ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި އެ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު ފަށްޓަވައިދެއްވަނީ(ފޮޓޯ/ރައީސް އޮފީސް)
ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ފަށައިފި
އައިޑީކާޑު އަދި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހަ ރަށެއްގައި އެ ހިދުމަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތުގައި ޕާސްޕޯޓާއި އައިޑީކާޑު ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - މިއަދުގެ ރަސްމިޔާތުގައި ވަނީ ގްރޭޓާ މާލެ ސަރަހައްދާއި އަތޮޅުތައް ހިމެނޭހެން ހަ ތަނެއްގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް އަލަށް ގާއިމުކޮށްފަ އެވެ. އެއީ ފަސް ތަނެއްގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތާއި ތިން ތަނެއްގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތެވެ.
ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށި ތަންތަނަކީ:
-
1-
ހުޅުމާލެ ފުރަތަމަ ފިޔަވަހި
-
2-
ހުޅުމާލެ ދެވަނަ ފިޔަވަހި
-
3-
ވިލިމާލެ
-
4-
ދ. ކުޑަހުވަދޫ
-
5-
ލ. ފޮނަދޫ
އައިޑީކާޑުގެ ހިދުމަތް ފެށި ތަންތަނަކީ:
-
1-
ހުޅުމާލެ ފުރަތަމަ ފިޔަވަހި
-
2-
ހުޅުމާލެ ދެވަނަ ފިޔަވަހި
-
3-
ކުޅުދުއްފުށި ސިޓީ
އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރާނެ ގޮތުގެ މަގު ޗާޓެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ދައްކާލައިފަ އެވެ. އެގޮތުން އަންނަ އަަހަރުގެ ތެރޭގައި އަތޮޅުތަކާއި ބައެއް ރަށްތައް ހިމެނޭހެން 21 ތަނެއްގައި އެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.
ބުނީ ކީކޭ؟ - މިއަދުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް އަންނަ އަަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ވަކި ތާރިހުތަކެއް ވެސް ރައީސް މިހާރު ދެއްވާފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް އެ ހިދުމަތް މުޅި ރާއްޖޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޑީކާޑަކީ ރައްޔިތުންގެ މުހިންމު މައުލޫމާތުތަކެއް ހިމެނޭ އެއްޗަކަށްވުމުން އެ ހިދުމަތް އަލަށް ތައާރަފުކުރެވޭއިރު ސަލާމަތީ ކަންކަން ކަށަވަރުކުރެވިފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އެގޮތުން ވިދާޅުވީ އެ ހިދުމަތް އަލަށް ފަށާ ސަރަހައްދުތަކުން ހިދުމަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން އޮތަރައިޒްކުރެވޭ ގޮތް ހަދާފައިވަނީ ހަމައެކަނި ޕްރިންޓުގެ އޮތަރައިޒޭޝަން އެކަނި ލިބޭގޮތަށް ކަމަށެވެ.
"އެހެންވީމާ މައުލޫމާތު ރައްކާތެރިކުރެވިގެންދާނެ. އެއްވެސް އިތުރު ކާޑެއް ޕްރިންޓެއް ނުކުރެވޭނެ. ކާޑެއް މަލްޓިޕަލްކޮށް ޕްރިންޓެއް ނުކުރެވޭނެ. އެކަން އަޅުގަނޑުމެން ވާނީ ޔަގީން ކޮށްފައި." އިހުސާން ވިދާޅުވި އެވެ.
ކޮމެންޓް (1)
ސިކުނޑި