އެމްއެމްސީ އިން ބޭއްވި 11 ވަނަ ނޫސްވެރިންގެ އިނާމު ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނޫސްވެރިކަމުގެ އެވޯޑުގެ މައްސަލައެއް ތަހުގީގުކުރަން އޭސީސީން މީޑިއާ ކައުންސިލަށް ވަދެއްޖެ
ނޫސްވެރިކަމުގެ އެވޯޑް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ވަދެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭސީސީގެ ތަރުޖަމާން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ނޫސްވެރިކަމުގެ އިނާމު ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް އުސޫލުތަކުގެ ބޭރުން އެވޯޑްތަކެއް ދީ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ފަރާތަކުން ހުށަހެޅި މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުންނެވެ.
"އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އޭސީސީގެ އޮފިޝަލުން މިހާރު ދަނީ އެމްއެމްސީއަށް ވަދެ މަސައްކަތް ކުރަމުން،" ތަރުޖަމާން ވިދާޅުވި އެވެ.
ފަސްމަންޒަރު - އެމްއެމްސީން މި އަަހަރު ދިން އެވޯޑުތަކުގެ ތެރެއިން މައްސަލަ ބޮޑުވީ، ތަހުގީގީ ދާއިރާއިން އޯޑިއޯ ވީޑިއޯ ކެޓަގަރީން 'އަދަދު' ނޫހުގެ 'ސްކީލާން' ޑޮކިއުމަންޓަރީއަށް ދިން އެވޯޑަށެވެ. އެއީ ރައީސް މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ލަންކާ ރައްޔިތެއް ކަމަށްވާ ސްކީލާން ރާއްޖޭން ބޭރުކޮށްލީ ކަމަށް ބުނެ އެ މަނިކުފާނަށް ތުހުމަތުތަކެއް ކުރާ ޑޮކިއުމަންޓަރީއެކެވެ.
މި އުފެއްދުން މީޑިއާ ކައުންސިލުން ބަލައިގަތީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، އެވޯޑަށް ހުށަހެޅި އުފެއްދުންތަކަށް މާކްސް ދިން ފަނޑިޔާރުން ބަޔާނެއް ވެސް ނެރުނެވެ.
ގުޅުން ހުރި - އެ އެވޯޑު ހަފްލާ އިންތިޒާމުކުރި ފަރާތުން ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލައެއް ބަލައިދިނުމަށް ޕީއެސްއެމްއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅިގެން އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިކުރުމަށް ފަހު އަލުން ވަނީ ވަޒީފާ ދީފަ އެވެ.
ކޮމެންޓް (1)
ހަސަން23434