އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު ޒަމީރު (ކ) އާއި ފޮރިން މިނިސްޓަރު ހަލީލު. (ފޮޓޯ/ރައީސް އޮފީސް)

އެމެރިކާގެ ސެންޓަވިއުއާ އެކު ހެދި އެއްބަސްވުން އުވާލައިފި

އެ އެއްބަސްވުން އުވާލީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް؛ ކުރިން އޮތް ގޮތުން ސެންޓަވިއުއަށް މަހަކު 55،000 ޑޮލަރު ދައްކަން ޖެހޭ
21 އޮކްޓޯބަރު 2024

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް ކަނޑައެޅި އެމެރިކާގެ ސެންޓަވިއު ޕާޓްނަރުންނާ އެކު ހެދި އެއްބަސްވުން ރާއްޖޭން އުވާލައިފި އެވެ.

ވީ ކިހިނެއް؟ - ރޮއިޓާސް ނިއުސް އެޖެންސީން މި މަހުގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެންޓަވިއު ހަމަޖެއްސީ ރާއްޖޭގެ މާލީ ދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ސެންޓަވިއުއާ އެކު ހެެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެކަންް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލް - ސަރުކާރުގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސެންޓަވިއުއާ އެކު އެއްބަސްވުން ހެދީ މަހަކު 55،000 ޑޮލަރު (848،100ރ.) ދައްކަން ޖެހޭ ގޮތަށެވެ. އެ އެއްބަސްވުން އުވާލީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުންނެވެ.

"ކުރި އާއި މިހާރު ވެސް ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، ދަރަންޏާ ގުޅޭ މަޝްވަރާތައް އެކި ގައުމުތަކާ އެކު ކުރެވި، ފިޔަވަޅުތަކެއްގެ އަސާސްތައް ވަނީ އެޅިފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

"އެއީ ޑޮލަރުން ދައްކަން ޖެހޭ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވާތީ، މި ވަގުތު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް، ރައީސް މުހައްމަދު މުއިއްޒުއާ އެކު ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމެވުމެއް."

ރާއްޖޭން އަމަލު ކުރަމުން އަންނަނީ، ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ދޭދޭ ގައުމުތަކާ އެކު މަޝްވަރާކޮށް، ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ރާއްޖޭގެ ދަރަންޏާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމުލަ 8.2 ބިލިއަން ޑޮލަރަށް އަރާ 

  • އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %116އާ އެއްވަރުގެ އަދަދެއް

  • އޭގެ ދެ ބައިކުޅަ އެއް ބަޔަކީ ބޭރުގެ ދަރަނި 

  • އޭގެ ބޮޑު ބަޔަކީ ސަރަހައްދީ ވާދަވެރިން ކަމަށްވާ ޗައިނާ އާއި އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި

ފާއިތުވި ހަފުތާތަކުގައި އެ ދެ ގައުމުން ވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ، ދަރަނީގެ މައްސަލައާ ގުޅިގެން އިންވެސްޓަރުންގެ ކަންބޮޑުވުންތަކަށް ލުއިދީ، ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް ހަރުދަނާ ކުރުމުގެ ގޮތުން ޗައިނާއިން ވަނީ މިދިޔަ މަހު ރާއްޖެއާ އެކު މާލީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

އިންޑިއާ އިން މިދިޔަ މަހު ވަނީ ރާއްޖޭގެ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފަސްކޮށްދީފަ އެވެ. އަދި މި މަހު ވަނީ 750 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ކަރަންސީ ސްވޮޕް އެއްބަސްވުންތަކެއްގައި ރާއްޖެއާ އެކު ސޮއިކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް