އިސްލާމީ ގައުމުތަކުގެ ސަމިޓު ފެށުމުގެ ކުރިއަށް ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަލީލު ވާހަކަ ދައްކަވަނީ - (ފޮޓޯ/ފޮރިން މިނިސްޓްރީ)
ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް އިތުރުކުރަން އަރަބި ސަމިޓުގެ ކުރިއަށް ރާއްޖޭން ގޮވާލައިފި
ފަލަސްތީނުގެ ހައްގުގައި އިސްލާމީ އަދި އަރަބި ގައުމުތަކުން ކުރާ މަސައްކަތް އިތުރުކުރުމަށް، އެ ގައުމުތަކުގެ ސަމިޓު ފެށުމުގެ ކުރިން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ސައުދީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްއަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު ހަލީލު ދެއްވި ތަގުރީރުގައި ވިދާޅުވީ އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއް ކަމުގައި ފާހަގަކުރައްވައި، މި މަގުގައި އަމަލީ މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.
އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގަމުންގެންދާ އަމަލުތައް ކުށްވެރިކޮށް، ވަކި ގައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގުވާމީ ގާނޫނު ތަންފީޒު ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.
އ.ދ.ގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ފަދަ ޕްލެޓްފޯމްތަކުގައި އިޒްރޭލު ޖަވާބުދާރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައި، އިސްލާމީ ގައުމުތަކާ އެކު ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަސްނުޖެހެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި ހަލީލު ވިދާޅުވި އެވެ.
އެނގުން މުހިންމު - މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓަކީ ސައުދީގެ ސަރުކާރާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ލީގް އޮފް އަރަބް ސްޓޭޓްސް ގުޅިގެން ފަލަސްތީން އަދި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބާއްވާ ސަމިޓެކެވެ.
ކޮމެންޓް