ރާއްޖޭގައި މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބިޔަ މަޝްރޫއުގެ ފަހުމުނާމާގައި ސްޓެލްކޯ އާއި ޗައިނާގެ ޓީބީއީއޭ ކޯ ލިމިޓެޑުން ސޮއިކުރުން.
ރާއްޖޭގެ އެންމެ ބިޔަ ހަކަތައިގެ މަޝްރޫއު ޗައިނާ ކުންފުންޏަކަށް
ތިލަފުށީގައި 150 މެގަވޯޓުގެ 'ޑުއަލް ފިއުލް' ޕަވަ ޕްލާންޓެއް އެޅުމާއި މާލެއިން ތިލަފުއްޓާ ހަމައަށް އިންޓަކަނެކްޝަން ޓްރާންސްމިިޝަން ލައިނެއް އެޅުމާ ގުޅޭގޮތުން ސްޓެލްކޯ އާއި ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑް ކުންފުންޏާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހަކަތައިގެ ސިނާއަތުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ.
ބުނީ ކީކޭ؟ - އެ އެމްއޯޔޫއާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިއީ ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ ފެންވަރު ރަނގަޅުކުރަން ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފަހުމީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެ ފަހުމުނާމާގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ގޮތުގައި ފާހަގަކުރެއްވީ:
-
ކެޕޭސިޓީ މަތި ޓްރާންސްމިޝަން ލައިނެއް އެޅުން؛ މި ލައިނުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާނެ
-
150 މެގަވޯޓުގެ ޑުއަލް ފިއުލް ޕަވަ ޕްލާންޓެއް އެޅުން
-
ބޮޑުވަމުން އަންނަ ހަކަތައިގެ ޑިމާންޑަށް ހައްލުތައް ހޯދުމުގައި ދެމެހެއްޓެނިވި ގޮތްތަކަށް އިސްކަންދިނުން
We are thrilled to announce that STELCO has officially signed a Memorandum of Understanding with TBEA Group Co., Ltd., China. This landmark agreement is a significant step forward in enhancing the Maldives’ energy infrastructure.
— Hussain Fahmy (@HussainFahmy09) October 16, 2024
Key highlights of the partnership include:… pic.twitter.com/wHSnKh54w6
ތަފްސީލު - އެ އެމްއޯޔޫއާ ބެހޭ އިތުރު ތަފްސީލު 'ދައުރު'އަށް ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ފަހުމުނާމާގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި ދިރާސާ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޓްރާންސްމިޝަން ލައިން އެޅޭނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށެވެ.
ޑުއަލް ފިއުލް ނުވަތަ ޑީސަލާއި ގޭހުން ހިންގާ 150 މެގަވޯޓުގެ އިންޖީނުގެ އަޅަން ނިންމާފައިވަނީ ތިލަފުށީގަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ މިހާރު މާލެ އާއި ހުޅުމާލޭގެ އިންޖީނުގެތަކުގެ ޖުމްލަ ކެޕޭސިޓީއަށް ވުރެ ވެސް މަތި އިންޖީނުގެއެކެވެ.
ޓީބީއީއޭ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ސްޓެލްކޯއިން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.
ކޮމެންޓް