ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ހަސަން ފަވާޒް ޝަރީއަތުގެ މަޖިލީހުގައި
ނައީމާގެ މަރު: ހެކި ހުށަހަޅަން އިތުރު ފުރުސަތަކަށް ފަވާޒު އެދިއްޖެ
ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލުމަށް ރާވައި އެކަމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ދިފާއުގައި ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ހަސަން ފަވާޒުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ހަސަން ފަވާޒް، 21، އަކީ ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މީހާ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ނައީމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އޭނާގެ ކާރު ބޭނުން ކުރި ކަމުގެ ތުހުމަތުގައި މާލެ އިންނެވެ.
އެގޮތުން:
-
ފަވާޒް އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން އެ ރޭ އެ ކާރު ދުއްވަން އިން މީހާ
-
އޭނާ މާލެ އައީ ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުން
ތަފްސީލް - އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ފަވާޒު ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތާއި ދިފާއުން ހުށަހަޅައި ހެކި ހާމަކުރުމެވެ.
އެ ފުރުސަތު ދެއްވުމުން އޭނާގެ ވަކީލު އަހްމަދު ޔާމީން މިއަދު ކޯޓުގައި އެދިވަޑައިގަތީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދެއްވުމަށެވެ. އެގޮތުން، މާދަމާގެ ނިޔަލަށް އެ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އެ މައްސަލާގައި ހުށަހަޅަންޖެހޭ ހެކިތައް ބަލައި އެކަމާ ގުޅޭ ކަންކަން ގާތްގަނޑަކަށް ނިމިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިއަދު ހެކި ހުށަހަޅަން ދަތިވާ ސަބަބަކަށް ވަކީލު ވިދާޅުވީ:
-
ކްރިމިނަލް ކޯޓުން ވަރަށް ހަލުވި މިނެއްގައި މަައްސަލަތަކުގެ ޝަރީއަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާތީ ގިނަ އަދަދެއްގެ މައްސަލަތަކުގައި އަވަދިނެތި އުޅެންޖެހުމުން ވަގުތު ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާތީ
-
މިއަދު ހެކިތައް ހުށަހެޅުމަށް މަސައްކަތް ކުރަނިކޮށް ދިމާވި ސިއްހީ އެމަޖެންސީއެއްގެ ސަބަބުން އެކަން ކުރެވިފައި ނުވާ ކަމަށް
މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މާދަމާ މެންދުރު ފަހު 2 ޖެހުމުގެ ކުރިން ހެކި ހުށަހެޅުމަށް ފަވާޒަށް ފުރުސަތު ދެއްވާފަ އެވެ. އޭގެ ފަހުން ލިއުމުން ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެއަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެއް ދައުވާ ތަކެކެވެ. މި މައްސަލާގައި ދެން ހިމެނޭ އަބްދުލްވާހިދު ރިފާސްއާއި އަހްޒަމް އަބްދުއްޝަކޫރު ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މި މައްސަލާގައި ފަވާޒުގެ މައްޗަށް ވެސް ތިން ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަކީ:
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުން
މި ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާ މަރާލާނެ ގޮތް ރާވައި، އެފަދަ މީހުން "ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން" ކަމަށް ނައީމާ މަރާލަން އެ ގެއަށް ވަތް ކަމަށް ތުހުމަތު ކުރެވޭ، އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަބްދުލްވާހިދު ރިފާސް އާއި އަހްޒަމް އަބްދުއްޝަކޫރަށް ވިސްނައިދިނީ ފަވާޒް ކަމަށެވެ.
އެއަށް ފަހު:
-
އެ އަމަލު ހިންގާނެ ދުވަސް ކަނޑައަޅައި އެކަމަށް ބޭނުންވާ ތަކެތި ހޯދައިދީ، ފަވާޒުގެ ކާރުގައި އެ މީހުން އެ ގެއަށް ގެންގޮސް އެކަން ކޮށް ނިމެންދެން ފާރައަށް މަޑުކޮށްފައިވޭ
-
ނައީމާ މާރާލުމުން ހެކި ނައްތާލުމަށް އެހީތެރިވެދީފައިވަނީ ވެސް ފަވާޒު
-
އެކަމުގެ އެޖޫރައެއްގެ ގޮތުން ރިފާސް އާއި އަހްޒަމަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވޭ
މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބަކީ މަރަށް މަރު ހިފުމެވެ. ނުވަތަ މަރުގެ ދިޔަ ދިނުމެވެ. އާއިލާއިން މަރަށް މަރު، ނުވަތަ މަރުގެ ދިޔަ ބޭނުން ނުވާ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން
މި ދައުވާ ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ނައީމާ މަރާލުމަށް ފަހު، އެކަމަށް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ފޮރުވައި، ނައްތާލުމަށް މަނަދޫގެ ދުރު ހިސާބަކަށް ރިފާސް އާއި އަހްޒަމް ގެންގޮސް ހެކި ނައްތާލުމަށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ދައުލަތުން ބުނީ އެ މައްސަލާގައި ރިފާސް ހައްޔަރުކުރުމާ އެކު، ފަވާޒް ގެންގުޅެމުން އައި ފޯން ނައްތާލައި، އާ ފޯނެއް ގަނެ ހެކި ނައްތާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެކެވެ.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
މި ދައުވާ އުފުލަމުން ދައުލަތުން ބުނެފައި ވަނީ ނައީމާ މަރާލުމަށް އެ ގެއަށް ވަތް ރިފާސް އާއި އަހްޒަމަށް ނައީމާ މަރާލަންވީ ގޮތާއި އެއަށް ފަހު ކަންކުރަންވީ ގޮތުގެ އިރާޝާދު ފޯނުން ގުޅައިގެން އެ ގޭގެ ބޭރުގައި ހުރެގެން ފަވާޒް ދީފައިވާ ކަމަށެވެ.
އެއަށް ފަހު މީހަކަށް ނުފެންނާނެހެން ކޮޓަރި ތަޅުލައި ލެޔާ އެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވުމުގެ ސަބަބުން، ނައީމާގެ ހަށިގަނޑު ހޯދުމަށް 40 ގަޑިއިރު ހޭދަވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ.