ހަނިމާދޫ އެއާޕޯޓު (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)
ހަނިމާދޫގައި ސީޕްލޭންގެ ހިދުމަތް ވެސް ފަށަނީ
ހދ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެ ރަށުގައި ސީޕްލޭން ޓާމިނަލެއް އަޅައި ސީޕްލޭން ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ހޯދަން މިއަދު ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގެ ސަބްކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.
ތަފްސީލް - އެ ކޮމެޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫގައި ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަނިމާދޫގައި ސީޕްލޭން ގާއިމްކުރާނަން. އަސްލު ހަގީގަތުގައި ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލްވާނީ ކައިރީގައި އޮންނަ ބެޑްތަކަށް އެކްސެސެވެގެން. އެހެންވީމަ، 180 ކިލޯމީޓަރުގެ ރޭޑިއަސްގައި، ހަނިމާދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަސިންޖަރުންނަށް މިދެންނެވި ރޭޑިއަސްގައި ހުރި ރިސޯޓުތަކަށް، ޕްރޮޕަޓީސްތަކަށް ދެވެންޏާ ހަނިމާދޫ ފީޒިބަލްވާނެ،" މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއާޕޯޓް ހުޅުވެން ވާއިރަށް ސީޕްލޭން ޓާމިނަލް ނުހުޅުވުނު ނަމަވެސް ހުޅުވުމާ އެކު ސީޕްލޭން ކުޑަ ޓާމިނަލެއް ހަދައި ހިދުމަތް ފަށަން ޕްލޭން ކުރަމުން އަންނަ ކަމަށެވެ.
"އޭރުން ހަމަ ގައިމު ވެސް ނެރޯ ބޮޑީސްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އެއް ބައި ފްލައިޓްތައް ހަނިމާދުއަށް މޫވްކުރެވޭނެ،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ:
-
އެ ތަނަށް ޖެއްސޭނީ ނެރޯ ބޮޑީ ބޯޓުތަކަށް
-
ދެން ޓާގެޓްކުރަނީ ކުދި ބޯޓުތައް ޖައްސަން
އެނގުން މުހިންމު - އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިިނުގެ ދަށުން ކުރީ ސަރުކާރުގައި ތަރައްގީ ކުރަން ފެށި އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ މާޗު މަހު އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓުސް އިންޓަނޭޝަނަލް އިންނެވެ.
-
މި މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު
-
މި މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރާއިރު، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް ވެސް ހަދާނެ
-
މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދޭނެ
ކޮމެންޓް