މީޑިއާ ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި
'ދިޔަވަރު' ސައިޓުގައި ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ސަމާލުވާން މީޑިއާ ކައުންސިލުން އަންގައިފި
'ދިޔަވަރު' ވެބްސައިޓުގައި ހަގީގަތާ ހިލާފު ހަބަރު ޝާއިއުކޮށްފައި ހުންނަ ކަމަށާއި އެ ކަމަށް އާންމުން ސަމާލުވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރަޖިސްޓްރީ ނުކޮށް ހިންގާ އެ ވެބްސައިޓުގައި މިހާރުގެ ސަރުކާރުގެ ވެރިންނަށް ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ލިޔެ އެވެ. އެ ސައިޓާ ބެހޭ ޝަކުވާތަކެއް އެމްއެމްސީއަށް ހުށައެޅީ ރައީސް އޮފީހުންނެވެ.
ތަފްސީލް - މީޑިއާ ކައުންސިލުން މިރޭ ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ ރަޖިސްޓަރީ ނުކުރާ، އަދި ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސައިޓުތަކުގައި އުސޫލާއި މިންގަނޑަށް ނުފެތޭ ހަބަރާއި ކޮންޓެންޓް ފެތުރުމުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އަދި ނެތް ކަމަށެވެ.
ނަމަވެސް ރަޖިސްޓްރީ ނުކުރާ ވެބްސައިޓެއް ބްލޮކް ކުރުމުގެ ފިޔަވަޅު އަޅަން ފަށައިފި ނަމަ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ދެކޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެހެންކަމުން މީޑިއާ ކައުންސިލުން ނިންމީ އެޑްވައިޒަރީއެއް ނެރެ، އެ ވެބްސައިޓުގައި ލިޔާ ހަބަރުތަކާ މެދު އާންމުން ކަންކުރަންވީ ގޮތް ބުނެދިނުމަށެވެ.
އެޑްވައިޒަރީގައި މީޑިއާ ކައުންސިލުން އެދިފައިވަނީ:
-
'ދިޔަވަރު' ސައިޓުން ޝާއިއުކުރާ ލިޔުންތަކާއި ފަތުރާ މައުލޫމާތުތައް އެހެން މީޑިއާ ވަސީލަތްތަކުންނާއި މަސްދަރުތަކުން ކަށަވަރުކުރުން
-
ގިނަ އަދަދެއްގެ ސައްހަ ނޫން މައުލޫމާތުތައް ފަތުރަމުންދާތީ، ދިޔަވަރު ސައިޓުގައި ހުންނަ ލިޔުންތަކާއި ކޮންޓެންޓްތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމާއި ނުފެތުރުން.
-
ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި، ލިޔުންތަކުގެ ލިންކު ހުޅުވައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ހަބަރު ލިޔެފައި ވޭތޯ ޔަގީން ކުރުން
-
ދިޔަވަރު ވެބްސައިޓަކީ ވަކި ފަރާތަކަށް ވަރަށް ބޮޑަށް ޖެހިގެން ހަބަރު ފަތުރާ ބަޔަކަށް ވާތީ އެ ކަމަށް ސަމާލު ވުން.
ގުޅުން ހުރި ـ މީގެ ކުރިން މިފަދަ ބައެއް ސައިޓްތައް ސަރުކާރުން ބްލޮކް ވެސް ކުރި އެވެ. ނަމަވެސް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ހަނިކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން އެ ސައިޓުތައް ދޫކޮށްލި އެވެ.
ކޮމެންޓް (1)
ޣަދަ