މާފުށި ޖަލު މަތިން؛ ޖަލުން ޑްރަގަށް ފަރުވާ ދެވޭ ނިޒާމެއް ގާއިިމްކުރާ ގޮތަށް ހަމަޖައްސަނީ (ފޮޓޯ/ މެސިމަމް)
ޑްރަގު ބިލު؛ ޑްރަގަށް ފަރުވާ ދެވޭ ނިޒާމެއް ޖަލުގައި ގާއިމުކުރާ ގޮތަށް ހަދަނީ
ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވަކި ރިމާންޑު ސެންޓަރަކަށް ގެންދިއުމުގެ ބަދަލުގައި ސީދާ ޖަލުން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި ހިމަނައިފި އެވެ.
ވީކިހިނެއް؟ - ފުލުހުންގެ ބަންދުގައި ތިބޭ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ޖެހޭ މީހުންނާއި ޑްރަގު ކޯޓުން ފަރުވާ ދިނުމަށް ކަނޑައަޅާ މީހުން މިހާރު ބައިތިއްބަން ޖެހެނީ ޑްރަގު ރިމާންޑު ސެންޓަރު ކިޔާ ތަނެއްގަ އެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުގައި އޮތް އެ ސެންޓަރު ބަޔާންކުރާ މާއްދާ އުވާލުމަށެވެ. ނަތީޖާއަކީ އެ ސެންޓަރުތައް އުވިގެން ދިޔުމެވެ.
ތަފްސީލް - އޭގެ އިތުރުން ޖަލުގައި ބަންދުކޮށްފައިވާ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ޖެހޭ މީހުން ސެންޓަރަށް ބަދަލުކުރަން ވާނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ ވަނީ ޖަލުން ފަރުވާ ދޭން ޖެހޭނެ ކަމަށް ބަދަލުކޮށް އޭގެ އިތުރު ތަފްސީލްތަކެއް ހިމަނައިފަ އެވެ. އެގޮތުން:
-
ފަރުވާ ދެވޭނެ އިންތިޒާމު ފުލުހުންގެ 'ބަންދު މަރުކަޒެއް'ގައި ހަމަޖައްސަން ޖެހޭ؛ ބަންދު މަރުކަޒުގެ ތެރޭގައި ތަހުގީގަށް ބޮޑެތި މީހުން ބަންދުކުރާ ކަސްޓޯޑިއަލް ޖަލާއި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރާ ރިމާންޑު ޖަލުތަކާއި ކުޑަކުދިން ބައިތިއްބާ ޑިޓެންޝަރު ސެންޓަރުތައް ހިމެނޭ
-
ރިމާންޑު ޖަލުތަކުގައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާނީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން
-
އެއްވެސް މީހަކަށް ޑިޓޮކްސިފިކޭޝަން އަދި އެ ނޫން ވެސް ފަރުވާއެއް ދޭން ވާނީ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒެއްގެ ބެލުމުގެ ދަށުން ސްކްރީނިން ހެދުމަށް ފަހު
-
ދިގު މުއްދަތަކަށް ބަންދުކުރެވޭ މީހެއް ނަމަ އެ މީހަކަށް ދޭން ޖެހޭ މަސްތުވާތަކެތީ ފަރުވާތައް ބެލުމަށް ޑްރަގު ޓްރީޓްމަންޓް އެސެސްމަންޓެއް ހަދަން ވާނެ؛ އަދި އެސެސްމަންޓުން ފާހަގަވާ ފަރުވާތައް ޖަލުން ދޭން ވާނެ
ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުގެ ސިޔާސަތަކީ މަރުކަޒީ އެއް ޖަލު ގާއިމުކޮށް، އެ ތަނުން ކުށްކުރާ މީހުން ގިންތިކޮށްގެން އަދަބު ތަންފީޒުކުރުމާއި ކުށުން ދުރުކޮށް މީހާ ރަނގަޅުކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ. ޑްރަގު ރިމާންޑު ސެންޓަރުތައް އުވާލުމަށް ހިމެނީ އެ ސިޔާސަތުގެ ތެރެއިން ކަމަށް ބެލެވެ އެވެ.
ކޮމެންޓް (1)
ހަސީނު