ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވާހަކަަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ކުރިއަށް އޮތީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަހި މުސްތަގުބަލެއް: ހަލީމް
ކުރިއަށް އޮތީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަހި މުސްތަގުބަލެއް ކަމަށާއި ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރަން އެންމެން އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ އެހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުންެނެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުތަކަށް ގެނެވޭ ތަރައްގީއަކީ ހަމައެކަނި ވަސީލަތުގެ ގޮތުން ގެނެވޭ ތަރައްގީއެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ އާ އުންމީދުތަކެއް ކަމަށެވެ.
ބުނީ ކީކޭ؟ - ހަލީމް ވިދާޅުވީ އެއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތަރުޖަމާ ކަމަށެވެ. އަދި އެކަމުގައި ރައީސްއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"މިއަދު މިފެށުނީ އާ ސަފުހާއެއް. މާދަމާ އަންނާނީ މިއަށް ވުރެ ފަހި މުސްތަގުބަލަކާ އެކުގައިކަން މި ހޮސްޕިޓަލުތައް ހިންގުމަށް ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ޔަގީންކަމާ އެކު ދަންނަވަން،" ހަލީމް ވިދާޅުވި އެވެ.
މާލޭ ހޮސްޕިޓަލުތަކުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލު ހިންގުމުގެ ޒިންމާ ހަވާލުކުރިއިރު ރައީސް މުއިއްޒުގެ އަމާޒަކީ ހިދުމަތްތައް ކުރިއަރުވައި އާ ކުރިއެރުންތަކެއް ތައާރަފުކޮށް ފާއިތުވި އަހަރުތަކުގައި މާ ބޮޑު އިސްކަމެއް ނުދީ ހީނަރުވެފައިވާ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށް ހަލީމް ވިދާޅުވި އެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެ ތަންތަނަށް ބޭނުންވާ ހިންގުމުގެ ބަޖެޓާއި މުވައްޒަފުން ރައީސް މުއިއްޒު ހަމަޖައްސަވައިދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ އަޅުގަނޑުމެންގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް،" ހަލީމް ވިދާޅުވި އެެވެ.
ކޮމެންޓް