އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި މުނައްވަރު ތަގުރީރުކުރައްވަނީ
ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަޅަންޖެހޭ: ގަވަރުނަރު
ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި މަލްޓިލޭޓަރަލް ބޭންކުތަކަށް ރާއްޖޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އޭނާ މިކަމަށް ގޮވާލެއްވީ އެމެރިކާގެ ވޮޝިންޓަންގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގެ ރިޔާސަތު މި އަހަރު ބަލަހައްޓަނީ ރާއްޖެއިންނެވެ.
ބުނީ ކީކޭ؟ - މުނައްވަރު ވިދާޅުވީ ތަރައްގީ ވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑެތި ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި:
-
ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ
-
ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެ ގޮތެއް ރާވަންޖެހޭ
-
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ
-
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރާވާއިރު ކޮންމެ މެމްބަރު ގައުމެއްގެ ބޭނުންތަކާއި ގާބިލްކަމަށް ފެތޭ ގޮތަށް އެކަންކަން ކުރުން މުހިއްމު
މުނައްވަރު ވިދާޅުވީ މިކަންކަން މިމަގުން ނުކުރެވިއްޖެ ނަމަ، މީގެ 80 އަހަރު ކުރިން ބޭއްވި ބޯޑު އޮފް ގަވަރުނަރުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖޯން ޑަބުލިއު ސްނައިޑާ ފާހަގަކުރައްވާފައިވާ ގޮތަށް، ރައްޔިތުންގެ އުންމީދުތައް ތަމްސީލުކުރުމަށް "އަޅުގަނޑުމެން ފެއިލްވީ" ކަމަށެވެ.
ސްނައިޑާގެ ވާހަކަ ތަކުރާރުކުރައްވައި މުނައްވަރު ވިދާޅުވީ އައިއެމްއެފް އާއި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި ފައިސާ ފޯރުކޮށްދިނުމުގައި ނޫން ކަމަށާއި ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު އެ މުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުތައް ފެއިލް ކޮށްގެން ނުވާނެ. ވަކިން ހާއްސަކޮށް އަޅުގަނޑުމެން ތަމްސީލުކުރާ ރައްޔިތުންގެ އުއްމީދުތައް ފެއިލްވެގެން ނުވާނެ،" އޭނާގެ ވިދާޅުވި އެވެ.
މުނައްވަރުގެ ވާހަކައިގައި އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ތިން ކަމެއް ފާހަގަކުރެއްވި އެވެ. އެއީ މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށްކަން ފާހަގަކުރައްވައި ރާއްޖެއިން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް މުނައްވަރު އަލިއަޅުވާލެއްވި އެވެ.
"2028 ވަނަ އަހަރު ދިވެހިރާއްޖޭގައި %33 ކަރަންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފައި. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ %13،" އޭނާ ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
-
އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ލިބޭ. ތެލަށް ކުރަންޖެހޭ ހަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރު ފައިސާ ހަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމެއް.
-
އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑުން މިހާރު ވެސް ތައުރީފު ހައްގު މަސައްކަތްތަކެއް ކުރޭ.
-
ނަމަވެސް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބުރައަކަށް ނުވާނޭ ގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމު
-
މިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އާ ސްޓްރެޓެޖީތަކެއް އެކުލަވާލުން ވެސް މުހިންމު
ކޮމެންޓް (2)
ސަމްވަން
ހިމާރުލްގައުމު