މަގާމުން ވަކިކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވާ ތިން މެމްބަރުން ކަނާތުން ވާތަށް؛ ސީއެސްސީގެ ރައީސް ނާސިހު، އީސީގެ ނައިބު ރައީސް ނަޝާތު އަދި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް
ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަނީ ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުގައި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސުން ހިމެނޭހެން އެ ކޮމިޝަންތަކުގެ އިތުރު މެންބަރުންތަކެއް ވަކިކުރަން ނިންމައި މަޖިލީހަށް ހުށަހަޅާފައިވަނީ ނުފޫޒަށް ލެނބުމާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މެންބަރުން ވަކިކުރަން ދާއިމީ ކޮމިޓީއަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ މަޖިލީހުގެ ރިޔާސަތަށް ސިޓީއެއް ފޮނުވާފަ އެވެ.
މަގާމުން ވަކިކުރަން އެ ކޮމިޓީއަށް ހުށަހަޅަނީ:
-
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު
-
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް
-
އޭސީސީގެ މެންބަރު ތޯހާ މުހައްމަދު
-
އީސީގެ ނައިބު ރައީސް އަލީ ނަޝާތު
-
އީސީގެ މެމްބަރުން މުހައްމަދު އާސިފް
-
އީސީގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު
ތަފްސީލް - އޭސީސީގެ ނައިބު ރައީސާއި މެންބަރު ވަކިކުރަން ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ އޭސީސީ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ.އާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މެންބަރުން ހިލާފުވެފައިވާ ކަމަށް ބުނާ މާއްދާގައި:
-
(ހ) ކޮމިޝަންގެ ވާޖިބު އަދާކުރަން މެންބަރުން އެއްވެސް ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށް ބުނެފައިވޭ
-
(ށ) ކޮމިޝަންގެ އެއްވެސް މައްސަަލައެއް ނިންމުމުގައި މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާ ގޮތުން ވިޔަސް، ނުސީދާ ގޮތުން ވިޔަސް އަމިއްލަ މަސްލަހަތެއް ހާސިލްކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ
-
އެއާ ހިލާފުވެއްޖެ ނަމަ އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ
ސީއެސްސީގެ ރައީސް ނާސިހާއި އީސީގެ ނައިބު ނަޝާތު އާއި މެމްބަރު އާސިފާއި މެންބަރު ޑރ. ޒާހިރު ވަކިކުރަން ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މައްސަލައެއް ހަށާފައިވާ ކަމަށް ބުންޏެވެ.
އެ ދެ މުއައްސަސާތަކާ ގުޅޭ ގާނޫނުގައިވާ ގޮތުން:
-
ސީއެސްސީ އާއި އީސީ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަޔަކާ އެ ކޮމިޝަންގެ މެންބަރަކު ހިލާފުވެއްޖެ ނަމަ އެ ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އެ މެންބަރަކު މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް ކުރީ ކަމަށް ބަލައި އެ މެންބަރަކު މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމަށް ބެލެވޭނެ
ގުޅުން ހުރި ކަމެއް - އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެ ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް މަޖިލީހުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް