ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު

ހަމާސް

ސިންވާރު އަވަހާރަކޮށްލެވިއްޖެކަމުގެ ޔަގީންކަން ބޮޑުކަމަށް އިޒްރޭލުން ބުނެފި

ފުނޑުފުނޑުވެފައި އޮތް އިމާރާތެއްގެ ތެރެއިން ފެނުނު ހަށިގަނޑެއްގެ ޑީއެންއޭ ޓެސްޓްތައް އިޒްރޭލުން އަންނަނީ ހަދަމުން. ސިންވާރުގެ ޑީއެންއޭ އިޒްރޭލްގެ އަތުގައި އެބަ ހުރި
17 އޮކްޓޯބަރު 2024

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލެވިއްޖެކަމުގެ ޔަގީންކަން ބޮޑުކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގާޒާގައި އަދިވެސް ނުރައްކާތެރި އެތައް ހަމަލާއެއް ކޮންމެ ދުވަހަކުހެން ދެމުން ގެންދާ އިޒްރޭލްގެ ރަސްމީ ބައެއް ފަރާތްތަކުން ބުނީ ސިންވާރުގެ ސިފަތައް ހުރި ހަށިގަނޑެއް، އިމާރާތެއްގެ ތެރެއިން ފެނިއްޖެ ކަމަށެވެ.

ތަފްސީލް - އިޒްރޭލްގެ އަސްކަަރީ ރޭޑިއޯއިން ބުނާ ގޮތުގައި މިއީ ގާޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގައި އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަންގެ ނަތީޖާ އެވެ. އެ ހަމަލާގައި ހަމާސްގެ ތިން މީހަކު މަރާލެވުނު ކަމަށް ވެސް ބުންޏެވެ.

އިޒްރޭލްގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުގައި ފެނުނު ތިން ހަށިގަނޑުގެ ތެރޭގައި ސިންވާރުގެ ސިފަތައް ހުރި ހަށިގަނޑެއް ވެސް ހިމެނެ އެވެ.

އިޒްރޭލުން ގާޒަށް ދިން ހަމަލާއެއްގައި އިމާރާތްތަކެއް ފުނޑުފުނޑުވެ، ހިރަފުސްގަނޑު މައްޗަށް އަރާފައި

ސިންވާރަކީ އިޒްރޭލްގެ ޖަލުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ޑީއެންއޭ ފަދަ އެތައް މައުލޫމާތެއް އިޒްރޭލްގެ އަތުގައި އެބަ ހުއްޓެވެ.

ޖަލުން ސިންވާރު ދޫކޮށްލީ 2011ގައި އިޒްރޭލްގެ ސިފައިންގެ މީހެއްގެ ބަދަލުގައި މިނިވަންކުރި ފަލަސްތީނުގެ އެތައް ސަތޭކަ ބައެއްގެ ތެރޭގައި ހިމެނިގެންނެވެ. އޭގެ ފަހުން ވެސް ސިންވާރު ގެންދެވީ އިޒްރޭލާ ދެކޮޅަށް އަސްކަރީ ހަމަލާތައް ރާއްވަވަމުންނެވެ.

ހަމާސްގެ އެންމެ އިސް ލީޑަރަކަށް އޭނާ ހަމަޖެއްސީ، އީރާންގައި އުޅުއްވަނިކޮށް އިޒްރޭލްގެ ހަމަލާއެއްގައި ކުރީގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަވުމުންނެވެ.

އިޒްރޭލުން ދެކޭ ގޮތުގައި 7 އޮކްޓޯބަރު 2023ގައި އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިއަކީ 61 އަހަރުގެ ސިންވާރެވެ.

އެ ހަމަލާއާ ގުޅިގެން އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ސިންވާރު އުޅުއްވަމުން ގެންދެވީ ބިންގަރާސްތަކުގައި ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް