ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތުގެ ތެރެއިން ކެނެބިސް އަދި މެތް: 314 ކިލޯގެ މަސްތުވާތަކެތި ނައްތާލި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މަގުތައް މަތީ އުޅޭ ޑްރަގަށް ދެވިހިފާފައިވާ މީހުން ހައްޔަރުކޮށް ރިމާންޑް ސެންޓަރަށް ގެންދަން ފަށަނީ

އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި، ވަންނާނެ ތަނެއް ނެތް މީހުން ހޯދަން މިއަދު ހަވީރު ނުކުންނާނެ ކަމަށް
5 ގަޑިއިރު ކުރިން

މާލޭގެ މަގުތަކުގައި އުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ހޯދައި ހޯމްލޭންޑް ސެކިއުރިޓީން ހިންގާ ރިމާންޑް ސެންޓަރުތަކަށް ގެންގޮސް ފަރުވާދޭން ފަށަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގާއިމްކުރަން ޖެހޭ އެ ސެންޓަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކ. ހިންމަފުށިގައި ހެދުމަށް ފަހު، ވަކި ހިސާބަކުން އެތަން ހިންގުން އޮތީ ހުއްޓިފަ އެވެ. އެ ސެންޓަރު އަލުން ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 15ގަ އެވެ.

ތަފްސީލް - ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު އިހުސާނު ވިދާޅުވީ ރިމާންޑް ސެންޓަރަށް މީހުން ގެންދިއުމަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި، ވަންނާނެ ތަނެއް ނެތް މީހުން ހޯދަން މިއަދު ހަވީރު ނުކުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި

  • މިއަދު އެ މަސައްކަތް ފަށައި އެންމެ ހާއްސަ އިސްކަމެއް ދޭނީ ބާޒާރުމަތީ ސަރަހައްދުގައި އުޅޭ މީހުންނަށް

  • އެ މީހުން ރިމާންޑް ސެންޓަރަށް ގެންގޮސް އެމީހުންނަށް ބޭނުންވާ ފަރުވާ ދޭނެ

  • ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެމީހުން މަގުމަތިވެފައިވާ ސަބަބުތައް ދެނެގަނެ އެކަން ހައްލުކުުރުމުގެ މަސައްކަތްތައް ކުރާނެ

ގުޅުންހުރި - ފުލުހުންގެ ކުރީގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން މީގެކުރިން 'ދައުރު'އަށް ވިދާޅުވީ މިދިޔަ ޖޫން މަހު 15 އިން ފެށިގެން ޖޫން 21 ގެ ނިޔަލަށް ހަތް މީހަކު އެ ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށެވެ.

އެތަން ހިންގަނީ، އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ.

އެނގުން މުހިންމު - މީގެ 13 އަހަރު ކުރިން، 2011ގައި ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގާއިމް ކުރަން ޖެހެ އެވެ.

އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރާ މީހުން، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް