މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭނީ މިހާރު ޓެކްސީ ކުރާ މީހުންނަށް ގެއްލުން ނުވާނެހެން: އަމީން

އަމީން ވިދާޅުވީ އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހުނީ ޑިމާންޑާ އެއްވަރަށް ޓެކްސީގެ ހިދުމަތް މިހާރު ލިބެމުންނުދާތީ ނިޒާމެއްގެ ތެެރެއިން އާ މިންގަނޑުތަކެއް ކަނޑައެޅުމަށް ކަމަށް

މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރިޔަސް މިހާރު ޓެކްސީގެ ވިޔަފާރީގައި އުޅޭ މީހުންގެ ވިޔަފާރީއަށް ލޮޅުމެއް ނާރާނެ ކަމަށާއި އެކަން ކުރާނީ އެ މީހުންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'މާލެ ފެހި' ޕްރޮގްރާމްގެ ދަށުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަން މިދިޔަ މަސް ތެރޭ އަމީން ވަނީ ހާމަކުރައްވާފަ އެވެ.

އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ކޮންސެޕްޓަށް ދޭނެ އެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެއް ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. މި ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމުގެ ސަބަބުން މިހާރު ޓެކްސީ ކުރާ މީހުންގެ ވިޔަފާރިއަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުންތައް ބައެއް މީހުން ދަނީ ފާޅުކުރަމުންނެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ޓެކްސީގެ ހިދުމަތް ދިނުމަށް މިހާރު އުޅޭ މީހުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް އެ ހިދުމަތް ދިނުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭނެކަން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އެ ވިޔަފާރީގައި އުޅޭ މީހުންނަށް މީގެ ކުރިން ވެސް ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް މި ދަންނަވަނީ [ޓެކްސީ] ވިޔަފާރީގައި ތިބި ބޭފުޅުންނަށް އެއްވެސް ދެރަވާނެ ގޮތަކަށް ސަރުކާރުން  އެއްވެސް ކަމެއް ނުކުރާނެ،" އަމީން ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި މިކަން ކުރަން ޖެހޭ ސަބަބާއި މީގަ އޮތް ކޮންސެޕްޓާއި މިހާރު ޓެކްސީ ކުރާ މީހުންނަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ޔަގީންކަން އަރުވަން."

އަމީން ވިދާޅުވީ:

  • މިހާރު ޓެކްސީގެ ވިޔަފާރި ކުރާ މީހުންގެ އާމްދަނީއަށް ގެއްލުން ނުވާނެ ގޮތަކަށް؛ އެގޮތަށް ނިޒާމު ބައްޓަން ކުރާނެ

  • ރައްޔިތުންގެ އާމްދަނީގެ ހާލަތަށް ބަލާއިރު ޓެކްސީގެ ފީތައް ބޮޑުކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން؛ އޭގެ ބަދަލުގައި ޓެކްސީގެ ހިދުމަތް ދޭ މިންގަނޑުތައް މައްޗަށް ޖައްސަން ޖެހޭ

  • ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުލިބޭ ގޮތަށް އެ މިންގަނޑުތައް އުފުލަން

އަމީން ވިދާޅުވި ގޮތުގައި، ޓެކްސީ ލައިންގެ ހިދުމަތެއް ސަރުކާރުން ތައާރަފް ކުރަން އުޅެނީ ޓެކްސީ ބޭނުންވާ މީހުންގެ ޑިމާންޑާ އެއްވަރަށް މިހާރު އެ ހިދުމަތް ލިިބެމުން ނުދާތީ އެވެ. އެހެންކަމުން، ޒަމާނާ އެއްގޮތަށް އާންމުންގެ ޑިމާންޑާ އެއްވަރަށް ޓްކްސީގެ ހިދުމަތް ލިބޭނެހެން ނިޒާމު ބަދަލުކުރުމަކީ އެ މަސައްކަތުގެ މަގުސަދު ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އަމީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޓެކްސީ ލައިން ހިދުމަތް ކުރިއަށް ގެންދަން ނިންމާފައިވަނީ:

  • ސަބްސިޑީ ނުދޭ ގޮތަށް، އެކަމަކު ކެޕިޓަލް އިންވެސްޓްމަންޓް ސަރުކާރުން ދޭނެ

  • ޓެކްސީ ލައިންގެ %50 މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން

  • ބާކީ %50 ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް އެ ސްލޮޓްތަކުގައި ދުއްވޭ ގޮތަށް

  • ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100ރ.އަށް ވުރެ ދަށެއް ނުވާނެ

  • ކޮންމެ ހަތް ދުވަހަކުން މުސާރަ ދޭ ގޮތަށް ވަނީ ނިންމާފައި

  • ޑްރައިވަރުންގެ ޑްރެސްކޯޑެއް އިންނާނެ؛ ޑްރައިވަރުން ތިބޭނީ ޑްރައިވަރުންކަން އަންގައިދޭ ހާއްސަ ޖެކެޓެއް ލައިގެން

  • ބިދޭސީންނަކަށް ޓެކްސީ ޑްރައިވަރުކަމެއް ނުކުރެވޭނެ

  • ޓެކްސީ ލައިންގައި މަސައްކަތްކުރި ނަމަވެސް އަމިއްލަ ޓެކްސީ ވެސް ދުއްވޭނެ

  • ވަކި ތަނަކަށް ދާން ޑްރައިވަރުންނަށް ދަތުރު ނުނެގޭނެ

  • ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނީޓާ ކުރާނެ

ކޮމެންޓް (1)

profile-image-placeholder

ހަސަން32423

5 ނޮވެމްބަރު 2024
އަޅުގަނޑަކީ މާލޭގައި ބަލި 2 ކުދިން ގޮވައިގެން ޓެކްސީ އެއް ނުލިބިގެން ވަރަށް ހާލުގައި އުޅޭ މީހެއް ، ބަސް އަށް އެރުމަކީ ބަލި ކުދިން ތަކެއް ގެ ސަބަބުން ފަސޭހަ ކަމެއް ނޫން ، މާލޭގައި ޓެކްސީ ކުރާ މީހުން މާލެ ތެރޭގައި ދުއްވާ ކަށް ބޭނުމެއް ނުވޭ ، ހުޅުމާލެވެއްޖެޔާ އޯކޭ ! މިއީ މި ސަރުކާރުން ކުރަން ވަރަށް ރަގަޅު ކަމެއް ! % ތާއީދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް