އެމްޑީޕީގެ އޮފީހުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު މީގެ ކުރިން ބޭއްވި ނޫސްވެރިނގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޑޮލަރު މާރުކުރުމުގެ ސިޔާސަތާ އެކު ކަޅު ބާޒާރުގައި ޑޮލަރު ރޭޓު ދަނީ މަތިވަމުން: އަމީރު

އަމީރު ވިދާޅުވި ގޮތުން، މިއަހަރުގެ ހުރިހާ މަހެއްގައި ވެސް ޑޮލަރުގެ އަގު ހުރީ ވޭތުވެދިޔަ ދެ އަހަރަށް ވުރެ މަތީގައި؛ ކަޅު ބާޒާރުގައި މިހާރު ޑޮލަރު ރޭޓު ހުރީ 18.64ގައި އޭނާ ކަމަށް ވިދާޅުވި
8 ގަޑިއިރު ކުރިން

ޑޮލަރު މާރުކުރުމާ ގުޅޭ ގޮތުން މި ސަރުކާރުން އެކުލަވާލާފައިވާ އާ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މަތިވަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭއިން މި މަހުގެ 2 ވަނަ ދުވަހު ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ގަވާއިދެއްގެ އިތުރުން ބޭރު ފައިސާ ގަނެ ވިއްކުމާ ގުޅޭ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ.

އާ ގަވާއިދުގައިވާ ގޮތުން، ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި މުއްދަތެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އެގޮތުން:

  • ރިސޯޓުތައް ފަދަ ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

  • ގެސްޓްހައުސް ފަދަ ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ބުނީ ކީކޭ؟ - އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑޮލަރުގެ ޑިމާންޑު މަތިވާ ނަމަ، އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ދޫކުރެވޭ ޑޮލަރުގެ އަދަދު މަދުވާނެ ކަމަށެވެ. އެ ހާލަތުގައި ޑޮލަރުގެ ކަޅު ބާޒާރު އިތުރަށް ވާނީ ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮލަރު ވިއްކާ ފަރާތްތަކުން ކަޅު ބާޒާރުގައި ރޭޓު މުސްތަގުބަލުގައި ދަށަށް ދާނެ ކަމަށް ގަބޫލުކުރާ ނަމަ މިހާރު މި ގެނައި ސިޔާސަތުގެ ސަބަބުން ބޮޑުކޮށް ހުއްޓާ ވިއްކާނެ. މިހާރު ފެންނަމުންދާ މަންޒަރަކީ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މައްޗަށް ދާ ތަން. ވީމާ ޑޮލަރު ރޭޓު ތިރިވާނެ ކަމަށް މާކެޓު ވެސް ގަބޫލު ނުކުރާކަން ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުން، މިއަހަރުގެ ހުރިހާ މަހެއްގައި ވެސް ޑޮލަރުގެ އަގު ހުރީ ވޭތުވެދިޔަ ދެ އަހަރަށް ވުރެ މަތީގަ ކަމަށެވެ. އެކަމަކު މިއަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތު އެންމެ ރަނގަޅަށް ހިނގި އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ދެއްކެވި ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • 2022 - ޑޮލަރުގެ ރޭޓު ހުރީ 17.50 އާއި 18އާ ދޭތެރޭގައި

  • 2023 - ޑޮލަރުގެ ރޭޓު ހުރީ 17 އާއި 17.50އާ ދޭތެރޭގައި

  • 2024 - ޑޮލަރުގެ ރޭޓު ހުރީ 18 އާއި 18.64ގައި

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ޑޮލަރު މާރުކުރުމުގެ އާ ސިޔާސަތާ ގުޅިގެން އޭނާ ހެއްދެވި ދިރާސާތަކުން ފާހަގަވި ކަމަކީ ފަތުރުވެރިކަމަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ކަމަށެވެ.

އޭނާ ވިދާޅުވީ:

  • ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ކުރާ ވިޔަފާރިތައް ދަށްވުމަކީ އެކަށީގެންވާ ކަމެއް؛ ސިނާއަތަށް ވަންނަ ފައިސާ ދަށްވާނެ

  • ވިޔަފާރިއަށް ކުރި ހަރަދު ހަތް އަހަރުން މިހާރު ލިބޭ ނަމަ، އެ މުއްދަތު އިތުރުވުން އެކަށީގެންވޭ 

މި ގެންނަ ބަދަލާ އެކު ވެސް ބޭންކް އިންޓަވެންޝަން ޕޮލިސީ ރަނގަޅުކޮށް، ލިބޭ ހުރިހާ ޑޮލަރެއް ބޭންކުތަކަށް ދިނުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއަށް އޭނާ ގޮވާލެއްވި އެވެ. އަމީރު ވިދާޅުވީ އާ ސިޔާސަތުގެ ތެރެއިން ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ބޭނުންކުރާނީ ސަރުކާރުގެ ކަންކަމަށާއި ސަރުކާރުގެ ދަރަނި އަދާކުރަން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް