ގދ ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު
ރައީސަށް ހަޑި ހުތުރު ބަހުން މުއާމަލާތްކުރި ކަމަށް ބުނެ ގައްދޫ ކައުންސިލް ރައީސްގެ މައްސަލަ ބަލަނީ
ރައީސް މުހައްމަދު މުއިއްޒަށް އަދި ސަރުކާރުގެ އިސްވެރިންނަށް ހުތުރުވާ ގޮތަށް ކައުންސިލް ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަ ދެއްކެވި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އަތޮޅު ކައުންސިލްގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން އެދި އަތޮޅު ކައުންސިލް ރައީސް ފައިހަތު ގުދުރަތުﷲއަށް އެލްޖީއޭ އިން އެ ސިޓީ ފޮނުވާފައިވަނީ މި މަހު 18ގަ އެވެ.
ތަފްސީލް - އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރާ ކަމުގެ ޝަކުވާ ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށެވެ.
އެ މައްސަލަ ބަލަމުންދާކަން ފައިހަތު ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އަދި ސާފެއް ނުވެ އެވެ.
"އިދާރީ ގޮތުން އެކަން ކުރިއަށް ދާނެ. އެލްޖީއޭ އިން އަންގާ ގޮތަށް އަތޮޅު ކައުންސިލުން އަމަލު ކުރާނީ،" އެ މައްސަލައިގައި މުހައްމަދު އަހްމަދުއަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރުމުން ފައިހަތު ވިދާޅުވި އެވެ.
އެނގުން މުހިންމު - ގައްދޫ ރައީސް މުހައްމަދު އަހްމަދަކީ ޕީޕީއެމް ޓިކެޓްގައި މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފަރާތެކެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގަތް ފަހުން، ކުރިން ރައީސް މުއިއްޒަށް ތާއީދުކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމިއްލަ ޕާޓީއެއް ހެއްދެވުމުން މުހައްމަދު އަހްމަދު ވެސް ސަރުކާރާ ދެކޮޅު ހެއްދެވި ކަމަށްވެ އެވެ.
ކޮމެންޓް (1)
ހައްވާ