ޓްރީ ޓޮޕް ހޮސްޕިޓަލް. (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕުން މި މަހު ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވަނީ

މި ކޭމްޕު އޮންނާނީ މި މަހުގެ 29 އިން 30އަށް
25 ނޮވެމްބަރު 2024

ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހުގެ 29 އިން 30އަށް ލ. ގަމުގައި ދެ ދުވަހުގެ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ލ. ގަމާ ގުޅިފައިވާ އަދި ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ހެލްތު ކޭމްޕެކެވެ.

ތަފްސީލް - މި ކޭމްޕްގައި ހިދުމަތް ދޭނީ:

  • ހިތުގެ ބަލިތައް 

  • ކިޑްނީ ބަލިތައް 

  • ފުއްޕާމޭގެ ބަލިތައް 

  • ކަށީގެ ބަލިތައް 

  • ކަރުން މަތީގެ ބަލިތައް 

  • ހުޅުހުޅުގައި ރިއްސާ ބަލިތައް 

  • ދުޅަހެޔޮ ކެއުން

މީގެ އިތުރުން، ހެލްތު ސްކްރީނިން އަދި އަވަހަށް ބަލި ދެނެގަތުމާއި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ހޭލުންތެރިކަމުގެ ސެޝަނެއް ވެސް ބާއްވާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންނަކީ:

  • ޑރ. އަމިތް އަގަރްވާލް - ހިތުގެ ބަލިތަކަށް ހާއްސަ

  • ރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކަށް ހާއްސަ

  • - ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކަށް ހާއްސަ

  • - ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކަށް ހާއްސަ

  • - ޑރ. ތެހްޒީބް ފާރުގީ - ފުއްޕާމޭގެ ބަލިތަކަށް ހާއްސަ

  • - ޑރ. ޖަޔާ ޕްރަކާޝް ނާދަން - ކިޑްނީ ބަލިތަކަށް ހާއްސަ

  • - ޑރ. ޖިވާން ޕައުޑެލް - ރާއްޖެ ބައްޔަށް ހާއްސަ

  • - ރީބާ މޭރީ ތޮމްޗަން - ދުޅަހެޔޮ ކެއުމާ ބެހޭ ޑައިޓީޝަން

ބުނީ ކީކޭ؟ - "މިފަދަ ހެލްތު ކޭމްޕްތައް ބޭއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް. އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން. މި ކޭމްޕްތަކުގެ ސަބަބުން އެ މަގްސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.

ލ. ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ މި މެޑިކަލް ކޭމްޕަކީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އެގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ ގަމު ހޮސްޕިޓަލުގެ ޑޮކްޓަރުންނަށާއި ޓެކްނިކަލް މުވައްޒަފުންނަށް ލިބިގެންދާ ވަރަށް ބޮޑު ތަޖުރިބާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމުގައި އަޅުގަނޑު ދެކެން. މީގެ އިތުރުން، މި ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ބައެއް ބަލިތަކަށް ޑައިގްނޮސް ކުރެވިފައިވާ ބަލިމީހުންނަށް އެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާކަމީ އެފަދަ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް،" އޭނާ ވިދާޅުވި އެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަމްބަރު 6800026އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ އެވެ.

އެނގުން މުހިންމު - މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިއަށްގެންދާ ތިން ވަނަ ހެލްތު ކޭމްޕެވެ. މީގެ ކުރިން ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވަނީ ހެލްތު ކޭމްޕް ބާއްވާފަ އެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހެލްތު ކޭމްޕްތަކުގައި 1000އަށް ވުރެ ގިނަ މީހުން ވަނީ ޑަކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް