ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އެޗްޑީސީ)

ބޯހިޔާވަހިކަން

ގެދޮރު އަޅަން ދޫކުރާ 'ހިޔާވެހި' ލޯނުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް %5 އިންޓްރެސްޓުގައި ދޫކުރާ ލޯނުތަކެއް. ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ 8 އޭޕްރީލް 2025ގައި
8 ނޮވެމްބަރު 2024

މުހިންމު ނުކުތާތައް

ލޯނު ދޫކުރާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން؛ އެއީ މާލެ، އަތޮޅުތައް އަދި އާބަން ސެންޓަރުތަކަށް

ލޯނު އަނބުރާ ދައްކަން ގިނަވެގެން ލިބޭނީ 25 އަހަރުގެ މުއްދަތެއް

އަލަށް ގެ އެޅުމަށާއި މަސައްކަތް ފެށުމަށް ފަހު ނުނިމި ހުންނަ ގެދޮރު ނިންމަން ވެސް މި ލޯނު ލިބޭނެ

ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.

ތަފްސީލު - މި ލޯނުތަކަށް އެދި އެޕްލިކޭޝަން ހުށަހަޅަން މިއަދު ހުޅުވާލީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް އިތުރު މައުލޫމާތު ވެސް ސާފުކުރެވޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފުރަތަމަ އެޕްލިކޭޝަންތަކަށް ހުޅުވާލާނީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. މިއަދު ހުޅުވާލާ ފުރުސަތުގައި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 8 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 11:59 އަށެވެ.

ހިޔާވެހި ލޯނު ސްކީމް

  • ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހިނުކުރުމަށް ފަހު

  • އިންޓްރެސްޓް ރޭޓު - %5

  • ލޯނު އަނބުރާ ދައްކަން - ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން)

  • ގްރޭސް ޕީރިއަޑު - ގިނަވެގެން 18 މަސް

  • އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ

  • އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ %15؛ އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު

ހިޔާވެހި ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.

ލޯނު ދޫކުރާ ތިން ކެޓަގަރީ

  • 1-

    ހިޔާވެހި ފައިނޭންސިން - ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)

  • 2-

    ހިޔާވެހި ފައިނޭންސިން - ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)

  • 3-

    ހިޔާވެހި ފައިނޭންސިން - ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)

މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ފަހުމުނާމާގައި ވަނީ ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން ރަށްވެހި ސްކީމުގައި ލޯނު ދޫކުރާނީ އެޗުޑީއެފްސީއިންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމަށް ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީއިންނެވެ.

ލޯނުގެ އާންމު ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން

  • ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ނުވަތަ ބިންތަކެއް ރަޖިސްޓްރީކޮށްފައި އޮތުން

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ލޯނެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ މީހަކަށް ނުވުން؛ ބޯހިޔާވަހިކަން ގަތުމުގެ މުއާމަލާތެއް ކޮށްފައިނުވުން

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބި، މިދިޔަ 10 އަހަރުގެ ތެރޭގައި އެފަދަ ތަނެއްގެ މިލްކުވެރިކަން ދޫކޮށްލާފައިވާ މީހަކަށް ނުވުން (މުއްދަތު ގުނުމުގައި ބަލާނީ ފޯމު ހުށަހަޅާ ތާރީހަށް)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް