ޑރ. ޝަޒުރާ (ކ) އަދި ޝާދިޔާ (ވ) މުޒާހަރާއެއްގައި؛ ދެ މީހުނަށް ދައުވާކޮށްފި
ޝާދިޔާ އާއި ޝަޒުރާއަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާކޮށްފި
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ހާރިޖީ މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫ ކުރަމުން ދިއުމުގެ ތުހުމަތުގައި ޝާދިޔާ އަހުމަދު އަދި ޑރ. ޝަޒުރާޝަޒްރާ އިބްރާހީމަށް ދައުވާކޮށްފި އެވެ.
ވީކިހިނެއް؟ - އެ މައްސަލާގައި އެ ދެ މީހުން ވެސް މިދިޔަ 28 އޮގަސްޓްގައި ހައްޔަރުކުރި އެވެ. ދެ މީހުން ބަންދުން ދޫކޮށްލީ 5 ސެޕްޓެމްބަރުގަ އެވެ. އެ މައްސަލާގައި މިހާރު ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.
ތަފްސީލް - ޕީީޖީ އޮފީހުން ބުނި ގޮތުގައި، ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ:
-
1-
ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން)
-
2-
އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: 1 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން)
ފަސްމަންޒަރު - ދެ މީހުން ހައްޔަރު ކުރުމަށް ފަހު، ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން އޭރު ބުނެފައި ވަނީ:
-
ޑިޕްލޮމެޓިކް މިޝަންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބަހައްޓާފައިވޭ
-
ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ދިއުމުން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް އެ މީހުންނަށް އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި
-
ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވޭ
-
ހައްޔަރުކުރީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހު
ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ޝާދިޔާ ހައި ކޯޓަށް ވެސް ދިޔަ އެވެ. ހައި ކޯޓުގައި މައްސަލަ ނިމުނީ ޝާދިޔާއާ އެއް ކޮޅަށެވެ.
އެނގުން މުހިންމު - ރާއްޖޭގެ ގާނޫނުތަކުން ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަހައްދުތަކަށް އެއްވުމަކީ މަނާކަމެވެ.
ކޮމެންޓް