ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު (ދައުރު ފޮޓޯ)

އަބްދުﷲ ޖިހާދު

ޖިހާދުގެ މައްސަލަ އަނެއްކާވެސް ހައި ކޯޓުން ބޭރުކޮށްލައިފި

ރަޖިސްޓްރާގެ ނިންމުންތައް ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮވޭ. ނަމަވެސް ޖިހާދުގެ މައްސަލަ ރިވިއުކުރަން ޕީޖީން އެދޭނެ ކަމެއް އަދި ނޭނގޭ
28 އޮކްޓޯބަރު 2024

ކ. ފުށިދިއްގަރުފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ ނިންމުމުގެ އިސްތިއުނާފު ދެވަނަ ފަހަރަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ހުށަހެޅުމުން ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

ވީކިހިނެއް؟ - އެންމެ ފުރަތަމަ ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި މައްސަލަ ފޮނުވާލީ އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ތަފްސީލް - ޖިހާދު ރާއްޖެ ވަޑައިގަތުމުން ޕީޖީ އޮފީހުން ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅީ އޭރު ކޯޓުން ދިން މުއްދަތު ފާއިތުވިތާ ދެ ދުވަސް ފަހުންނެވެ. އޭރު ޕީޖީން މުއްދަތު އިތުރުކޮށްދޭން އެދުނު ނަމަވެސް ހައި ކޯޓުގައި މި ފަހަރު މައްސަލަ ރަޖިސްޓްރީ ނުކޮށްދިނީ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާގެ ނިންމުންތައް ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެ އެވެ. ނަމަވެސް ޖިހާދުގެ މައްސަލަ ރިވިއުކުރަން ޕީޖީން އެދޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެ ގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން.

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ 29 އޮގަސްޓްގަ އެވެ. މިދިޔަ މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް