ދައުލަތުގެ ބަޖެޓާ މެދު ބަހުސްކުރުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ޑޮލަރު މައްސަލާގައި މެދުމިނުގެ ހައްލަކަށް ދާން ތޯރިގު ގޮވާލައްވައިފި
ދައުލަތުގެ ރިޒާވަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރަން ޓުއަރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގަވާއިދު މެދުމިނަކަށް ގެނައުމަށް މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރިސޯޓުތަކާއި މަދުވެގެން 50 ކޮޓަރީގެ ޓުއަރިސްޓު ހޮޓާތަކުން ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު މާރުކުރަން އޮތް ގަވާއިދަށް އަމަލުނުކުރެވޭނެކަން 70 އަށް ވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭއަށް އަންގައިފަ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިރޭ ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އިގުތިސޯދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ވިޔަފާރިވެރިންނާ ދިމާކޮށްލުމަކީ ކަންކަން ހައްލު ވާނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރިވެރިންނާ ދިމާކޮށްލުމުގެ ބަދަލުގައި ކުރަންވީ ކަމަކީ މަޝްވަރާކޮށްގެން ހައްލެއް ހޯދުން ކަމަށެވެ.
"ވިޔަފާރިވެރިންނަށް ފާޑުފާޑުގެ ނަންނަމުން ގޮވައި ހަޖޫ ޖަހަންވީއެއް ނޫން. ވިޔަފާވެރިންނާ އެއް މޭޒަކަށް ގޮސް މަޝްވަރާކޮށް މި ކަމުގައި މެދުމިނުގެ ހައްލަކަށް ސަރުކާރުން ދާނެ ކަމަަށް އުންމީދުކުރަން،" ތޯރިގު ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްއެމްއޭގެ އުސޫލު ބަދަލުކުރަން ވިޔަފާރިވެރިން އެދިފައިވަނިކޮށް، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ، ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު ޖެހޭނީ މާރުކުރާށޭ ހަމަ،" ރައީސް ވަރަށް ހަރު އަޑުން އެ ރޭ ވިދާޅުވި އެވެ.
ކޮމެންޓް