އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ ހޫދު މުހައްމަދު ޒާހިރު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި.

ކްރިމިނަލް ކޯޓު

އައިއެސްގެ މީހެއް ކަމަށް ބުނާ ހޫދަށް ބައެއް ލިޔުންތައް ނުލިބޭތީ އަޑުއެހުން ކުރިއަކަށް ނުގެންދިޔަ

އައިއެސްގެ މީޑިއާ ކެމްޕެއިންތައް ހިންގުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ ހޫދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ފަސް ދައުވާއެއް އުފުލާފައި

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކާ ހޫދު މުހައްމަދު ޒާހިރުގެ މައްސަލައިގައި އޭނާއަށް ލިބެންޖެހޭ ލިޔުންތަކެއް ލިބިފައި ނުވާތީ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފި އެވެ.

މައްސަލައިގެ ފެށުން - ދިވެހި ފުލުހުންނާއި އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ 6ގައި މާލެއިންނެވެ. އޭނާގެ މައްޗަށް މިހާރު ދައުލަތުން ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން

  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް، ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން

ވީ ކިހިނެއް؟ - އެ މައްސަލައިގައި މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ބާއްވައިފަ އެވެ.

އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތުގައި އޭނާއަށް ލިބިގެންވާ ހައްގުތައް ބަޔާންކުރައްވައިފަ އެވެ.

މައްސަލައިގެ ހުރިހާ ލިޔުންތަކެއް ހޫދަށް ލިބިއްޖެތޯ މިސްބާހު އެއްސެވުމުން އޭނާ ބުނީ، ބައެއް ލިޔުންތައް އަދި ނުލިބޭ ކަމަށެވެ.

ތަފްސީލް - ހޫދުގެ ވަކީލު މަރިޔަމް ޝީނާ ވިދާޅުވީ، ހޫދުގެ ފަރާތުން އޭނާގެ އާއިލާއިން މައްސަލަ ހަވާލު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އާއިލާއިން ބައެއް ލިޔުންތައް ދީފައިވާ ނަމަވެސް، ލިޔުންތަކުގެ ތެރޭގައި ދައުވާ ފޯމު ނެތުމުން ދެން މަދުވަނީ ކޮން ލިޔުންތަކެއް ކަމެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޔުންތައް ހޯދުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ ހޫދު މުހައްމަދު ޒާހިރު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި.

ހޫދު ބުނީ އޭނާގެ އަތަށް ދީފައި ހުރި ލިޔުންތަކުގެ ތެރޭގައި ދައުވާ ފޯމު ހިމެނުނަސް، ފުލުހުންގެ ބައެއް ރިޕޯޓުތައް ލިޔުންތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ. އެކަމަކު، އޭނާ ބުނީ ސީދާ މަދުވަނީ ކޮން ލިޔުންތަކެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

މިސްބާހު ވިދާޅުވީ، ދައުލަތުން ކޯޓާ ހިއްސާކޮށްފައިވާ ލިޔުންތަކުގެ ސެޓުގެ ކޮޕީއެއް ހޫދުގެ ވަކީލުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އެއިން ލިޔުމެއް މަދުވާ ނަމަ އެކަން ހިއްސާ ކުރުމުން އިދާރީ ގޮތުން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވަރަށް ބައިވަރު ލިޔުންތައް މަދުވާ ނަމަ މައްސަލައިގައި ހިމެނޭ ވަކީލުން ގެނެސްގެން އިދާރީ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެއަށް ފަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޝަަރީއަތުގެ މަޖިލީހުގައި ލިޔުންތަކާ ބެހޭ ކަންކަން ކަށަވަރު ކުރާ ނަމަ ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށް ވިދާޅުވެ، މިސްބާހު ނިންމެވީ، މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންގޮސް ނިންމަވާލައްވާށެވެ.

އެނގުން މުހިންމު - މީގެ ކުރިން ބޭއްވި ބަންދު އަޑުއެހުމުގައި ހޫދު ބުނެފައި ވަނީ ޓެރަރިޒަމްގެ ހަރަކާތެއް އޭނާ ހިންގާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރަންޖެހޭ ހެއްކެއް ވެސް ނުހުންނާނެ ކަމަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަން:

  • ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކުރުން

  • އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކުރުން

  • ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދިނުން







އިތުރު އާޓިކަލް

އިތުރު އާޓިކަލް