އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)
ބަޖެޓުގެ ތަފާސްހިސާބުތައް ޝާއިއު ނުކުރަނީ ހަގީގަތް އޮޅުވާލަން: އަމީރު
ބަޖެޓުގެ ތަފާސްހިސާބުތައް ދެން އާންމުކުރަން ފަށާނީ ކުރީ ސަރުކާރުން 'ހަދާފައިވާ ގޯސްތައް' ސާފު ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެފައިވަނީ ހަގީގަތް އޮޅުވާލަން ކަމަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކުރީ ސަރުކާރުން ހަރަދުތައް ރިކޯޑު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
ހަމަ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވި ގޮތުގައި:
-
ހަރަދު ކުރުމަށް ފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި މިދިޔަ ސަރުކާރުން ވަރަށް ގިނަ ހިސާބުތައް ޖަހާފައިވޭ
-
އެއީ ގާނޫނުއަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުން ދިޔަ ކަމެއް
-
އެ މައްސަލަތައް ބަލަން ސަރުކާރުން ވަނީ ނިންމާފައި
އެއާ އެކު، ޒަމީރު ވިދާޅުވެފައިވަނީ، މާލީ ކަންކަމާ ބެހޭ ގޮތުން ހަފްތާއަކު އެއް ފަހަރު ސަރުކާރުން ހާމަކުރަމުންދާ ތަފާސްހިސާބު ދެން ހާމަކުރަން ފަށާނީ، ކުރީ ސަރުކާރުން ހިސާބުތައް ރިކޯޑު ކުރުމުގައި ހުރި މައްސަލަތައް ސާފު ކުރުމަށް ފަހު ކަމަށެވެ.
ބުނީ ކީކޭ؟ - "ތަފާސްހިސާބުތައް ޝާއިއު ނުކޮށް ތި އުޅެނީ، އެއްވެސް މަޝްރޫއެއް ނުހިނގާ އިރު ވެސް، ބަޖެޓުގެ ހަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، އަސްލު ހަގީގަތް އޮޅުވާލަން،" އެކަމަށް ރައްދު ދެއްވައި އަމީރު އިއްޔެ 'އެކްސް'ގައި ލިޔުއްވި އެވެ.
"49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތަށް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނިތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނި. ބަލާ ކަމެއް ބަލާފައި ވެސް ތަފާސްހިސާބުތައް ޝާއިއު ކުރާހާ ދުވަސްވެއްޖެ."
އަމީރުގެ އިތުރުން، ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެ މައްސަލައާ ގުޅިގެން އޭނާގެ ހިޔާލު ވެސް ފާޅުކުރައްވާފަ އެވެ.
"ބަލަން ޖެހޭ ކަމަށް ދެކޭ މައްސަލަ ލަސްނުކޮށް ބަލައި އެކަމު އެކަންކުރުން އެއީ މާލީ ހިސާބު، ގާނޫނުގައިވާ ގޮތުގެ މަތިން، ހާމަ ކުރަން ދައްކާ ބަހަނާއަކަށް ވެގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.
ގުޅުން ހުރި - މި އަހަރުގެ ބަޖެޓުން ހަރަދުތައް ހަަމަޖެއްސުމަށް ދަތިވާނެތީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ޒަމީރު ވިދާޅުވި ގޮތުގައި:
-
ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި ނަމަވެސް އެއީ ސީދާ ކިހާ އަދަދެއްގެ ބަޖެޓެއްކަން އަދި ބުނާކަށް ނޭނގޭ
-
ލަފާކުރެވެނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށް؛ 10 ބިލިއަން ރުފިޔާއާ ހަމައަށް ދާނެ ކަމަކަށް ނުބެލެވޭ
ފާހަގަކޮށްލެވޭ - މިިދިޔަ ދެ އަަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވާނެތީ އޭރު ވެސް ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރި އެވެ. އެގޮތުން މިދިޔަ 2023 ވަނަ އަހަރުގެ ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވާތީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި އެވެ.
މި ހިނގާ 2024 ވަނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް (1)
ނާށިވބަރަވެލި