އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ފޮޓޯ/އެމްޑީޕީ)

ބަޖެޓް 2025

ބަޖެޓު އޮތީ އަސާސީ ހިދުމަތްތަކުން އުނިކޮށްގެން ސަރުކާރުގެ އިސްރާފު އިތުރުކުރަން: އެމްޑީޕީ

ސަބްސިޑީ، އާސަންދަ އަދި ކައުންސިލްތަކަށް ދޭ ގްރާންޓު ފަދަ ކަންކަމުން 3 ބިލިއަން ރުފިޔާ އުނިކޮށްފައިވާއިރު، ސަރުކާރުގެ ދަތުރުފަތުރާއި މިނިސްޓްރީތަކާއި އިދާރާތަކަށް ކުރާ ހޭދައިގެ ބައިތަކުން 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަމަށް އެމްޑީޕީއިން ފާހަގަކުރޭ
7 ނޮވެމްބަރު 2024

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކުން ބޮޑު އަދަދެއް އުނިކޮށްގެން ސަރުކާރުގެ އިސްރާފު އިތުރުކުރަން ހިމަނާފައިވާ ބަޖެޓެއް ކަމަށް އިދިކޮޅުން އެމްޑީޕީއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ޓެކުހާއި ހަރަދާއި ދަރަނި ވެސް ބޮޑު ބަޖެޓެއް ކަމަށެވެ.

ބުނީ ކީކޭ؟ - އަމީރު ވިދާޅުވީ އެ ބަޖެޓު ހުށަހެޅީ ހަރަދު ކުޑަކުރުމުގެ ނަމުގައި ވިޔަސް ހަރަދު ކުޑަކުރާ މިންވަރަށް ވުރެ އެކި ދިމަދިމާލުން ހަރަދު ބޮޑުކުރަން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

"މިސާލަކަށް ސަބްސިޑީ، އާސަންދަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން އަދި ކައުންސިލް ގްރާންޓް ފަދަ ކަންކަމުން، ހުށަހަޅާފައި އޮތް ބަޖެޓުން އެބަ ފާހަގަވޭ ތިން ބިލިއަން ރުފިޔާ އުނިކޮށްފައިވާކަން،" ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އެެކަމަކު އޭގެ އިތުރަށް އެބަ ފާހަގަވޭ ސަރުކާރުގެ އިސްރާފުތަކަށް އިތުރު 3.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ. އޭގެ ތެރޭގައި ބޮޑަށް ފާހަގަވެގެންދަނީ ދަތުރުފަތުރާއި މިނިސްޓްރީތަކަށް ކުރާ ހަރަދާއި އެހެނިހެން އިދާރާތަކަށް ކުރާ ހަރަދުތައް ބޮޑުވެގެން އެބަދޭ،" އަމީރު ފާހަގަ ކުރެއްވި އެވެ.

"އެއްކޮޅުން މި ފެންނަނީ ރައްޔިތުންނާ ގުޅުންހުރި އަސާސީ ހިދުމަތްތަކުގެ ތެރެއިން ހަރަދުތައް އުނިކޮށްފައި ސަރުކާރުގެ އިސްރާފުތަކަށް ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަން،" އަމީރު ވިދާޅުވި އެވެ.

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ފޮޓޯ/އެމްޑީޕީ)

'ޑެފިސިޓު ކުޑައެއް ނޫން؛ އެހެން ބުނަނީ ހިސާބުގެ މަކަރަކުން'

ސަރުކާރުން ބުނާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ 2019ގެ ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ޑެފިސިޓު ކުޑަ ބަޖެޓަށް ވާނެ އެވެ.

ބަޖެޓު ހުށަހެޅުއްވިއިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާ އިން ކަމަށެވެ.

އަންނަ އަހަރު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަވާއިރު ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގަ އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި:

  • އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް

  • މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ޑެފިސިޓު ބަޖެޓު

  • އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގައި

ނަމަވެސް އިދިކޮޅު އެމްޑީޕީއިން ވަނީ ޑެފިސިޓު ކުޑަ ބަޖެޓެއް ކަމަށް ސަރުކާރުން ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.

"ހިސާބުގެ މަކަރަކުން މި ބޭފުޅުން މިކަން ކޮށްފައި މި އޮތީ،" އަމީރު ވިދާޅުވި އެވެ.

އޭގެ ތަފްސީލު ހިއްސާކުރައްވައި އަމީރު ވިދާޅުވީ ބަޖެޓުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާ ބައެއް ހަރަދުތައް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކަނޑައަޅާފައިވަނީ ހަރަދުގެ ގޮތުގައި ނޫން ކަމަށެވެ.

"ލޯނު ދޫކުރުމާއި ކެޕިޓަލްގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް ދެވޭ ފައިސާ ކުރިން ހިމަނާފައިވާނީ ހަރަދެއްގެ ގޮތުގައި. މި ބޭފުޅުން 2025އަށް ހުށަހަޅާފައިވާ ބަޖެޓުގައި ލޯނު ދޫކުރުމާއި ސަރުކާރު ކުންފުނިތަކަށް މި ދޭ ކެޕިޓަލް ހަރަދެއްގެ ގޮތުގައެއް ނޫން ހިމަނާފައިވަނީ. އެކަމަކު އެއީ އޮފް-ބެލެންސް ޝީޓް އައިޓަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ. އެހެންވެ، އޭގެ ސަބަބުން ޑެފިސިޓު ކުޑަކަމަށް މި ދައްކަނީ އެހެން އަހަރުތަކާ އަޅާބަލާއިރު،" އަމީރު ވިދާޅުވި އެވެ.

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ފޮޓޯ/އެމްޑީޕީ)

އެގޮތަށް ބަދަލު ގެންނަނަމަ ކުރީ އަހަރުތަކުގެ ބަޖެޓު ޑެފިސިޓުގެ ވާހަކަ ދައްކަންވާނީ، އަމީރު ވިދާޅުވި ގޮތުގައި މީގެ އެ ބަޖެޓުތަކަށް ވެސް މި ބަދަލު ގެނެސްގެންނެވެ.

އަމީރު ވިދާޅުވީ އެގޮތަށް ބަދަލުކޮށްގެން ނުވަތަ އެ ކަރެކްޝަން ގެނެސްގެން ބަލައިފި ނަމަ:

  • ކުރީ އަހަރުތަކާ އަޅާބަލާ އިރު 2025ގެ ބަޖެޓަކީ ޑެފިސިޓު ބޮޑު ބަޖެޓެއް

  • އެ ބަދަލާ އެކު ކުރީ އަހަރުތަކުގެ ބަޖެޓު ޑެފިސިޓަށް ވާނީ 2022ގައި 8.4 ބިލިއަން އަދި 2021ގައި 8.8 ބިލިއަން ރުފިޔާ

"އެހެންވީމަ ހިސާބުގެ މަކަރަކުން މި ބުނަނީ 2025އަށް ހުށަހަޅާފައިވާ ބަޖެޓަކީ އެހެން އަހަރުތަކާ އަޅާބަލާއިރު ކުޑަ ޑެފިސިޓެއްގެ ބަޖެޓެކޭ. އެ ބޭފުޅުން މި ގެންނަ ބަދަލުތައް އަޅުގަނޑުމެން އެބަޖެހޭ ފަހަތަށް ދިޔަ އަހަރުތަކަށް ވެސް ގެންނަން. ގެނައިމަ ފާހަގަ މި ވަނީ ހަގީގަތުގައި 2021 އަދި 2022 އަދި އެހެން އަހަރުތަކާ އަޅާބަލާއިރު ވެސް ޑެފިސިޓު ބޮޑު ބަޖެޓެއްގެ ގޮތުގައި 2025ގެ ބަޖެޓަކީ." އަމީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް