ލުބުނާނުގެ ބެކާ ވެލީއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއިން ލިބުނު ގެއްލުން، ފަހަތުން ފެންނަނީ ރޯމަން ޒަމާނުގެ ޓެމްޕްލެއް.

ލުބުނާން

އޮކްޓޯބަރު 2023ން ފެށިގެން ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި 3,103 މީހުން މަރުވެ، 13,856 މީހުންނަށް އަނިޔާވެފައިވޭ

ޔޫ.އެން ސުލްހަ ބަލަހައްޓާ ސިފައިންނާއި ލުބުނާނު ސިފައިންނަށް ވެސް އަނިޔާވި ހަމަލާތަކުގައި ޔުނެސްކޯގެ ތަރިކައިގެ ތަންތަނަށް ގެއްލުން ލިބި، އެތައް ބައެއް މަރުވެފައިވޭ
8 ނޮވެމްބަރު 2024

ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަދުވެގެން 3,103 މީހުން މަރުވެ، 13,856 މީހުންނަށް އަނިޔާވެފައިވެ އެވެ.

ގާޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އެކުވެރި ލުބުނާނުގެ ހިޒްބުއްﷲއާ އެކުވެސް އިސްރާއީލުން ދަނީ ހަނގުރާމަ ކުރަމުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު އިސްރާއީލުން ވަނީ ގާޒާގައި ހިންގަމުންދާ ހަނގުރާމަ ދެކުނު ލުބުނާނަށް ފުޅާކޮށްފައެވެ. ބުރާސްފަތި ދުވަހު ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 53 މީހުން މަރުވެ، 161 މީހުންނަށް އަނިޔާވެފައިވެ އެވެ.

ދެކުނު ލުބުނާނުގެ މައި ސިޓީ ސައިޑަންއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލެބަނަން (ޔުނިފިލް) ގައި ހިމެނޭ މެލޭޝިއާގެ ފަސް ސިފައިންނާއި، ލުބުނާނުގެ ތިން ސިފައިންނާއި، ތިން އާންމު ރައްޔިތުންނަށް އަނިޔާވި އެވެ.

ޔުނިފިލްގެ ބަޔާނެއްގައި "ސުލްހަބަލަހައްޓާ ސިފައިންނާއި އާންމު ރައްޔިތުންނަށް ނުރައްކާވާފަދަ އަމަލުތަކުން ދުރުހެލިވުމަށް" ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް، "މައްސަލަތައް ހައްލުކުރަންވާނީ ހަނގުރާމައިން ނޫން، މަޝްވަރާގެ މޭޒުދޮށުން" ކަމަށް ބުނެފައިވެ އެވެ.

ލުބުނާނާއި އިސްރާއީލާ ދެމެދު 2000 ވަނަ އަހަރުގެ މެއި މަހު އ.ދ.ން ކަނޑައެޅި "ބްލޫ ލައިން" ގެ ނަމުން މަޝްހޫރު ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް ޔުނިފިލްގެ އިތުރުން ޔޫ.އެން.ޓީ.އެސް.އޯގެ އޮބްޒާވަރުން ވެސް ދެކުނު ލުބުނާނުގައި ދިގު މުއްދަތަކަށް ވަނީ މަސައްކަތްކުރަމުން ގެންގޮސްފަ އެވެ.

ލުބުނާނަށް އިސްރާއީލުން ދިން މި ހަމަލާތައް އައީ ބުދަ ދުވަހު އިސްރާއީލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް ހިޒްބުއްﷲއިން މިސައިލް ހަމަލާއެއް ދިންކަމަށް ބުނި ފަހުންނެވެ. އަދި ބުރާސްފަތި ދުވަހު އިސްރާއީލުގެ ހައިފާގެ ހުޅަނގު އުތުރުގައި ހުންނަ "ސްޓެލާ މާރިސް ކަނޑުމަތީ މޮނިޓަރިންގ އަދި ސަރވެއިލަންސް ބޭސް" އަށް މިސައިލް ހަމަލާއެއް ދިންކަމަށް ވެސް ލުބުނާނުގެ އެ ހަތިޔާރުއެޅި ޖަމާއަތުން ބުނެފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހު، އިސްރާއީލުން އެންމެ ވަރުގަދައަށް ބޮމުގެ ހަމަލާ ދިން ސަރަހައްދުތަކުގައި ހުރި ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓުތައް ރައްކާތެރިކުރުމަށް އެދި 100 އަށްވުރެ ގިނަ ލުބުނާނުގެ ޕާލިމެންޓް މެންބަރުން ވަނީ އ.ދ އަށް އިލްތިމާސްކޮށްފަ އެވެ.

ލުބުނާނުގައި ހުރި ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓުތަކުގެ ތެރޭގައި ހިޒްބުއްﷲގެ ނުފޫޒު އޮންނަ ބާލްބެކާއި ޓަޔަރުގައި ހުރި ރޯމަން އާސާރީ ތަންތަން ހިމެނެ އެވެ.

ބާލްބެކުގައި ބުދަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ތާރީޚީ ގެއެއް ހަލާކުވެ، އެ ސިޓީގައި ހުރި ރޯމަން އާސާރީތަންތަނާ ކައިރީގައި ހުރި ތާރީޚީ ހޮޓަލަކަށް ވެސް ގެއްލުން ލިބުނު ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ބުނެފައިވެ އެވެ.

ޔުނެސްކޯގެ ވެރިޔާއަށް ފޮނުވި ސިޓީއެއްގައި ލުބުނާނުގެ ޕާލިމެންޓް މެންބަރުން ބުނެފައިވަނީ "ލުބުނާނަށް ދެމުންދާ ބިރުވެރި ހަމަލާތަކުގައި އިސްރާއީލުން ވަނީ އިންސާނީ ހައްގުތައް ފުނޑާލައި އަނިޔާވެރިކަން އިންތިހާއަށް ގެންގޮސްފައި" ކަމަށެވެ. އަދި މި ސިޓީގައި "މިހާރު އަނިޔާވެރިކަން އިތުރުވެގެންދާ ދަނޑިވަޅުގައި ނުރައްކާތެރިކަމުގެ ތެރެއަށް ވެއްޓިފައިވާ" ބާލްބެކާއި، ޓަޔަރާއި، ސައިޑަން އަދި އެހެނިހެން އަގުހުރި ތާރީޚީ ތަންތަން ހިމާޔަތްކުރުމަށް އެދިފައިވެ އެވެ.

ހޯމަ ދުވަހު ލުބުނާނުގެ ބޮޑު ވަޒީރު ނަޖީބު މީގާތީ "ބާލްބެކާއި ޓަޔަރުގައި ހުރި ގަދީމީ އާސާރީ ތަންތަނާއި އެހެނިހެން ސަގާފީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި" ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައިވެ އެވެ.

މިއާއެކު، އެމެރިކާގެ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު އާ ސަރުކާރެއް އައުމުން ލުއިފަސޭހަކަމެއް ލިބިދާނެކަމުގެ އުންމީދު ލުބުނާނުގެ ބައެއް ފަރާތްތަކުން ކުރަމުންދެ އެވެ.

ޓްރަމްޕް ޖެނުއަރީ މަހު ރައީސްކަމާ ހަވާލުވެވަޑައިގަންނަވަންދެން އެއްވެސް މުހިންމު ޑިޕްލޮމެޓިކް މަސައްކަތެއް ނުހިނގާނެކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް