އެސްއޯއީ ކޮމެޓީގެ ހައުސިން ދާއިރާގެ ކުންފުނިތަކުގެ ހާލަތު ދިރާސާކުރާ ސަބް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)
އެޗުޑީސީއާއި އެފްޑީސީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެސްއޯއީ ސަބް ކޮމެޓީން އެއްކުރަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ސަބް ކޮމެޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެގޮތަށް ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހައުސިން ދާއިރާގައި ހިމެނޭ ކުންފުނިތައް ކަމަށްވާ އެޗުޑީސީ އާއި އެފްޑީސީގެ ހާލަތު ދިރާސާކުރަން އެކުލަވާފައިވާ އެސްއޯއީ ކޮމެޓީގެ ސަބް ކޮމެޓީ 7އިން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގަ އެވެ.
ތަފްސީލު - އެޗުޑީސީ އާއި އެފްޑީސީއާ ސުވާލުކުރަން ހުށަހެޅުއްވީ ސަބް ކޮމެޓީގައި ތިއްބަވާ ހަތަރު މެމްބަރުންގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެވެ.
އެ ކުންފުނިތަކުން އޮޅުންފިލުވަން ނާޒިމް ހުށަހެޅުއްވި މައިގަނޑު ކަންތައްތަކަކީ:
-
މިހާރު އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ތަފްސީލު
-
މަޝްރޫއުތަކުގެ ތާވަލާއި ނިމެނޭ ދުވަހާއި ގޮންޖެހުންތައް
-
އެފްޑީސީއިން 4،000 ފްލެޓު އަޅާ މަޝްރޫއު ނިންމުމުގެ ތާވަލު
-
ހިޔާ އާއި ވިނަރެސްގެ ހުރިހާ ފްލެޓުތަކެއް ކުއްޔަށް ދެވުނުކަން؛ އެ ތަންތަނާ ގުޅޭގޮތުން ހަވާލުކޮށްފައިވާ ކަންކަން ބަރާބަރަށް ކުރިއަށްދޭތޯ ބެލުން
-
އެޗުޑީސީގެ ސަބްސިޑިއަރީއަކަށް އެފްޑީސީ ބަދަލުކުރުމުގެ މައުލޫމާތު
-
އެޗުޑީސީއިން ގުޅީފަޅު ދޫކޮށްލަން ނިންމީތޯ
ބުނީ ކީކޭ؟ - ސަބް ކޮމެޓީގައި އިންނަވާ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ 'ދައުރު'އަށް ވިދާޅުވި ގޮތުގައި ނާޒިމް ހުށަހެޅުއްވި ކަންކަމާ ގުޅޭގޮތުން ސަބް ކޮމެޓީން ފާސްކުރީ ލިޔުމުން މައުލޫމާތު ހޯދުމަށެވެ.
ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ، ނަމަވެސް އެ ސަބް ކޮމެޓީގައި އިންނަވާ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު ވިދާޅުވި ހޯދާ މައުލޫމާތުގެ ތެރޭގައި އެޗުޑީސީގެ ދަށަށް އެފްޑީސީ ގެނައުމާ ގުޅޭ އަޕްޑޭޓުތަކާއި މަޝްރޫއުތަކުގެ މައުލޫމާތު ހޯދުން ހިމެނެ އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ ޔައުމިއްޔާ އަދި ލިބިވަޑައިނުގަންނަވާތީ 4،000 ފްލެޓުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯދަން ނިންމިކަން ޔަގީންނުވާ ކަމަށެވެ.