އަހުމަދު އިސްމާއިލް (އަހަނދު) (ވ) އަދި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ).

ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

އޭގެ ތެރެއިން އެކަކީ އެ މައްސަލައިގައި އެންމެ ބޮޑަށް ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އެކަކު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން 2014ގައި ގެއްލުވާލި މައްސަލައާ ގުޅިގެން މިއަދު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އޭގެ ތެރެއިން އެކަކީ އެ މައްސަލައިގައި އެންމެ ބޮޑަށް ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އެކަކެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ:

  • އަހުމަދު އިސްމާއިލް (އަހަނދު)

  • އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)

  • އަހްމަދު މުއާޒު (ގަޓު މުއާ)

އިސްމާއިލް އަބްދުލްރަހީމް ހައްޔަރު ކުރީ މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި ކެފޭއެއްގައި ހުއްޓަ އެވެ. ރިލްވާން ގެއްލުވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އިސްމާއިލް ހައްޔަރުކުރީ އޭނާގެ މަންމަގެ ގެއިން ކަމަށްވެ އެވެ.

އަހުމަދު އިސްމާއިލް:

  • ޑްރަގު މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް

  • ދީނީ ހަރުކަށި ފިކުރުގެ ތުހުމަތު ވެސް ކުރެވޭ

  • ރިލްވާން ގެއްލުވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވޭ 

އިސްމާއިލް އަބްދުލްރަހީމް އާދަމް:

  • މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓި؛ އޭނާ ފަހުން ތުރުކީން ރާއްޖެއަށް ޑީޕޯޓުކޮށްލީ

  • ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން ރިޕޯޓު ނެރުނު ފަހުން، ފުލުހުން ތަހުގީގަށް 2019ގައި މާލެ އާއި އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި އިސްމާއިލް އަބްދުލްރަހީމް ދިރިއުޅުނު ގެ ވެސް ބަލައި ފާސްކުރި

ތަފްސީލް - ފުލުހުން މިހާރު އަންނަނީ އަހުމަދު އިސްމާއިލް ދިރިއުޅޭ ގެ ބަލައި ފާސްކުރަމުންނެވެ. ހެންވޭރު ދަނޑު ކައިރީގައި ހުންނަ އެ ގޭގައި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކުގައި އުޅޭ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން އަހުމަދު އިސްމާއިލް ދިރިއުޅޭ ގެ ބަލައި ފާސްކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ފުލުހުން އަހުމަދު އިސްމާއިލް ދިރިއުޅޭ ގެ ބަލައި ފާސްކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އިސްމާއިލް އަބްދުލްރަހީމް ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ ވަނީ ފުލުހުންގެ ތެރެއިން ލީކުވެފަ އެވެ. އޭނާ ހައްޔަރު ކުރަން އުޅޭކަން އެނގިގެން އިސްމާއިލް އަބްދުލްރަހީމް ޓްވީޓު ވެސް ކުރި އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރަން އަންނާނެ ކަމަށް ގިނައިރުތަކެއް ވަންދެން އޭނާ ދިރިއުޅޭ ހިޔާ ފްލެޓު ކައިރީގައި މަޑުކޮށްގެން ވެސް ރޭ ހުއްޓެވެ. އެކަމަކު، ރޭ އޭނާގެ ގެއަށް ފުލުހުން ގޮސް ހައްޔަރު ނުކުރުމުން އޭނާ ވަނީ ފުލުހުންގެ މައި އިދާރާއަށް ގޮސް ކޯޓު އަމުރެއް އޮތްތޯ ވެސް ސާފުކޮށްފަ އެވެ.

އެނގުން މުހިންމު - ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރުނު ޑްރާޓް ރިޕޯޓުގައި ބުނެފައި ވަނީ:

  • އޭނާ ރަހީނުކުރުމަށް ފަހު މަރާލައި ކަނޑުފައްތާފައިވާ ކަމަށް 

  • އެކަން ކުރީ ދީނީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް 

  • އެ މީހުންނަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތައްގެ ގޮތްޕެއްގެ ބައެއް

  • ރިލްވާން ވަގަށް ނެގުމުގެ ކުރިން އެފަދަ ކަމެއް ހިންގަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގި އެކަން ފުލުހުންގެ ސިސްޓަމްގައި ރިކޯޑް ކުރެވިފައިވޭ 

  • ރިލްވާން ރަހީނުކުރިކަން އޮޅުވާލަން ފުލުހުންގެ އޮފިޝަލުންތަކެއް މަސައްކަތް ކުރި

ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި މީހުންނަކީ:

  • އާލިފް ރައޫފް، ގ. ހިލްޓަން 

  • މުހައްމަދު ނޫރައްދީން، ގދ. ވާދޫ/ކަރަންކާގެ

އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް 2018ގައި ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފެއް ނުކުރެ އެވެ.

ކޮމެންޓް (3)

ޙާނިމް

26 ޖޫން 2022
މިހާރު ކެކިގެން އުޅޭކަންތަކުގެ ފޯކަސް ގެއްލުވާލަން ކުރާކަމެއް. ރިޅުވާނު ކޭސްއަކީ ސަރުކާރުތަކުން އެއިރެއްގަ ސަރުކާރާއި ގޭޅޭގޮތުން ދެކެވޭ ވެފެޓިވް ވާހަކަ ތަކުގެ ފޯކަސް ގެއްލުވާކަން ބޭނުންކުރާ އައްޑަނައެއް.
1 1

ހިތަދޫ 2

26 ޖޫން 2022
ސަރުކާރުން ވަކި ކަމެއް އޮއްބާލަންވީމަ ހައްޔަރުކުރަން މަޑުކުރުމަކީ އިހްލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭކަމެއް އަދި ތިޔަކަމުގެ ސައްހަކަމާ ދޭތެރޭވެސް ޝައްކު. މިހާރު މި ސަރުކާރަސް އެއްވެސް ވަރަކަށް އިތުބާރެނެތްތާ ނަފްރަތްކުރެވެނީ، ހުރި ނުބައި ނުލަފާކަމުން
0 1

ނާޒިލް

26 ޖޫން 2022
މުހައްމަދު ނޫރައްދީން، ގދ. ވާދޫ/ކަރަންކާގެ. ތިޔަ ސޮރަކީ މި ވެރިކަން ގެންނަން އަމަލީ ގޮތުން އިސް ސަފުގަ އިބްރާހިމް ސާލިހުއަށް ކެމްޕޭން ކުރަން އުޅުނު ސޮރެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް