ލ. ގަމުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގައި ވޮލީ ކުޅެނީ: ކުޅިވަރުގެ ހިންގުން މިހާރު އޮތީ ބޮޑު ބަދަލަކަށް ބޭނުންވެފައި ފޮޓޯ/ރައީސް އޮފީސް)

ކުޅިވަރު

ދިވެހި ކުޅިވަރުގެ އިދާރީ ހިންގުން މިއަށް ވުރެ ހަރުދަނާ ވާންވެއްޖެ

ކުޅިވަރު އެސޯސިއޭޝަނެއްގެ ޒިންމާތަކާއި އިހްތިޔާރުތައް ވެސް އޮންނަން ޖެހޭނީ ގައުމީ ދަރަޖައެއްގައި

ކުޅިވަރު ހިނގުމުގެ ދާއިރާއަކީ ވެސް، ދުނިޔަވީ އެހެނިހެން ދާއިރާތަކޭ އެއްގޮތަށް ފަހަކަށް އައިސް ބޮޑެތި މައްސަލަތަކާ ކުރިމަތިވަމުން އަންނަ ދާއިރާއެކެވެ. ފާއިތުވީ ބައި ގަރުނަށް އެންބުރިލާއިރު އެކަން ވަރަށް ސާފުކޮށް ފެނެ އެވެ. ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކާއި ޑޯޕިން (ކުޅިވަރުގައި މަނާ ބޭސް ބޭނުންކުރުމުގެ) އާއި މެޗު ފިކްސިން (ނަތީޖާ އަނބުރާލުމުގައި ފައިސާ އާއި ނަހަމަ ގުޅުން ބޭނުންކުރުން)ގެ މައްސަލަތައް ފާހަގަކުރެވެ އެވެ. އެއާ އެކު ކުޅިވަރު އިދާރާތައް ހިންގުމުގައި އަށަގެންފައި ހުރި ޒަމާންވީ 'ބޯހަރު' އުސޫލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތައް ވެސް ފަހަކަށް އައިސް އިންތިހާއަށް ފާހަގަކުރެވޭ ކަމަށް ދެންނެވިދާނެ އެވެ.

ފަހުން މިދެންނެވި ކަހަލަ މައްސަލަތައް ރާއްޖޭގެ ކުޅިވަރު އިދާރާތަކުން ވެސް ފެންނާން ހުރި ކަމީ ހަގީގަތެކެވެ. މިދެންނެވި ފަދަ 'ބޯހަރު' އުސޫލުތަކުގެ ސަބަބުން، އެނގިގެންނާއި ނޭނގި ތިބެ، ތަން ހިނގުމުގެ މިސްރާބު ގެއްލުވާލެވި ނަތީޖާ ހާސިލުކުރުމުގައި ހުރަސްތަކާ ގޮންޖެހުންތައް އެބަ މެދުވެރިވެ އެވެ. މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ، ހާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކުގެ، ކުޅިވަރު ހިންގުމުގެ މާހިރުން މިސްރާބު ހިފީ ކުޅިވަރު ހިންގުން ވެސް 'ގުޑް ގަވަނަންސް'ގެ ވިސްނުމުގެ ތެރެއަށް އަހުލުވެރި ކުރުމަށެވެ.

ގުޑް ގަވަނަންސްއަށް އަހުލުވެރި ކުރުން

ފާއިތުވި ދުވަސްތަކުގައި ކުޅިވަރު ހިންގުމުގެ ތެރެއަށް ގުޑް ގަވަނަންސްގެ ކޮންސެޕްޓް ފައްކާވަމުން އައީ ދުނިޔޭގެ އެކި ބައްރުތަކުގައި އެކި މިންވަރަށެވެ. އެކަން ބިނާވެގެންވީ އޭގެ މުހިންމުކަމާއި ބޭނުން އެބަޔަކަށް ކުރެވޭނެ ހާލަތްތައް ނުވަތަ އެކަމަށް ފަހި މާހައުލެއް އުފެއްދުމުގެ ގާބިލްކަން އެ ގައުމުތަކުގައި އޮތް ނެތް މިންވަރެއްގެ މައްޗަށެވެ. ކުޅިވަރާއި ކުޅިވަރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކުރަން މައި ސަރުކާރުތަކާއި ސްޓޭޓް ނުވަ ސިޓީ ކައުންސިލްތައް ތައްޔާރަށް ތިބި މިންވަރަކަށެވެ.

މި ރާއްޖޭގައި މިއަދު ކުޅިވަރު ހިންގުމުގެ ހާލަތަކީ އަލުން 'ސްޕޯޓްސް ޑިވިޝަން'ގައި ކޮންމެ އެސޯސިއޭޝަނަކަށް 'ބޮކްސް ފައިލެއް' އޮވެގެން ކުޅިވަރު އިދާރާތައް ހިންގި ޒަމާނާ އެއް ދަރަޖައެއްގެ ހާލަތޭ އަޅުގަނޑު ދަންނަވާ ހިތެއް ނެތެވެ. އެއީ އޭރާ ހިލާފަށް ހަމަ ގައިމުވެސް ކޮންމެ އެސޯސިއޭޝަނަކަށް އޮފީހެއް ލިބި، އޮޕަރޭޝަނަލް ބަޖެޓެއް ލިބި، ގޮތް ނިންމާނެ 'ވެރިން' ލެވި، ކަން ހިންގާނެ 'ގެރިން' ކަންކަން ކުރުމުގައި އިތުރަށް ޝާމިލް ކުރުމުގެ ފުރުސަތު މި ފާއިތުވީ ވިއްސަކަށް އަހަރަށް ބަލާއިރު މިވަނީ ތައްމިނަށް ލިބިފައި އޮތް ކަމަށް ފެންނާތީ އެވެ. ފައިސާ އާއި އިދާރީ ގޮތުން ވިސްނާލިކަމުގައި ވިއަސް އެ ޒަމާނާއި މިޒަމާން ހާސް ތަފާތުކަމަށް އަޅުގަނޑަށް ފެނެ އެވެ.

ގައުމީ ބައެއް ކުޅިވަރު އިދާރާތައް ހިންގުމުގައި ހަމައެއްލަމައެއް ނެތް

މިއަދު ވެސް މި ރާއްޖޭގެ ގިނަ ކުޅިވަރު އިދާރާތައް ހިންގުމުގައި، ޒަމާނީ ހިންގުމުގެ ނިޒާމުތަކާއި ލިބިފައިވާ ކުޅިވަރުގެ ގާނޫނު ނުދަންނަ ކިތަންމެ ކަންތައްތަކަކަށް އަމަލުކުރާ ވާހަކަ ކޮންމެ ދުވަހަކު އިވެ އެވެ. އެންމެ ބޮޑު އަސާސެއް ކަމަށް ބެލެވޭ މެމްބަޝިޕް ދިނުން ފަދަ ކަންކަމުގައި ވެސް މުޅި އެކުޅިވަރުގެ ޝާމިލްވުމެއް ނެތި އަމަލު އަމަލުކުރަމުންދާ ތަން އެބަ ފެނެ އެވެ. ހަރަދު ކުރުމާއި ހަރަކާތްތައް ހިންގާ އެކަންކަން މެމްބަރުންނާއި ހިއްސާކުރުމުގައި 'ހަމައެއްލަމައެއް' ނެތި އެބަ ހިންގަ އެވެ. އަމުދުން، މެމްބަރުންގެ ރުހުމެއް ނެތި، އެއްބަސްވެވޭ ހިންގާ ގަވާއިދެއް/އަސާސީ ގަވައިދެއް ނެތި ހިންގާ ގައުމީ އިދާރާތައް ފެންނަކަމީ މިދެންނެވި ވާހަކަތަކަށް ބާރުލިބޭ ސާފު ދަލީލެކެވެ.

މިދިއަ ފެބްރުއަރީ މަހު މާލޭގައި އޮތް ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ގައުމީ އަންހެން ޓީމު އުފާ ފާޅުކުރަނީ: ކުޅިވަރުގެ ތަރައްގީއަށް ޒަމާނީ ބަދަލުތައް މުހިންމު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އަޅުގަނޑު ދެކޭ ގޮތުގައި ގައުމީ ފެންވަރުގެ ކުޅިވަރު އެސޯސިއޭޝަނެއްގެ ޒިންމާތަކާއި އިހްތިޔާރުތައް ވެސް އޮންނަން ޖެހޭނީ ގައުމީ ދަރަޖައެއްގަ އެވެ. އާންމު ކްލަބެއްގެ ދަރަޖައިގައެއް ނޫނެވެ. އެކްސް އޮފިޝިއޯގެ ދެތިން ވެރިއެއް ބޭނުންވާ ގޮތްގޮތަށް ކަންކަން ނިންމި ޒަމާން ފާއިތުވެއްޖެ އެވެ. އަދި ގައުމީ ފެންވަރުގެ އެސޯސިއޭޝަނެއްގެ ހައިބަތާއި ފެންވަރު ވެސް ހުންނަން ޖެހޭނީ ގުޅުން ހުރި އެންމެން އޭގައި ޝާމިލްވެވޭ މިންވަރަކަށް ފުޅާކުރެވޭ ފަދަ ބައްޓަމަކަށެވެ. ފުރަ މާލޭގައި ނުވަތަ އަތޮޅެއްގެ އެންމެ ރަށެއްގައި ތިބޭ ބަޔަކަށް އެކަނި ނިސްބަތްވާ ފަދަ ބައްޓަމަކަށް ނޫނެވެ.

ކުރިން މިދެންނެވި ހާލަތަށް މި ރާއްޖޭގައި ވެސް ކަންކަން އައުމުން އުފެދޭ ސުވާލަކީ ގާނޫނުން މިކަންކަން ބަލާ ވިލަރެސްކޮށް، ކަމާއި އެކަށޭނަ ފިޔަވަޅުތައް އެޅުމަށް އުފެދިފައި ހުރި ގާނޫނީ ބާރުތައް ކޮބައިތޯ އެވެ؟ މިދެންނެވި ގާނޫނީ ބާރުތައް އަދިވެސް ފުރިހަމައަށް ބާރުވެރި ނުވަނީތޯ އެވެ؟ އެފަރާތްތަކަށް އަމިއްލަ ފައިމައްޗަށް، ހަމަ އިސްކޮޅަށް، ތެދުވެލާނެ ފުރުސަތު ނުލިބެނީތޯ އެވެ؟ ފަހުން މިދެންނެވި ސުވާލަށް، ފެންނަ މަންޒަރުތަކުން އަޅުގަނޑުގެ ހިތަށް ލިބިދޭ ޖަވާބަކީ، އަދިވެސް ކޮންމެވެސް ފިއްތުންތަކެއް ހުރިކަމެވެ. އުނދަގޫތަކެއް ނޫޅޭ ނަމަ މި ހާލަތަށް ކަންކަން ދާންވީ ސަބަބެއް އުޅެއުޅެ ނުވިސްނުނެވެ. އަޅުގަނޑުގެ ވިސްނުން ކޮށީތޯއްޗެކެވެ.

ކުޅިވަރު ހިންގަން ޖެހޭނީ ކުޅިވަރަށްޓަކައި

ޒަމަނީ ހިންގުމުގައި ގައުމީ ފެންވަރުގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންކަމަށް އެ ގައުމެއްގައި އޮންނަ ސަރުކާރުން ސީދާ ބަސް ނުބުނެ ހިންގޭނެ އުސޫލެއް ހޯދުމަށް ބާރު އަޅަ އެވެ. ކުޅިވަރުން އެ މުޖުތަމައުގެ އަހުލުވެރީންގެ އުޅުމާއި ގުޅުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި އިންސާނާގެ ސިއްހަތާއި ތިމާ އުޅޭ ވެއްޓަށް ފައިދާ ކުރާނެ ބީދައަކުން ކުޅިވަރު ހިންގުން ބައްޓަން ކުރުމަކީ މި ޒަމާނުގައި މިކަން ކަމާ ގުޅުން ހުރި ކޮންވެންޝަންތަކާއި މުއާހަދާތަކުން ސަރުކާރުތަކަށް ލާޒިމުކުރާ ކަމެކެވެ. އޭގެ އިތުރުން އެ ކުޅިވަރުތައް ހިންގުމުގައި އަމަލު ކުރަނީ ދެ ފުށް ފެންނަ އެއާ ގުޅުން ހުރި އެންމެން ޝާމިލުވާ އުސޫލުންތޯ ކަށަވަރުކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަކީ ކޮންމެ ދައުލަތެއްގެ ޒިންމާއެކެވެ. މިދެންނެވި ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މުއައްސަސާތައް އެކަށައަޅާއިރު އެ މުއައްސަސާތަކުގެ ހިންގުމުގައި އެކަންކަމުގެ ހާއްސަ އިލްމާއި އެކަމުގެ ހިލްމު ލިބި ތިބި މީހުން ހިމެނުމީ ކޮންމެހެން މުހިންމު ކަމެކެވެ. އެފަރާތްތަކަށް އެކަން ކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ މިނިވަން މާހައުލެއް އެ ދައުލަތަކުން ފަހިކޮށްދޭން ޖެހެ އެވެ. ގާނޫނީ ގޮތުންނާއި އިންސާނީ ވަސީލަތާއި އުމްރާނީ ގޮތުން ހުރަހެއް ނެތް މާހައުލެކެވެ. ޤާނޫނީ ބާރުހުރި އަތަކާއި މިނިވަން އަނގައެއް އެފަރާތަށް ލިބިދޭ ބީދައިންނެވެ.

ރާއްޖޭގެ މައި ކުޅިވަރު ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އިސް ވެރިން: ކުޅިވަރު އެސޯސިއޭޝަންތައް ހިންގަންވާނީ އެ ކުޅިވަރަކާ ބެހޭ ހުރިހާ ފަރާތެއްގެ ވެސް އަޑު އަހައިގެން (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ދުނިޔޭގެ ގައުމުތަކުގައި ކުޅިވަރު ހިނގުމުގައި އެކި ދަރަޖަތަކަށް ކަންކަން ރެގިއުލޭޓް ކުރަނީ ކުރިން މިދެންނެވި ސަބަބުތައް މެދުވެރިވެ މުޅި 'ގޭމް' ހުއްޓުމަކަށް އަޔަ ނުދިނުމަށެވެ. އިނގިރޭސި ވިލާތުގައި 'ޔޫކޭ ސްޕޯޓްސް' ސިންގަޕޫރުގައި 'ސްޕޯޓްސް ސިންގަޕޯ'، އޮސްޓްރޭލިޔާގައި "އޮސްޓްރޭލިޔަން ސްޕޯޓްސް ކޮމިޝަން' އިންޑިޔާގައި 'ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ' ތައިލެންޑްގައި "ސްޕޯޓްސް އޮތޯރިޓީ އޮފް ތައިލެންޑް' ފަދަ ތަންތަން އެގައުމުތަކުގެ ސަރުކާރުތަކުން އުފައްދާ ހިންގުމުގައި މިނިވަން ބޯޑުތަކާ ހަވާލުކޮށްފައި އެ އޮންނަނީ، މިދެންނެވި ފަދަ ހުއްޓުންތަކާއި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ނުފޫޒު ގަދަ މީހުންގެ ނުވަތަ މަދު ބަޔެއްގެ އަޅުވެތިކަމުން ކުޅިވަރުތައް ހިންގުން ސަލާމަތް ކުރުމަށެވެ. އެ ގައުމުތަކުގައި އޮންނަ ކުޅިވަރަށް ހާއްސަ މިނިސްޓްރީ/ޑިޕާޓްމަންޓަކީ ހަމައެކަނި މިދެންނެވި ބޯޑުތަކަށް ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ތެރެއިން އެހީތެރިވެ ކަންކަން ކުރިއަރުވަން ބާރުދޭ މަދަދުވެރިއެކެވެ. ފަހަރެއްގައި ވެސް ކުޅިވަރު ބޭނުންކޮށްގެން ދެން އަންނަ ދައުރެއް ޔަގީންކުރުމަކީ މިދެންނެވި ގައުމުތަކުގެ ވެރިންގެ ވިސްނުން ނަމަ އެ ގައުމުތަކުގައި ވެސް 'މުޅި އޮޑީގައި ހަސަނުގެ ދެ ފައި' ދަމާލައިގެން އުޅުނީސްތާ އެވެ. މިރާއްޖޭގެ ދިގު ތާރީގުއި ވެސް މިކަން ވެފައި އޮތީ އަދި އޮންނަނީ ވެސް މިދެންނެވި 'ދެރަވަރު' ބީދައިން ކަމީ ހިތާމަވެރި، ހިތި ހަގީގަތެކެވެ.

ގައުމެއްގެ ނަޒަރުން ކުޅިވަރުގައި ކާމިޔާބީއަށް ވާސިލްވުމުގައި މައިގަނޑު ސިއްރަކީ ކުޅިވަރުގެ ކަންކަމަށް ސީދާ ގޮތުން ހަރަކާތްތެރިވާ ހާއްސަ މިނިސްޓްރީއެއް ކޮންމެ ގައުމެއްގައި ހުރުން ކަމަށްވާ ނަމަ، އޮލިމްޕިކްސްގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މެޑަލް ރެކޯޑް އޮތް އެމެރިކާގައި ކުޅިވަރަށް ހާއްސަ މިނިސްޓްރީއެއް އޮތީސްތާ އެވެ.

ގައުމީ އަންހެން ބެޑްމިންޓަން ޓީމު މެޑެއްޔަކާ އެކު އުފަލުގައި: ކުޅިވަރެއް ކުރިއަރުވަން އޮތް އެންމެ ބޮޑު ބިންގަލީ ކުޅިވަރުގެ ރަނގަޅު ސިޔާސަތެއް ތަންފީޒުކުރުން

އަޅުގަނޑުމެންގެ ތެރޭގައި ކަމާ ގުޅޭ އުސޫލުތަކާއި ނިޒާމުތައް މިދެންނެވި ގޮތަށް ބާރުވެރި ކުރުވިފައި ނުވާ ނަމަ، މިއަދު މިއޮތީ އެކަންކަން ކުރަން ވަގުތު ކުޑަތަންވެފައި ނޫން ބާވަ އެވެ؟ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތެރެ އާއި ބޭރު ހަމައަކަށް ނޭޅި މިދަނީ ކިތައް އަހަރުތޯ އެވެ. ކްލަބުތަކާއި އެއިރެއްގައި ތިބޭ ވެރިންނާ ޖެހި މުޑިނާރާ އޮތީ ކިތައް އެސޯސިއޭޝަން ބާވަ އެވެ؟ ގައުމީ ޓީމުތަކަށް ސެލެކްޝަން ހަދާއިރަށް ކޯޗުންނާއި ކުޅުންތެރިންގެ މެދުގައި ދެބަސްވުން އުފެދި އުޅެނީ ކިތައް ކުޅިވަރުގައިތޯ އެވެ؟ އެސޯސިއޭޝަންތަކަށް ބަޖެޓް ދިނުމުގައި އެއިރެއްގައި ހުންނަވާ ވަޒީރަކު 'ގަޔާވާ' ގޮތަކަށް އެކަން ނިމިދާ ވާހަކަ އަކީ ފާއިތުވީ ދިގު ތާރީހުގައި ވެސް އަޅުގަނޑުމެންގެ ކަންފަތްތަކުގައި ހަރުލާފައި ހުރި އެއް ވާހަކަ ނޫންތޯ އެވެ. ކުޅިވަރުގެ ކާމިޔާބީއެއް، މަގްބޫލުކަމެއް އެ ފެތުރިފައިވާ މިންވަރެއް އަދި އެ ކުރިއެރުވޭނެ ފެންވަރެއް، ބަލާ ދިރާސާ ކުރުމެއް ނެތި ކުރެވޭ މިފަދަ ކަންކަމުން ދިގު ރާސްތާގައި ލިބޭނީ އިންތިހާއަށް ބޮޑު ގެއްލުން ނޫންތޯ އެވެ؟ ނަތީޖާއެއް ނުލިބި ބާކީވެ އިސްރާފުވެގެން ދާނީ ރައްޔިތުންގެ ޓެކްސް ފައިސާ ނޫންތޯ އެވެ؟

ބެސްޓް ޕްރެކްޓިސްއަށް އަހުލުވެރިވަމާ!

މިދެންނެވީ ހައްތާ ވެސް މިފަދަ ކަންކަމަށް ހެދިފައި ހުންނަން ޖެހޭ އުސޫލުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ހިންގޭ ބާރުވެރިވެފައިވާ ނިޒާމެއް ނެތަތީ އުފެދިގެން އަންނަ ނުކިއްސަރު ކަންކަމެވެ. ނަމަވެސް މިފަދަ ކަންކަމުން އަޅުގަނޑުމެން އެއްފަރާތްވާން ވެއްޖެ އެވެ. މިއަދު ދުނިޔެ ހިނގާ ގޮތް ތިމާ އަތުގައި އޮން މޯބައިލް ފޯނުން ބަލައިލެވެ އެވެ. އެހެން މީހުން ކަންކަން ކޮށްފައި ހުންނަ ރަނގަޅު ގޮތްތައް ބަލާ އެފަދަ ކަންކަން އެގޮތަށް ކުރެވޭތޯ ބެލުމަކީ ކޮޕީކުރުމޭ ބުނެ އުޅުނީ އަންޒަމާނުގަ އެވެ. މިއަދު އެފަދަ ކަންކަން އެގޮތަށް ކޮށް އުޅުމަށް ކިޔައިއުޅެނީ 'އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް' އަށް އަމަލު ކުރުމެވެ.

އެޑިޓަރުގެ ނޯޓު:

ހުސެއިން މުހައްމަދަކީ ސްޕޯޓްސް އޮގަނައިޒޭޝަން މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ރާއްޖޭގައި މިވަގުތު ހުރި ބީޗު ވޮލީގެ ބައިނަލްއަގުވާމީ އެންމެ ސީނިއަ ރެފްރީ އެވެ. ކުރިން އޭނާ ވަނީ ބައިނަލްއަގުވާމީ ވޯލީ ރެފްރީކަން ވެސް ދިގު މުއްދަތެއްގައި ކުރައްވައިފަ އެވެ. އޭގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން ހިންގުމުގައި އިސް ދައުރެއް ވެސް އެތައް އަހަރެއް ވަންދެން އަދާކުރެއްވި އެވެ. އޭނާއަކީ ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން އެވެ. އަދި ވޯލްޑް އެންޓި ޑޯޕިން އޭޖެންސީން ދެކުނު އޭޝިޔާގެ ސަރަހައްދުގެ ރީޖަނަލް މެނޭޖަރު ވެސް މެ އެވެ.

ކޮމެންޓް (1)

ނާނު

1 އޯގަސްޓު 2023
ސްޕޯޓްސް ކޮމިޝަނަރަކަށް ހުރެގެން ތިލިޔުން ނުލިޔެ ތިޔަބުނާ ގޮތަށް ކަންކަން އިސްލާހު ކުރަންވީނޫންތޯ؟
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް