ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އާއި ވަޒީރުން (ފޮޓޯ/ރައީސް އޮފީސް)
ސިޔާސީ އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ
މުހިންމު ނުކުތާތައް
މުސާރަ ކުޑަކުރަނީ 2 އަހަރު ދުވަހުގެ މުއްދަތަށް
މިިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރާނެ
ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ވަނީ ނިންމާފައި
ރައްޔިތުން މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތުން ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައި އެކަން ތަންފީޒުކުރަން އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ.
އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކުގެ ހަރަދު ކުޑަކުރަން އަޅާނޭ ފިޔަވަޅުތައް އިއުލާން ކުރައްވައިފަ އެވެ.
ތަފްސީލް - މުސާރައިގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ތަންފީޒުކުރާނޭކަން ރައީސް އިއުލާން ކުރެއްވީ ހަތަރު ފިޔަވަޅެއް އަޅާނޭ ކަމަށެވެ. އެގޮތުން ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ:
-
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
-
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން
-
ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
އެ ފިޔަވަޅުތައް އަޅާއިރު 12،000ރ. އިން ފެށިގެން ދަށުގެ މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނައުމަށް ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް…
— Dr Mohamed Muizzu (@MMuizzu) October 23, 2024
ފާހަގަކޮށްލެވޭ - މީގެ އިތުރުން ރައީސް ވަނީ މިިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކަށް ދަންނަވާނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅަނީ ރައްޔިތުން މަޖިލީހުންނެވެ.
ރާއްޖޭގެ މާލީ ހާލަތު
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
-
ރާއްޖޭގެ ދަރަންޏާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމުލަ 8.2 ބިލިއަން ޑޮލަރަށް އަރާ
-
އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %116އާ އެއްވަރުގެ އަދަދެއް؛ އޭގެ ދެ ބައިކުޅަ އެއް ބަޔަކީ ބޭރުގެ ދަރަނި
-
އޭގެ ބޮޑު ބަޔަކީ ސަރަހައްދީ ވާދަވެރިން ކަމަށްވާ ޗައިނާ އާއި އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި
މިފަހުން އިންޑިއާއިން ވަނީ ރާއްޖޭގެ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފަސްކޮށްދީފަ އެވެ. އަދި މި މަހު ވަނީ 750 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ކަރަންސީ ސްވޮޕް އެއްބަސްވުންތަކެއްގައި ރާއްޖެއާ އެކު ސޮއިކޮށްފަ އެވެ.
ކޮމެންޓް