ބަދަލުވާނީކީ ނޫން ހެއްޔެވެ؟ އިގްތިސާދީ އަދި އިޖްތިމާއީ މިނިވަންކަމާއި، ހަމަހަމަކަމާއި އޭގެ ލާބަ އެންމެ ފުރިހަމައަށް ހޯދަން އަންނަން މިޖެހެނީ، ވެރިރަށް މާލެއަށެވެ. އެއީ ރާއްޖެއަށް 2008ގައި ލިބުނީ ހަމައެކަނި ސިޔާސީ މިނިވަންކަމެއް ކަމަށް ވުމުންނެވެ.

ސިޔާސީ މުޒާހަރާއެއް: ސިޔާސީ ގޮތުން ރާއްޖޭގައި ލިބޭ މިނިވަންކަން، އެހެން ކަންކަމަށް ވުރެ ބޮޑު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރާއްޖޭގެ ރަސްކަން ނިމި ދުސްތޫރީ ވެރިކަމަކަށް ބަދަލުވިއިރު ދިމިކްރާތީ ސިފަތަކުގެ އެންމެ މުހިއްމު އެއްސިފަ ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއަށް ލިބުނީ، ބައި ގަރުނު ވަރު ފަހުން އެމްޑީޕީ ކުރީ ސަފުގައި ތިބެގެން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ޒަމާނަށް އައި ބަދަލުގެ ސަބަބުން، އިލްމީ ކުރިއެރުންތަކާއި ދުނިޔެއަށް ހުޅުވިލައިފައި އޮތް މިންވަރުން، ދިވެހި މުޖުތަމައު އޮތީ، މުއްބާރު ހަރުކަށި ވެރިކަމަކަށް ވުރެ، މިނިވަންކަމުގެ ދުނިޔެއަކަށް ހުޅުވެން ފެންބޮވައިގެންފަ އެވެ. އެމްޑީޕީ ވުޖޫދަށް ނައި ނަމަވެސް އެހެން ޖަމާއަތަކުން މިކަން މާ ގިނަ ދުވަހެއް ނުވަނީސް ކުރާނެ ކަމީ މާ ބޮޑު ޝައްކެތް އޮތް ކަމެއް ނޫނެވެ. އެއީ ކުރީގެ ޖީލަށް ވުރެ ފަހުގެ ޖީލްތައް، ސިޔާސީ ކަންކަމަށް ލޯ ހުޅުވިފައި އޮތްލެއް ބޮޑުވުމެވެ. އެހެން ވެރިކަމަކަށް އެދޭލެއް ބޮޑުވީމަ އެވެ. އެލީޓްއޭ މިބުނާ ކަމުވޮށިވެގެންވާ މީހުން، ވެރިކަމާއި ނުފޫޒުގެ ބޭނުމަށެވެ. ދެން ކައިރީގައި އެނބުރޭ ޕަރުވާނާތައް ލިބެން އޮތް އެތީގެ ދަހިވެތިކަމުގަ އެވެ. ނަމަވެސް، ގިނަ ދިވެހި ރައްޔިތުންނަކީ ހަމަ ހަގީގަތުގައި ވެސް ބަދަލަކަށް، މިނިވަންކަމުގެ ނޭވާއަށް މަސައްކަތްކުރި މީހުންނެވެ. އެގޮތުން ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ 'ފްރީޑަމް މޫވްމެންޓެއް' އެއިރު ފެށުނެވެ. ދަލާއި ލެއިންނެވެ. ވަރަށް ފޮނި އުއްމީދުތަކާ އެކު އެވެ.

ފަނަވަރަކަށް އަހަރު ފަހަތަށް ޖެހިލަމާ އެވެ. ސިޔާސީ ހާލަތު މި އޮތީ ބޮންސުންލާފަ އެވެ. ހުރިހާ ކަމެއް ވެސް ޒާތީވެ، ސިޔާސީ ވެފަ އެވެ. ފަސް އަހަރުގެ ކުރު ކޮށި ވިސްނުމަކަށް ބަދަލުވެ، ގައުމު ބިނާކުރުމުގެ ދުރު ވިސްނުމެއް ނެތެވެ. މި ރޭހުގައި މޮޅުވާ ފަރާތްތަކުން އެބަޔަކަށް ލިބޭ ފޮނިކޮޅު ބޯލައި، ބާކީ އޮތް ބައި ރައްޔިތުންނަށް ހަމައެކަނި ރަހަ ދައްކާލަނީ އެވެ. އެންމެ ފުރަތަމަ އައި ޖޯޝު ދިމިކްތާރީ ނިޒާމަކުން ލިބެންވީ މުހިއްމު ހައްގުތަކުގެ ވާހަކަ ވަރަށް ފަނޑުވެއްޖެ އެވެ. ޕާޓީ ނިޒާމުން ދިވެހިންގެ ސިކުނޑި ދޮވެލިއިރު، ކާމިޔާބާ ކުރިއެރުން އޮތީ އަހަރެމެންގެ ޕާޓީ އާއި ތިބާގެ ޕާޓީގެ ހަނގުރާމައިން، މޮޅުވުމުގެ ވާދަވެރިކަމެއްގެ ތެރޭގަ އެވެ. ޕާޓީތަކަށް ސަނާކިޔާ ގިނަ މީހުންނަކީ ގައުމުގެ މަންފާއަށް ވުރެ، ތިމާއަށް ލިބޭ ފައިދާއަށް ބަލާ ފަރާތްތަކަށް ވަނީ ވެފަ އެވެ. ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ އިިނދިކޮޅު ޕާޓީއަށް އޮތް ރުޅިވެރިކަމުގެ ބޮޑުކަމުން، ދެން ހިޔާލާތު އެންމެ ގުޅޭ ޕާޓީއާ ގުޅެވެނީ އެވެ. ވީމާ މަލަމަތީ ކުރިއެރުން ކަމަށްވާ؛ ބަނދަރު ހެދުން، ބިން ހިއްކުން، ސްކޫލްތަކާއި ހޮސްޕިޓަލް، އަދި ފުޓްސެލް ދަނޑު ވެސް އެކި ރަށްރަށުގައި އަޅަނީ އެވެ. ނަމަވެސް ދެމެހެއްޓެނިވި ތަރައްގީއެއް ލިބިގެން ނުދެ އެވެ. މިހެން މިދެންނެވީ، ކިޔަވަން ވެސް މާލެއަށެވެ. ކިޔަވައި ނިމިގެން، މަސައްކަތް ކުރަން ވެސް މާލެއަށެވެ. މެދުވަރެއްގެ އޮޕަރޭޝަނަކަށްް ވެސް މާލެއަށެވެ. ސަރުކާރުގެ ބޭނުމަކީ ގިނަ މަޝްރޫއުތަކެއް ހިންގުމެވެ. އޭގެ ދެމެހެއްޓެނިވި ފައިދާއަކަށް ގިނަ ފަހަރު އޮންނަނީ ނުބެލިފަ އެވެ.

ރާއްޖޭގެ ރަށެއްގެ ބަނދަރު ހަދާފައި: މިއީ ރަށްރަށުގެ ރައްޔިތުންގެ ސަޕޯޓް ހޯދަން އެންމެ ގިނައިން ހިންގާ މަޝްރޫއު

ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށް ވުމުން، ދަތުރުފަތުރު ކުރުން، އެއް ރަށުން އަނެއް ރަށަށް ދިއުމަކީ،  އެހާ ފަސޭހަ ކަމެއް ނޫނެވެ. މޫސުމަށް ވެސް ވަރަށް ބަރޯސާވާން ޖެހޭތީ އެވެ. ކޮންމެ ރަށެއްގައި، ހުރިހާ ޚިދުމަތެއް ކިތައްމެ މުއްސަނދި ގައުމަކަށް ވެސް ދެމެހެއްޓެނިވި ގޮތަކަށް ނުދެވޭނެ އެވެ. މީސްކޮޅު ވެސް މަދުވީމަ އެވެ. އެހެންކަމުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުގައި ވެސް ރީޖަނަލް ސެންޓަރުތަކެއް ހެދި އެވެ. ނަމަވެސް އެދެވޭ ނަތީއްޖާއަކަށް ކައިރިވާ ވަރަށް ވެސް މިރަށްތަކެއް ކުރިއެއް ނޭރުވުނެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކަންކުރަންވީ ގޮތް އެބަ އެނގެ އެވެ. އިންޓަނޭޝަނަލް ޖަމިއްޔާތަކުން ފަންޑު ހޯދިލެއް މަދެއް ނޫނެވެ. ނުވިތާކަށް އެކުވެރި ގައުމުތަކުން ލޯނުގެ އެހީ ދޭލެއް ވެސް ކުޑައީކީ ނޫނެވެ.

ހަގީގަތަށް ދަންނަވާ ނަމަ، މައުމޫންގެ ދިގު ވެރިކަން ހޭދަކުރެއްވީ ރަސްކަލެއްގެ ގޮތުގަ އެވެ. އުމުރު ނިމެންދެން މާ ބޮޑު ބުރައަކާ ނުލައި ފަސޭހަކަމާ އެކު، މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަަކް ފަދަ އެކުވެރި އަރަބި ލީޑަރުންނާ އެއްގޮތަށެވެ. ހުރިހާ ބާރެއް ވެސް މުށުތެރެއަށް ލައިގެންނެވެ. ނަމަވެސް، ރާއްޖޭގެ މި ހުދުމުހުތާރު ވެރިކަން ވެއްޓުނީ، ޓިއުނީޝިއާއިން ފެށުނު އަރަބް ސްޕްރިންގެ އިންގިލާބީ މޫސުމަށް ވުރެ ކުޑަތަންކޮޅެއް ކުރިންނެވެ. ދުނިޔެއަށް އައި މުއާސަލާތީ ކުރިއެރުމުން، ވަގުތުން ކަންކަން ހާމަވުމާއި، ރައްޔިތުންގެ އަޑު އުފުލޭނެ ޕްލެޓްފޯމްތައް ގިނަވެ، އެއް ހިޔާލެއްގެ މީހުންގެ ވިއުގަތައް އެޅި، ރައްޔިތުންގެ އަޑު ހަރުވެ، މައުލޫމާތު ފެތުރުމުގެ ހަމަހަމަކަމެއް ގާއިމްވީމަ އެވެ. ކުރިން ވެސް ދެންނެވިހެން، އެމްޑީޕީ ނެތް ނަމަވެސް މި ލިބުނު މިނިވަންކަން ހޯދަން ރައްޔިތުން ނިކުތީސްއޭ މި ބުނެވެނީ އެހެންވެ އެވެ. އެއީ ރާއްޖޭގެ އާދަކާދަ އެކަމަށް ތަންދޭތީ އެވެ. ޗައިނާގެ ކޮންފިއުޝަނިޒަމް ކަހަލަ ވެރިންނަށް ބޯލެނބުމަކީ، އެންމެ ހެޔޮ ގޮތް ކަމަށް ބަލައި އެކަމަށް ތަބާވުމަކީ، ރައްޔިތުން އެންމެ އެދޭ ގޮތެއް ނޫންމެ އެވެ.

ދެން އައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު މަޑުމަޑުން ސިސްޓަމް ބަދަލުކުރުމުގެ ބަދަލުގައި، އަވަސް އަރައިގަތުމުން ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓާކަށް ނޭނގުނެވެ. ދިގު 30 އަހަރުގެ މޫ މާ ބޮޑަށް ލާފައި އޮތުމުން، އިތުބާރުކުރެވޭ ރީނދޫ ކުލައިގެ މީހުން ލައިގެން ކަންކުރަން އުޅެގެން، އުސޫލުތަކަށް ވެސް ހުރުމަތްތެރިކޮށް ނުހިތުނީ އެވެ. ރާއްޖެއަކީ ކޮންސަވޭޓިވް މުޖުތަމައުއެއްކަން ވެސް ހަނދާން ނެތުނީ އެވެ. މީގެން ދައްކައިދެނީ ސިޔާސީ ގޮތުން ސަރުކާރު ހިންގަން އެއިރު އަދި އަރަފޯދިގެންނުވާކަމެވެ. ހިންގުންތެރިން ނެތީ އެވެ. އެންމެ ފަހުން އިނދިކޮޅު ޕާޓީތަކުގެ ގުޅުމުން ވަނީ، ރާއްޖޭގެ އެންމެ ފުރަތަމަ ދިމިކްރާތީ ރައީސް، ވެރިކަމުން ވައްޓާލައިފަ އެވެ. އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު، ކަޅު އެއް ދުވަހެވެ. މިކަން ތަހުގީގުކުރި ކޯނީ ރިޕޯޓުގައި ގައުމުގެ ހަމަޖެހުމަށްޓަކައި މިނޫން ގޮތަކަށް ލިޔެފައި އޮތަސް ބަލާލި ކޮންމެ ހެއްކަކުން، މަންޒަރު ވަރަށް ސާފެވެ.

ޕީޕީއެމް ސަރުކާރުން ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރި. އެކަމަކު ސަމާލުކަން ދިނީ ހަމައެކަނި މާލެ ސަރަހައްދަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއަށް ފަހު އައި، ޕީޕީއެމްގެ ވެރިކަމަކީ، މުއްބާރު ހުދުމުހުތާރު ވެރިކަމެއް ނަމަވެސް ދިވެހި ރައްޔިތުންނަށް އަމަލީ ގޮތުން ތަރައްގީގެ ހެޔޮ ނަތީޖާއެއް ދެއްކި އެވެ. ހުޅުމާލޭގެ ފުރިހަމަ ބޭނުން ވެސް ކުރަން ފެށުނީ، ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް އެއްކަލަ ރީޖަނަލް ސެންޓަރުތަކަކީ މާ ދިގު ރާސްތާގެ މަސައްކަތެއް ކަމަށް ބަލައި، އެންމެ އަވަހަށް ތަރައްގީ ގެނެވޭ ގޮތަކަށް މަގުޗާޓު ކުރެހި އެވެ. އެގޮތުން ރާއްޖޭގެ %75 މީހުން ގްރޭޓާ މާލެއަށް ބަދަލުކުރަން ޕްލޭންކުރެވި، ރާއްޖޭގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި އެވެ. ނަމަވެސް އެކުވަންތަ، ހަރުދަނާ، ދެމެހެއްޓިނިވި ގައުމީ ކުރިއެރުމެއްގެ މަަސައްކަތް އަމަލީ ގޮތުން ކުރެވޭ ތަނެއް ނުފެނުނެވެ.

ދެން އޮތީ މިހާރުގެ ސަރުކާރެވެ. އެމްޑީޕީގެ ސަރުކާރެވެ. މެނިފެސްޓޯ ބަލައިލީމާ ވެސް ތަސައްވަރު ވަރަށް ފޮންޏެވެ. އޯގާތެރިކަމާއި ފަހުރުވެރިކަމާއި މިހެން ގޮސް މި ކިޔާލީމާ ހީވާނީ އިނގިރޭސީން ބުނާ ނަމަ ޔޫޓޯޕިއާއެއް ސިފަކުރާހެނެވެ. ހުވަފެނީ ދުނިޔެއެކެެވެ. މީގައި، އަދި ހަމަޖެހޭ ރަނގަޅު ޕޮއިންޓް ވެސް ނެތެކޭ ނުދަންނަވަމެވެ. ނަމަވެސް، ޕާޓީގެ ރައީސް އާއި، ނަގާކިޔާ އިސް މީހުންގެ ވިސްނުމުން ގެތިފައިވާ މި މެނިފެސްޓޯއަކީ އެމީހުންގެ މިޒާޖުގެ ވަރަށް ބޮޑު ރިފްލެކްޝަނެކެވެ. އާއްމު ރައްޔިތުންގެ ޚިޔާލު ހޯދި ނަމަވަސް ލިޔެފައިވަނީ، ބޭރުގެ ޔުނިވާސިޓީން ކިޔަވައިގެން ތިިބި އައިޑިއަލިސްޓިކް ވިސްނުމަކަށް ބިނާވެފައިވާ ވައުދުތަކެކެވެ. މައާފްކުރައްވާށެވެ. ބުނަން މިއުޅޭ އެއްޗެއް އެންމެ ރަނގަޅަށް ދިވެހި ބަހުން ލިޔެވެން ނެތުމުންނެވެ. ދިވެހިން ގޭގައި ތިބެގެން ފަހުރުވެރި މަސައްކަތްކުރެވޭނީ އަދި އެހެން ކަންތައް ވެސް ފުރިހަމަ ވެގެން ނޫން ހެއްޔެވެ؟ ދެމެހެއްޓެނިވި ކުރިއެރުމާއި، ދިވެހި ހުރިހާ ރައްޔިތުން ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ކަށަވަރުވާ ހައްގުތަކުގެ ވާހަކައަކީ ދައްކާ ވާހަކައަކަށް ނުވި އެވެ.

ދެވަނަ ބޮޑު ހަނގުރާމައިން މުޅިން ބިމާހަމަވެފައިވާ އެތައް ސިޓީއެއް ދާދީ ކުރު މުއްދަތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކަށް ހެދި އެވެ. އެންމެ ކައިރިން މެލޭޝިއާ، އެވެރިންގެ އެޑްމިނިސްޓްރެޓިވް ސެންޓަރު ކުއަލަ ލަމްޕޫރުން ޕުޓްރަޖަޔާއަށް ބަދަލުކުރި އެވެ. އިރުމަތީ އޭޝިއާގެ އަދި އެހެން ގަމުތަކުން ހަމަ މިގޮތަށް ކަންތައްކުރި އެވެ. ބައިބޯވުމުގެ މައްސަލައިގެ ހައްލެއްގެ ގޮތުންނާއި ރަނގަޅު ސިޓީ ޕްލޭނިންއަކަށް ފުރުޞަތު ހޯދުމަށެވެ. މިއީ އިސްކުރަން އުޅުނީމާ މުސްތަގުބަލަށް ވިސްނާފައި އެކި ސަރުކާރުތަކުން ކުރާ މަސައްކަތްތަކެވެ.

މީގެ ދެ އަހަރެއް ކުރިން ސިންގަޕޫރުގެ ޕްރައިމް މިނިސްޓަރު ކޯވިޑް-19ގެ ދުވަސްވަރު، ގާނޫނު ހަދާ މަޖިލީހުގައި، އެ ގައުމު ވެއްޓުނު އަޑިގަޑުން ސަލާމަތްވުމަށް ކުރާ މަސައްކަތާއި ތަރައްގީގެ ތަސައްވުރުގެ ވާހަކަދެއްކެވިއިރު ގައުމުގެ ލާބަ އާއި މަންފާއަކީ، ވަކި ޕާޓީއަކަށް ވުރެ މުހިއްމު އެއްޗެއްކަމާއި، މި ދިގުރާސްތާގެ މާސްޓަ ޕްލޭނަކީ 50-60 އަހަރަށް ބިނާވެގެންދާ ކަމެއްކަން ފާހަގަކުރެއްވި އެވެ. އެއް ދައުރުގައި އަދި ނުހޮވުނަސް ދެން އޮތް ދައުރެއްގައި ހޮވުމުން، މަސައްކަތާއި މައްސަލަ ހަމަޖައްސަން ޖެހޭނީ ހަމަ އެފަރާތުންކަން ފާހަގަކޮށެވެ.

ދިވެހިން ވެސް ވިސްނަންވީ މިގޮތަށެވެ. ގައުމުގެ ދުވެލި މާލެއިން ކޮންޓްރޯލްކުރެވޭ އެއްޗަކަށް ވުމީ ވަރަށް ވެސް ކޮށި ވިސްނުމެކެވެ. މާލެއަށް ވުރެ ބިމުގެ ގޮތުން މުއްސަނދި ބޮޑެތި ރައްތަކުގެ ބޭނުންހިފައި، ގިނަ ރައްޔިތުން އެއްފަސް ކުރުމުގެ އަމަލީ ސިފަ ޖެހެންވީ އެވެ. ހުސްއެކަނި ފަށުވި ލިޔުމަކުންނެއް ނޫނެވެ. ކަމުން ރެކޭ، ބަހުން މެޓާއޭ މިބުނާ ގޮތަކަށެއް ނޫނެވެ. ހުރިހާ ޕާޓީތަކުން އެއް މޭޒެއްގައި، ޚިޔާލު ތަފާތުވުން ދޫކޮށް ގައުމަށް ގެންނަންވީ ކުރިއެރުން ދިގު ރާސްތާއަކަށް އެކަށައަޅަންވީ އެވެ. ރައްޔިތުން ހޮވަންވީ އެ މަގު ޗާޓު ހަގީގަތަކަށް ހަދައިދޭނެ ޕާޓީއެކެވެ. ޕާޓީތަކުގެ މެނިފެސްޓޯގައި ހުންނާނީ ނުކުރެވޭނެ ޚިޔާލީ ވައުދުތަކެއް ނޫނެވެ. މަގުޗާޓުގެ އަމަލީ ސިފައަކަށް ގެންނާނެ ގޮތުގެ ހިކްމަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް