ޔަހްޔާ ސިންވާރު: އޭނާ އަވަހާރަކޮށްލީ މިދިޔަ ބުދަ ދުވަހު.

ހަމާސްގެ ވެރިޔާ ސިންވާރު އަވަހާރަކޮށްލުމުން އަދާލަތުން ތައުޒިޔާ ކިޔައިފި

އިޒްރޭލުން ދިން ހަމަލާއެއްގައި ސިންވާރު އަވަހާރަކޮށްލީ މިދިޔަ ބުދަ ދުވަހު
20 އޮކްޓޯބަރު 2024

މިދިޔަ ބުދަ ދުވަހު ގާޒާގެ ދެކުނުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު އަވަހާރަވުމާ ގުޅިގެން އަދާލަތު ޕާޓީން މިއަދު ތައުޒިޔާ ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސިންވާރު އަވަހާރަވީ ގައްޒާގެ ދެކުނުގައި އިޒްރޭލުން ޕެޓްރޯލް ކުރަމުން ދިޔައިރު ދިން ހަމަލާތަކެއްގަ އެވެ. އެ ހަމަލާގައި ސިންވާރު އަވަހާރަވިކަން އިޒްރޭލަށް އެނގުނީ އެއް ދުވަސްފަހުން ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ތަފްސީލް - ސިންވާރު އަވަހާރަކޮށްލުމާ ގުޅިގެން އަދާލަތުން މިއަދު ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ އެ ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށާއި ސިންވާރުގެ އާއިލާ އާއި ފަލަސްތީނުގެ ރައްޔިތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސިންވާރަކީ މަސްޖިދުލް އަގްސާ މިނިވަން ކުރުމަށާއި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން މަސައްކަތްތައް ކޮށްފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން، ސިންވާރުގެ ތައާރަފެއް ވެސް ވަނީ އެ ބަޔާނުގައި ހިމަނާފަ އެވެ. އެގޮތުން:

  • ސިންވާރަކީ ހަމާސްގެ އެންމެ ފާހަގަކުރެވޭ ގާއިދުންގެ ތެރޭގައި ހިމެނޭ ފަރާތެއް

  • އިޒްރޭލުން އެންމެ ޖެހިލުންވާ ގާއިދުންގެ ތެރޭގައި ސިންވާރު ހިމެނޭ

  • އަގްސާ މިނިވަން ކުރުމަށް ސިންވާރު ކުރި މަސައްކަތްތަކުގައި 1982ގައި އިޒްރޭލުން ވަކިން ހަދާފައިވާ ޖަލަކަށްލި

  • އޭގެ ފަހުން މިނިވަންވެ، އަނެއްކާވެސް 1988ގައި އިޒްރޭލުގެ ޖަލު ހުކުމެއް އިއްވައި 23 އަހަރު ވަންދެން ޖަލުގައި ހޭދަކުރެއްވި

  • ޖަލުން މިނިވަންވީ 2011ގައި ކުރިއަށް ގެންދިޔަ އަސީރުން ބަދަލުކުރުމުގެ ތެރެއިން

  • 1989، 2014، 2021 އަދި 2023ގައި އޭނާގެ ގެކޮޅަށް ބޮން އަޅައި ގޮއްވާލި

  • ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2012ގައި

  • 2013ގައި ގާޒާ ތެރޭގެ އަސްކަރީ މަސައްކަތްތަކުގެ އެންމެ މަތީ ޒިންމާ ހަވާލުކުރި؛ 2015ގައި އެމެރިކާގެ ބްލެކްލިސްޓުގައި ނަން ހިމަނައި ޓެރަރިސްޓެއްގެ ގޮތުގައި އިއުލާނުކުރި

  • ހަމާސްގެ ސިޔާސީ ގޮފީގެ ރައީސްކަން 2017 އިން ފެށިގެން އައީ ކުރައްވަމުން

އެނގުން މުހިންމު - ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި އިޒްރޭލުގެ ބާރު ދެމެހެއްޓުމަށް އެހީވާ ގައުމުތަކަކީ މި ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ހަރަކާތުގައި ބައިވެރިވާ ގައުމުތަކެއް ކަމުގައި ބެލެވިދާނެ ކަމަށް އދ.ގެ މާހިރުން ވަނީ ތުހުމަތުކުރައްވާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް