މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެސްޕީ ރަޖުނީއާ ބެހޭގޮތުން އާންމުކުރި މައުލޫމާތުގެ ކަންކަން ބަލަނީ
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރަޖުނީއާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުވާން ފެށީ މިދިޔަ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމުން ބިން ނުލިބޭ ބަޔަކަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ބިން ލިބުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވި ފަހުންނެވެ.
އެ މައްސަލައިގެ ތަހުގީގެއް ފެށީ މިދިޔަ ބުދަދުވަހު އެވެ. އަދި ތަހުގީގާ ބެހޭ ގޮތުން ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ތަހުގީގު ފެށި ފަހުން އެއް ދުވަހުގެ ތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން މައުލޫމާތު ދިން ގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން އެ ބައްދަލުވުން ސިފަކުރީ ވަކި ކޮޅަކަށް ބުރަވެގެން ފުލުހުން ބޭއްވި 'ސިޔާސީ ނޫސް ކޮންފަރެންސެއް"ގެ ގޮތުގަ އެވެ.
އެ ބައްދަލުވުމަށް ފަހު ބިމުގެ އިތުރުން ނުގަވާއިދުން ވިނަރެސް ފްލެޓުތަކެއް ދީފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރިފައިވަނީ، ރަޖުނީއަށް ވެސް ނުގަވާއިދުން ވިނަރެސް ފުލެޓެއް ދީފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުޢައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ.
— ACP Ahmed Shifan (@PoliceMvSP) December 21, 2024
ރަޖުނީއާ ގުޅޭ މައްސަލައެއް ބަލަން ފެށިއިރު، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔަކީ ވެސް އޭނާ އެވެ.
ކޮމެންޓް (2)
އެދުރު
ވިނަދާން