މަޖިލީހުގެ ޖަލްސާއެއްގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ދައުލަތުގެ ދަރަނި ބޮޑުވުމާއި ލޯނު ނެގުމާއި ބޭކާރު ހަރަދުގެ ވާހަކައިން ރާއްޖޭގެ ސިޔާސީ ޒުވާބު، ރައްޔިތުންގެ މަޖލިހުގައި ވެސް ދަނީ ކުރިއަށެވެ.
ވީ ކިހިނެއް؟ - އިއްޔެ އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޓޫރިޒަމްގެ އާ ޓެކްސްތަކާ ބެހޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަ އާއި ސަރުކާރުގެ މެމްބަރުންގެ ވާހަކަތަކުގައި ވެސް އޮތީ އެ ރަހަތަކެވެ.
ތަފްސީލް - އެ ބަހުސްގައި މަތިވެރި ދާއިރާގެ ޕީއެންސީ މެމްބަރު ހަސަން ޒަރީރު ކުރީ ސަރުކާރަށް ފާޑުވިދާޅުވީ ގައުމުގެ އަގުހުރި މުދާ ހިލޭ ބެހި މައްސަލައިގަ އެވެ. އެއީ ކޮން މުދަލެއްކަމާއި ބެހީ ކޮން ބަޔަކަށް ކަމެއް ވިދާޅެއްނުވެ އެވެ. އެކަމަކު އޭނާގެ އެ ވާހަކައިގެ އަމާޒަކީ ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ހިލޭ ބިން ދިން މައްސަލަކަން އެނގެ އެވެ.
"އެއް ފެމިލީއަަކަށް 120 މިލިއަން ރުފިޔާގެ އެސެޓް އެބަހުރި ހިލޭ ފޮތިފޮއްޗަށް ބަހާލާފައި،" ޒަރީރު ވިދާޅުވި އެވެ.
އޭގެ ކުރިން މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ އާއިލާއެއް ބަނގުރޫޓުވެއްޖެ ނަމަ އެ އާއިލާއަކުން ވެސް ކުރާ ކަމަކީ އަތުގައި ހުރި ދޯންޏާއި ގެދޮރު ކަހަލަ މުދާ ވިއްކުން ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް އަވަށްޓެރިޔާއަށް ހިލޭ ބަހާ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެންނަމަވެސް މާ ފުންނާބު އުސް ބޭފުޅުންތަކެއް ނިމިދިޔަ ފަސް އަހަރު ދިވެހިރާއްޖޭގެ އިގުތިސާދު ބައްޓަންކޮށް، ތަރުތީބުކުރެވިގެން އެ ވާހަކަ މާ ބޮޑުކޮށް ދައްކަމުން ދާއިރުގައި، ގައުމު ދަރާވިކިފައި އޮއްވާ ގައުމުގެ އެންމެ އަގުބޮޑު ސަރަހައްދުން އެސެޓްސްތަކެއް ވަކި ބަޔަކަށް، ގާނޫނުއަސާސީގެ ރޫހާ ހިލާފަށް، [ބަހާލީ]،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމު ހާލުގައި ޖެހޭ އިރު ވިއްކާލެވެން ހުންނަ އަގުބޮޑު މުދާ ބަހައްޓަން ޖެހޭނެ އެވެ.
"ވިއްކާލެވޭނެ އަގުހުރި އެސެޓްތައް ހިލޭ ބަހާލައިގެން އަޅުގަނޑުމެން ތިބޭ ތިބުމަކީ ހަގީގަތުގައި އިގުތިސާދީ ގޮތުން އަޅުގަނޑު ދަންނަ ކަމެއް ނޫން،" ޒަރީރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ހުޅުމާލެއަކީ ރާއްޖޭގެ އެންމެ އަގުބޮޑު ބިމެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނަށް، ހުޅުމާލޭ ދޭއްގެ ގާތްގަނޑަކަށް ހުރިހާ ބިމެއް ވަނީ މާލޭ ރައްޔިތުންނަށް ހިލޭ ގޯއްޗަށް ދޫކޮށްފަ އެވެ. އޭގެ ސަބަބުން އެޗުޑީސީއަށް ލިބޭނެ މާލީ ގެއްލުން ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް (1)
ކަލޯޖް