ފެނަކަ ކޯޕަރޭޝަނުން ކ. ހުރާގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތާ ހަވާލުވުމުގެ އެއްބަސްވުމުގައި ރޭ ސޮއިކުރުމަށް ފަހު އެ އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ފެނަކަ)

ފެނަކައިން ހުރާގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ

މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަސާސީ ހިދުމަތެއް ތިން ވަނަ ފަރާތަކާ ހަވާލުކުރި ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި

ފެނަކަ ކޯޕަރޭޝަނުން ކ. ހުރާގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ އިއްޔެ ހަވާލުވެއްޖެ އެވެ.

ތަފްސީލު - ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތްތައް ފެނަކައާ ހަވާލުކުރަން އެ ކުންފުންޏާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު

  • ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަސާސީ ހިދުމަތެއް ތިން ވަނަ ފަރާތަކާ ހަވާލުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތަންފީޒު ކުރެވޭނެ ހުރިހާ މަގެއް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ. (ފޮޓޯ/ފެނަކަ)

އެނގުން މުހިންމު - ފެނަކައިން ހަވާލުވުމާ ހަމައަށް ހުރާގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އައިސްފައިވަނީ އެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް