ބީއެމްއެލް އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު، ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް (ކ) ނެރެދެއްވަނީ
ބީއެމްއެލްއިން އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި
ގައުމީ ބޭންކް، ބީއެމްއެލްއިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝަރީއާގެ އުސޫލުތަކަށް ފެތޭ މި ކްރެޑިޓް ކާޑު ނެރުނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - އެމްއެލްއިން ބުނީ މިއީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދޭން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
އޭގެ އިތުުރުން އެ ބޭންކުން ބުނީ:
-
އިސްލާމިކް ވިސާ ކްރެޑިޓް ކާޑުގެ ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނާނެ ކަމަށް
-
އެ ކާޑުން ރާއްޖެ އާއި ރާއްޖޭން ބޭރުން ވިޔަފާރިކުރެވޭނެ ކަމަށް
-
އެއީ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެއް ކަމަށް
-
އެ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށް
-
ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗާ ހޯދުމަށް ވެސް އެ ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ ކަމަށް
-
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ
ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދޭ ވިސާގެ ހިދުމަތްތަކާ އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތަށް ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
"ކަސްޓަމަރުންނަށް ދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފްކުރުން ވެގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ކަލާމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިސްލާމިކްއިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު، އައު ހިދުމަތްތައް ތައާރަފްކުރަމުންނެވެ. އެގޮތުން ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފް ކޮށްފަ އެވެ.
ކޮމެންޓް (1)
މިހާލި