މީރާ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީރާ

ޓެކްސް ނުދައްކައިގެން އެކައުންޓް ހިފެހެއްޓޭ ގޮތް ހަރުކަށިކޮށްފި

ކުރިން އޮންނަ ގޮތުން އެކައުންޓް ފްރީޒް ކުރެވޭނީ ނޯޓިސް ދިނުމަށް ފަހު ދެ މަސްދުވަސް ހަމަވުމުން؛ އާ އުސޫލުގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ނޯޓިސް ދިނުމަށް ފަހު އެކައުންޓް ފްރީޒް ކުރެވޭނެ
20 އޮކްޓޯބަރު 2024

ބޮޑެތި އަދަދުތަކުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުން ނުވަތަ ފްރީޒްކުރުމުގެ އުސޫލު ހަރުކަށިކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ އުސޫލު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މިއަދު އިސްލާހުކޮށް، ގެޒެޓު ކޮށްފަ އެވެ.

އެ އިސްލާހުގެ ދަށުން، މީރާ އިން ނޯޓިސްް ފޮނުވުމާ އެކު ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެކައުންޓް ފްރީޒް ކުރެވިދާނެ އެވެ. ކުރިން އޮންނަ ގޮތުން، އެކައުންޓް ފްރީޒް ކުރެވޭނީ ނޯޓިސް ދިނުމަށް ފަހު 60 ދުވަސް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެވެ.

ތަފްސީލް - އާ އުސޫލުގެ ދަށުން، ނޯޓިސް ދިނުމަށް ފަހު އެކައުންޓް ފްރީޒް ކުރަން ހަމަވާން ޖެހޭ ޝަރުތުތަކަކީ:

  • ފައިސާ އަކީ ޖޫރިމަނާ އާއި އިންޓްރެސްޓް ނުލައި މީރާ އިން ކަނޑައަޅާ މިންވަރަކަށް ވުރެ މަތީ އަދަދަކަށް ވުން

  • ފައިސާއާ ގުޅޭ ގޮތުން އިންސްޓޯލްމަންޓަށް ބަލާހައިގެން ފައިސާ ދެއްކުމުގެ އުސޫލުގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން

  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ %100 ނުވަތަ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ލިބެން ޖެހޭ ފައިސާއެއް ނުލިބުމާ ގުޅިގެން ނުދެއްކިވާ ފައިސާއެއް ކަމުގައި ނުވުން

  • ނުދައްކާ ފައިސާއާ އަޅައިކެނޑޭނެ އެއްވެސް އިތުރު ފައިސާއެއް މީރާގެ ރިކޯޑުގައި ނެތުން

ގެޒެޓުގައި މިއަދު މި އިސްލާހު ޝާއިއު ކުރުމާ އެކު އާ އުސޫލަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް