ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)
ދަރަނީގެ ދެމެހެއްޓެނިވިކަމެއް ނެތް؛ ބޭރުން ލުއި ލޯނު ލިބޭނެ ކަމަކަށް ނުބެލެވޭ: އޮޑިޓް އޮފީސް
މިހާރު މި އޮތީ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލި، ކްރެޑިޓް ރޭޓިން ދަށް ހާލަތަކަށް ވުމުން އަންނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޭރުގެ ފަރާތްތަކުން ލުއި ޝަރުތުތައް ހިމެނޭ ލޯނު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓު ދިރާސާކުރާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހިއްސާކުރި ޕްރެޒެންޓޭޝަންގައި ބަޖެޓުގައި ހިމެނޭ އާމްދަނީ، ހަރަދު އަދި ފައިނޭންސިންގެ ބައިތަކުން ފާހަގަވި ކަންކަމާއި އެކަންކަމާ މެދު ދެކޭ ގޮތް ވަނީ ހިއްސާކޮށްފަ އެވެ.
ބުނީ ކީކޭ؟ - އޮޑިޓު އޮފީހުން ބުނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ބަޖެޓު ފައިނޭންސްކުރަން ނުވަތަ ދެކޮޅުޖައްސަން އެކްސްޓާނަލް ފައިނޭންސިންގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވާ ކަމަށެވެ.
"މި 6.6 ބިލިއަން ރުފިޔާއަކީ ސެކިއޯ ކުރެވިފައި ނުވާ ފައިސާއެއްކަން ބަޖެޓު ފޮތުން އަޅުގަނޑުމެންނަށް ފާހަގަވަނީ،" އޮޑިޓް އޮފީހުން ބުންޏެވެ.
"ދަރަނި ނެގުމުގައި ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލި އަދި ސޮވެރިން ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު ކޮންސެޝަނަލް ޓާމްސްގައި ބޮޑެތި އަދަދުތަކުން ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުމަށް ދަތިވާނެ ކަމަށް ބެލެވޭ."
ތަފްސީލު - އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހުށަހަޅާފައިވާ ބަޖެޓުގައިވާާ ގޮތުން:
-
ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި
-
ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި
-
އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް
-
އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގައި
އޮޑިޓް އޮފީހުން ފާހަގަކުރި އަނެއް ކަމަކީ ހަރަދު ކުޑަކުރުމުގެ މުހިންމު ކަމެވެ.
"ދައުލަތުގެ ހަރަދުތައް ބޮޑުވުމަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާ މިފަދަ ދަނޑިވަޅެއްގައި ހަރަދުތައް ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ނުވަތަ ހަރަދު ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތެއްކަން އަޅުގަނޑުމެން ފާހަގަކުރަން،" އޮޑިޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ފާހަގަކުރި ކަންތައްތަކަކީ:
-
އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން ތަންފީޒު ކުރެވޭ ކަންކަމަށް ވުމާ އެކު މިހާރު ފާސްނުކުރެވި ހުރި ގާނޫނުތައް ފާސްކުރުން މުހިންމުކަން
-
ދައުލަތަށް ނުލިބި ހުންނަ ފައިސާ ހޯދުމުގައި މީރާއަށް ބާރު ދިނުން
-
ދައުލަތަށް ލިބެން ޖެހޭ ފައިސާ މައާފުކޮށްދިނުމާއި ފައިސާ ދެއްކުމުގައި ލުއިދިނުން މިހާރަށް ވުރެ ހަރުދަނާކުރުން
-
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެތީ ދުރާލައި އެ ފިޔަވަޅުތަކަށް ހޭލުންތެރިކޮށް، މައުލޫމާތު ހިއްސާކުރުން
-
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓު ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން
ކޮމެންޓް