ފިނޭންސް މިނިސްޓަރު މުސާ ޒަމީރު، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ކުންފުނިތަކުގެ ފަންނީ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ: ޒަމީރު
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ނުވަތަ ފަންނީ ދާއިރާތަކަށް ނިސްބަތްވާ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކުރުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު މިނިސްޓަރު ޒަމީރު ހާޒިރުކުރި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުަދު އަޒާން މަރުޒޫގު ސުވާޅު ކުރެއްވީ:
-
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާއިރު ޕައިލެޓުން ފަދަ ފެންނީ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާނެތޯ؟
ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ %10 އުނިކުރާއިރު އިންޖިނިއަރުން ޕައިލެްޓުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތައް ނުވަތަ ފަންނީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އިސްތިސްނާ ކުރަން އިރުޝާދު ލިބިފައިވާ ކަމަށެވެ.
"ސެލަރީ ދަށްވެއްޖެ ކަމަށް ވަންޏާ އެކަހަލ މުވައްޒަފުން އެހެން ދިމާލަކަށް ގޮސްފާނެ. އެކަހަލަ އިންޖިނިއަރުން ކަހަލަ ބޭފުޅުން ބޭތިއްބުން މުހިންމުވާނެ. އެހެން ވީމާ އެފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގެ ސެލަރީ ނުގަނޑާނަން،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ 12،000ރ. އަށް ވުރެ ދަށްވާ ގޮތަށް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެ ކަމަށެވެ. އަދި ފަންނީ މުވައްޒަފުންގެ ބޭރުން ބާކީ ތިބި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 90،000ރ. އަށް ވުރެ ބޮޑުވެގެން ނުދާނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިތައް ސަރުކާރަށް ބަރޯސާނުވެ ހިންގޭނޭ ގޮތެއް ހޯދުމަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރާނޭ ކަމެއް ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ކުންފުނިތަކަށް ފައިސާ ދޭން ނުޖެހޭނޭ އިންތިޒާމްތަކެއް ރާވަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ކުންފުނިތަކުން ހާސިލް ކުރަން ޖެހޭ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެގޮތަށް އަމަލުކުރުން ލާޒިމްކުރުން
-
އެ ލަނޑުދަނޑިތައް ހާސިލްކުރަން ކުންފުނިތަކުން މަސައްކަތް ކުރާ ނަމަ މުސާރަ ދިނުން ފަދަ ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ހަރަދުތައް ކުންފުންޏަށް އަމިއްލައަށް ހަމަޖެއްސޭނެ
"ވަރަށް އަވަހަށް އަޅުގަނޑުމެން މި ކަނޑައަޅާ ޓާގެޓްތައް ކުންުފުނިތަކުގެ މެނޭޖްމަންޓުތަކުން އަންނަން ޖެހޭނެ. ސަރުކާރުން ފައިސާ ދީގެން ކުންފުނި ހިންގަންޏާ ސަރުކާރުގެ ޑިޕާޓްމަންޓެއް ގޮތަށް އެ ހިނގަނީ އެތަން،" ރައީސްގެ އެންމެ ބޮޑު އިރުޝާދަކީ ކުންފުނިތައް ހިންގުމަށް ފައިސާ ދިނުން ހުއްޓާލުންކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ރައީސް ދެއްވާ ލަފަޔަކީ ކުންފުނިތަކުގެ ރިކަރަންޓް ހަރަދަށް ސަރުކާރުން ފައިސާ ދޭން ނުޖެހޭނެއޭ. ކެޕިޓަލަށް އެކަންޏެއް ދޭނީ. ދެން ކަންކަން ފަހިކޮށްދޭނީއޭ."
ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ބައެއް ކުންފުނިތައް ހިންގާފައި ހުރީ ވަރަށް ގޯސްކޮށް ކަމަށާއި ކަންކަން ވަރަށް ބޮޑަށް ބޮއްސުންލާފައި ހުރި ކަމަށެވެ. އެކަމުގެ ސަބަބުން އެފަދަ ކުންުފުނިތަކުގެ ދަރަނި ބޮޑުވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެ ތަޖުރިބާތަކަށް ބެލުމަށް ފަހު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި ޒަމީރު ވިދާޅުވީ:
-
ކުންފުނިތަކުގެ ޕްރޮކިއުމަންޓް ސެންޓްރަލް ނިޒާމަކަށް ބަދަލުކުރުން
-
ކުންފުނިތަކަށް ޗާޓަޑް އެކައުންޓެންޓެއް އައްޔަންކުރުން މަޖުބޫރުކޮށް ބަރާބަރަށް އޮޑިޓް ހަދާކަން ކަށަވަރުކުރުން
އެކަންކަން ތަންފީޒުކުރަން އޮޑިޓް އޮފީހާ އެކު މަސައްކަތް ފަށާފައިވާކަން ވެސް ޒަމީރު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ހާއްސަ ގާނޫނެއް އެކުލަވާލައި އަމަލުކުރަން ފެށުމަކީ އަމާޒެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ކޮމެންޓް